ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން މިހާތަނަށް ބޭއިންސާފުން ނިންމާފައިވާ ނިންމުންތަކާއި، އެކި ކަންކަމުގައި ހައްގު ގެއްލިފައިވާ ފަރާތްތަކަށް އިންސާފު ހޯދައިދިނުމަކީ ކޮންމެހެން ކުރަންޖެހޭ މަސައްކަތެއްކަމަށް މޯލްޑިވްސް ރިފޯމް މޫވްމެންޓުން (އެމްއާރްއެމް) ބުނެފިއެވެ.
އެމްއާރްއެމްއިން މިހެން ބުނެފައިވަނީ ބައިނަލް އަގުވާމީ އިންސާނީ ހައްގުތަކުގެ ދުވަހާ ގުޅިގެން އެ ޕާޓީއިން ނެރުނު ނޫސް ބަޔާނެއްގަ އެވެ. އެމްއާރްއެމްއިން ބުނީ އިންސާނީ ހައްގުތަކަށް އަރައިގަތުމާއި، އެފަދަ ކަންކަމުގަ އަޅަންޖެހޭ ފިޔަވަޅުތައް ނާޅައި އިހްމާލުވުމަކީ އާދައިގެ ކަމެއްގެ ގޮތުގައި ވެފައި އޮތްއޮތުން ބަދަލުކޮށް، އިންސާނީ ހައްގުތައް ރައްކާތެރިކުރާނޭ ކަމުގެ ކަށަވަރުކަމާއި، ގެއްލި ދިޔަ އިތުބާރު އަލުން ގާއިމްކުރެވޭނީ ފާއިތުވެ ދިޔަ ތަނުގައި ހިއުމަން ރައިޓްސް ކޮމިޝަނުން ހިންގި އިހުމާލުގެ އަމަލުތައް ރަނގަޅަށް ބެލި، ހައްގު ގެއްލުނު ފަރާތްތަކަށް އިންސާފު ހޯދަދީގެން ކަމަށެވެ.
އަދި ކުރީގެ ސަރުކާރުން ސިޔާސީ ފަރާތްތަކަށް ޖަލުގައި ލާއިންސާނީ އަނިޔާ ދެމުންދިޔައިރު އުފުލި ޝަކުވާތަކަށް ހިއުމަން ރައިޓްސް ކޮމިޝަނުން ދިނީ ބީރު ކަންފަތެއް ކަމަށާއި، މިދިޔަ ވެރިކަމުގައި އިންސާނީ ހައްގުތަކަށް އިހުތިރާމް ކުރުމާއި އަސާސީ އިންސާނީ ވަސީލަތްތައް ކުރިއެރުވުމުގައި ވަޅުޖެހި އިންސާނީ ހައްގުތަކަށް އަރައިގަތުމަކީ ވަރިހަމަކޮށްލެވޭ ފަދަ ކަމަކަށް ހަދާފައިވާ ކަމަށެވެ.
އަދި އިންސާނީ ހައްގުތައް ނެގެހެއްޓުމުގެ ޒިންމާއާއެކު ގާނޫނު އަސާސީން އުފަން ކުރުވި މުސްތަގިއްލު ކޮމިޝަންތަކުން އެ ކޮމިޝަންތައް އުފެއްދި ބޭނުން އޮޅޭ މިންވަރަށް އިންސާނީ ހައްގުތަކަށް އިހުތިރާމް ކުރުން ކުޑަކޮށްފައިވާ ކަމަށާއި އެގޮތުން ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށަހެޅުނު ގިނަ ޝަކުވާތައް ނިމިގެންދިޔައީ އިންސާނީ ހައްގުތައް ނިގުޅައިގަތުމުގެ އަމަލު ހިންގި މީހުންގެ މަސްލަހަތުގައި ކަމަށް އެމްއާރްއެމް އިން ބުނެފައިވެއެވެ. އަދި އެ ޕާޓީގެ ލީޑަރުންނާއި، ގިނަ އަދަދެއްގެ ސިޔާސީ ފަރާތްތަކަށް ޖަލުގައި ދެމުންގެންދިޔަ ލާއިންސާނީ އަނިޔާއާއި، ބޭއިންސާފު ޝަރީއަތްތަކާމެދު އުފުލަމުންދިޔަ ޝަކުވާތަކަށް ހިއުމަން ރައިޓްސް ކޮމިޝަނުން ބީރު ކަންފަތެއް ދީގެން އޮތީ، ވަކި ބައެއްގެ ސިޔާސީ މަސްލަހަތު ނެގެހެއްޓުމަށް ކަމަށެވެ،
އެމްއާރްއެމުން ބުނިގޮތުގައި އެޗްއާރްސީއެމުން އިންސާނީ ހައްގުތަކުގެ ކުރިއަށް މަގާމާއި، ސިޔާސީ މަސްލަހަތު އިސްކުރުމަކީ ދިވެހި ތާރީހުން ދުވަހަކުވެސް ފޮހެވިގެންނުދާނެ އަނދިރި ބާބެއް ކަމަށެވެ. އެހެންކަމުން އެޗްއާރްސީއެމުން ބޭއިންސާފު ނިންމުންތަކާއި އިހުމާލުތަކުގެ މައްސަލަތައް ބަލައި ހައްގުތައް ގެއްލުނު ފަރާތްތަކަށް އިންސާފު ހޯދައިދިނުމަކީ ކޮންމެހެން ވެސް ކުރަންޖެހޭ ކަމެއް ކަމަށް އެމްއާރްއެމުން ބުނެފައިވެއެވެ.
މީގެއިތުރުން އެމްއާރްއެމުން ވަނީ ފާއިތުވެދިޔަ ތަނުގައި ރާއްޖެ ތަޖުރިބާކުރި އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ އަމަލުތައް ތަކުރާރުވިޔަ ނުދިނުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ހުރިހާ ސިޔާސީ ޕާޓީތަކާއި އަދި އާންމުންވެސް ސަރުކާރަށް އެއްބާރުލުން ދިނުމަށް އިލްތިމާސްކޮށްފައެވެ.