ލާއިންސާނީ ޖަރީމާ ހިންގާފައިވާ ކުށްވެރިންނަށް ލުއި ހޯދާ ދިނުމުގެ ގޮތުން އެބައިމީހުންނާ މެދު ހަމްދަރުދީ އުފެދިގެން، ރިޔާސަތުން ދެއްވާ އަފޫއާންމްއަށް އެދި ހުށަހެޅުމުގެ ފުރުސަތަކީ، ކުޑަކުދިން ރޭޕްކުރުމުގެ ޖަރީމާ ހިންގާފައިވާ ފަރާތްތަކަށް ލިބިގެންވާނެ ފުރުސަތެއް ނޫންކަމަށް އިންޑިއާގެ ރައީސް ރާމް ނާތު ކޯވިންދް ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ރައީސް މިފަދަ ހަރުކަށި އިބާރަތަކުން ވާހަކަފުޅު ދައްކަވާފައި މިވަނީ، މިފަހަކަށް އައިސް އިންޑިއާއިން ހިންގަމުންދާ ރޭޕްކޮށް މީހުން މަރާލުމުގެ ޖަރީމާ އިންތިހާއަށް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.

އިންޑިއާގެ ހައިދަރުއާބާދުގައި ރޭޕް ކުރުމަށްފަހު ޑރ ޕްރިޔަންކާ ރެޑީގެ ހަށިގަނޑުގައި އަންދާ މަރާލި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ/ފޮޓޯ: ނިއުސްމީޓަރ

ރާޖަސްތާނުގައި ކުރިއަށްދިޔަ އިވެންޓްއެއްގައި ވާހަކަފުޅު ދައްކަވަމުން ކޯވިންދްވަނީ، އަފޫއާންމްއަށް އެދި ހުށަހެޅުމަށް އޮތް އުސޫލު މުރާޖައާ ކުރެއްވުމަށް، އިންޑިއާގެ ގާނޫނު ހަދާ މަޖިލީހަށް ގޮވާލައްވާފައެވެ. އިންޑިއާގައި ކުށްވެރިންނަށް މައާފު ދިނުމުގެ ގާނޫނު މިހާރު އޮންނަ ގޮތުން، އަފޫއާންމްއަށް އެދި ހުށަހެޅުމުގެ ފުރުސަތު ހަމަ ކޮންމެ މީހަކަށްމެ އޮވެއެވެ. އަދި މިކަން ތަންފީޒު ކުރެއްވުމުގެ ފުރިހަމަ ބާރު އޮންނަނީ، އެއިރަކު ރައީސްކަމުގެ މަގާމުގައި ހުންނަވާ ބޭފުޅެއްގެ މެންޑޭޓްގައެވެ.

ކަންމިހެން އޮތްއިރު، 2012 ވަނަ އަހަރު މުޅި ދުނިޔެ ސިއްސުވާލި ދިއްލީ ގޭންގް ރޭޕް ނުވަތަ 'ނިރްބާޔާ ރޭޕް' ކޭހުގައި ދައުވާ ލިބޭ އެކަކަށް އަފޫއާންމު ހޯދުމަށް، އިންޑިއާގެ ދާހިލީ ވުޒާރާ މެދުވެރިކޮށް ރައީސްއަށް ވަނީ ޕެޓިޝަނެއް ވަނީ ހުށަހަޅާފައެވެ. ނަމަވެސް ވެރިރަށް ދިއްލީގެ މައި ސަރުކާރުންވަނީ މި ޕެޓިޝަން ބަލައިގަތުމަށް އިންކާރުކޮށް، ބޭރުކޮށްލާފައެވެ.