ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީން) ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދުރަށް ޖެހިވަޑަގަތުމަކީ ރާއްޖެއަށް ލިބޭނެ އެންމެ "ބޮޑު ބޮނޑި" ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ މި ދައުރުގެ އެންމެ ފަހު ޖަލްސާގައި ނަޝީދު މިގޮތަށް ވިދާޅުވީ މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނާއިބު ރައީސް އާދަމް ޝަރީފު އުމަރު ވިދާޅުވި ވާހަކައަށް ރައްދު ދެއްވަމުން ނެވެ. އެގޮތުން އާދަމް ޝަރީފް ވަނީ ރައީސް ނަޝީދު ޖޭއެސްސީގައި އިންނަވާ މަގާމުން ދުރަށް ވަޑައިގަތުމަށް ގޮވާލައްވާފައެވެ. އާދަމް ޝަރީފް ވިދާޅުވީ ނަޝީދު ޖޭއެސްސީއަށް ދުރަށް ޖެހިވަޑައި ގަތުމަކީ ރާއްޖޭގެ ޝަރުއީ ދާއިރާ ހަރުދަނާ ކުރުމަށްޓަކައި ކުރެވޭނެ އެންމެ ރަނގަޅު ކަންތައް ކަމަށް އޭނާ ގަބޫލުކުރައްވާ ކަމަށެވެ.

"އެއީ މަނިކުފާނަކީ ސިޔާސީ ދާއިރާގައި ރަނގަޅު މަސައްކަތްތަކެއް ކުރުމަށް ރަނގަޅު ބޭފުޅަކަށް ވެފައި، އަދި މަނިކުފާނަކީ ރަނގަޅު މުސްތަގުބަލެއް އޮތް ބޭފުޅަކަށް ވާތީ، މިދެބައި އެއްކޮށްލައިގެން ކުރައަށް ދިއުމަކީ ރަނގަޅުކަމަކަށް ނުވާނެތީ،" ޝަރީފު ވިދާޅުވި އެވެ.

އާދަމް ޝަރީފުގެ އެ ވާހަކަތަކަށް ރައްދު ދެއްވާ މަޖިލީހުގެ ރިޔާސަތުގައި އިންނެވި ރައީސް ނަޝީދު ވިދާޅުވީ ޖޭއެސްސީން އެމަނިކުފާނު ދުރަށް ވަޑައިގަތުމަކީ ދިވެހިންނަށް ލިބިގެންދާނެ ވަރަށް ބޮޑު ބޮނޑިއެއް ކަމަށެވެ.

"މިވަގުތު ޖޭއެސްސީގައި އަޅުގަނޑު އިން މަގާމުން ދުރަށް ޖެހުމަކީ، މިވަގުތު ރާއްޖެއަށް ލިބޭނެ އެންމެ ބޮޑު ބޮނޑި،" ޖޭއެސްސީގެ މެމްބަރު، ރައީސް ނަޝީދު ވިދާޅުވި އެވެ.

ޖޭއެސްސީގެ މެންބަރު ކަމަށް ނަޝީދު އައްޔަން ކުރައްވާފައިވަނީ މިދިޔަ މެއި މަހުގެ 29ވަނަ ދުވަހުއެވެ.