ރުޅިއައުމުގެ ހައްގު، ހަމަ ކޮންމެ ރައްޔިތަކަށްވެސް އެބައޮތް ކަމަށާ، ކޮރަޕްޝަންއަކީ މުޖުތަމައުގެ ކެރޮފޯރުންތެރިކަމާ، ދަރިންގެ މުސްތަގުބަލުގެ އިތުރުން މުޅި ދުނިޔޭގެ ސިއްހަތަށް އޮތް ނުރައްކަލެއް ކަމަށް އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް ވިދާޅުވެއްޖެއެވެ.

ބައިނަލްއަގުވާމީ ފެންވަރުގައި މިއަދު ފާހަގަކުރަމުންދާ ކޮރަޕްޝަންއާއި ދެކޮޅަށް މަސައްކަތް ކުރުމުގެ ދުވަހާ ގުޅުވައިގެން ދެއްވި ހާއްސަ މެސެޖުގައި ގުޓެރޭޒް ވިދާޅުވީ، މި ކަންކަމަކީ މުޖުމައުގެ ހުރިހާ ފަރުދުންވެސް އެކަމަކާ ދެކޮޅަށް ހަނގުރާމަ ކުރަންޖެހޭ ކަންތައްތަކެއް ކަމަށެވެ.

ހިޔާނާތާ ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކެއްގައި ކޯޓަށް ހާޒިރުކުރައްވަމުންގެންދަވާ މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު/ފޮޓޯ: ވޮޝިންގްޓަން ޕޯސްޓް

ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް (ޖީޑީޕީ)ގެ ބޮޑު ބައެއް އިސްރާފުވެގެންދަނީ ކޮރަޕްޝަންގެ މުއާމަލާތްތަކަށްކަން ފާހަގަކުރައްވަމުން ގުޓެރޭޒް ވިދާޅުވީ، ރައްޔިތުންގެ ފައިސާއިން ރިޝްވަތުދީ، އެ ފައިސާއިން ވައްކަން ކުރުމަކީ ގާނޫނުން ވެރިކަން ހިންގުމަށް އެޅިގެންދާ ހުރަހެއް ކަމަށެވެ. އަދި މިއީ އިންސާނީ ވަގުފާރިއާއި، މަސްތުވާތަކެއްޗާ ހަތިޔާރު ގަނެވިއްކުމުގެ ޖަރީމާ ބޮޑު ވިޔަފާރިއަށް ދޮރުތައް ހުޅުވާލެވިގެންދާ ކަމެއްކަންވެސް އދގެ ސެކްރެޓަރީ ޖެނެރަލް ވަނީ ފާހަގަކުރައްވާފައެވެ.

މިމޭރުމުން ދުވަހުގެ މެސެޖު ކުރިއަށް ގެންދަވަމުން ގުޓެރޭޒް ވިދާޅުވީ، ޓެކްސްއަށް މަކަރު ހެދުމާ، ކަޅުފައިސާ ދޮވުމާ، އެނޫންވެސް ގައިރު ގާނޫނީ މާލީ މުއާމަލާތްތަކަކީ ހިންގަމުންދާ ޖަރީމާތަކެއް ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށްވަނީ ސާބިތުވެފައި/ ފޮޓޯ: ހަސަން އަތޫފް | ދަ ޕްރެސް

ކޮރަޕްޝަން ހުއްޓުވާލުމަށް ހުރިހާ އެންމެންވެސް އެކަތިގަނޑަކަށްވާންޖެހޭ ކަން ފާހަގަކުރައްވަމުން ގުޓެރޭޒްވަނީ މިމަހުގެ ފަހުކޮޅު އަބޫދާބީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އދގެ އާންމު މަޖިލީހުގެ ހާއްސަ ޖަލްސާގެ މުހިންމުކަން ހިއްސާކުރައްވާފައެވެ. މިއީ ކޮރަޕްޝަންއާއި ދެކޮޅަށް މަސައްކަތްކުރުމަށް ހާއްސަކޮށްގެން އދގެ އާންމު މަޖިލީހުގެ ހާއްސަ ޖަލްސާއެއް 2021 ވަނަ އަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު އެކަމަށް ތައްޔާރުވުމުގެ ގޮތުން ބާއްވާ ޖަލްސާއެކެވެ.

ގުޓެރޭޒްގެ މެސެޖު ނިންމަވާލައްވާފައިވަނީ، ކޮރަޕްޝަންއާއި ދެކޮޅަށް ހުރިހާ އެންމެންވެސް ތެދުވެ، ރައްޔިތުންގެ ފައިސާއަކީ ރައްޔިތުންގެ މައްޗަށް ހަރަދުކުރެވޭ ފައިސާއެއްކަން ކަށަވަރު ކުރުމަށް ދުނިޔޭގެ އާބާދުތަކަށް ގޮވާލައްވަމުންނެވެ.

އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް ހާއްސަ މެސެޖެއް ދެއްވަނީ/ފޮޓޯ: ޔޫއެންޓީވީ ސްްކްރީންގްރޭބް

ކޮރަޕްޝަންއާއި ދެކޮޅަށް މަސައްކަތްކުރާ ދުވަހުގެ ގޮތުގައި ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހެވެ.