އީރާން ބޯޓަކުން ރާއްޖެއަށް 70 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލާގައި ދައުވާކޮށްފިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ، އީރާން ބޯޓެއްގައި ރާއްޖެއަށް ގިނައަދަދެއްގެ މަސްތުވާތަކެތި އެތެރެކުރި މައްސަލާގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ ކުށުގެ ދައުވާއާއި، ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުމުގެ ކުށުގެ ދައުވާ މިއަދު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

އެމްއެންޑީއެފް ކޯސްޓްގާޑާއި ފުލުހުން ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި 70 ކިލޯގެ މަސްތުވާތަކެއްޗާއެކު ދަތުރުކުރި "އަލް ޝަބާން" ނަމަކަށް ކިޔާ ބޯޓެއް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އަތުލައިގެންފައި ވަނީ، މިދިޔަ އޮކްޓޯބަރު މަހު 7 ވަނަ ދުވަހެވެ. މި ބޯޓު ހިފަހައްޓާ ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ހއ.ތުރާކުނުގެ ހުޅަނގުއުތުރުން ގާތްގަނޑަކަށް 172 މޭލު (149 ނޯޓިކަލް މޭލު) ބޭރުން ކަމަށް އެމްއެންޑީއެފުން ބުނެއެވެ. ބޯޓު އަތުލައިގެންފައިވަނީ ރާއްޖޭގެ ހާއްސަ އިގްތިސޯދީ ކަނޑުގެ ސަރަހައްދުންނެވެ.

އެމްއެންޑީއެފުން މީގެ ކުރިން ބުނެފައިވާ ގޮތުގައި، މި ބޯޓު މަސްތުވާތަކެތި ހިފައިގެން އެ ސަރަހައްދުގައި އުޅޭކަމުގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑާ ހިއްސާކޮށްފައިވަނީ އިންޑިއަން ކޯސްޓްގާޑުން، މި މަހުގެ 1 ވަނަ ދުވަހު ކަމަށެވެ. އަދި އެ އުޅަނދުން މަސްތުވާތަކެތި ނެގުމަށްޓަކައި ރާއްޖޭގެ އުޅަނދެއް ވެސް ހަރަކާތްތެރިވާކަމުގެ މައުލޫމާތު ލިބިފައިވާއިރު، އެމްއެންޑީއެފުން ވަނީ، ރާއްޖޭގެ އުޅަނދަކަށް އެ ސަރަހައްދުގައި އުޅުނު "ހެދޭކުރި -7" ނަމަކަށް ކިޔާ މަސްވެރިކަން ކުރާ ދޯނި ވެސް އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެންގޮސް، މާލެ ގެނެސްފައެވެ.

ފުލުހުން ވަނީ މި މައްސަލާގައި ހިމެނޭ 13 މީހުންގެ މައުލޫމާތު ހާމަކޮށްފައެވެ. އެގޮތުން، މި ކަމުގައި އިސްކޮށް ހަރަކާތްތެރިވެފައި ވަނީ ސ. ހިތަދޫ/ކޯޒީކޯނާ، އަލީ އަންވަރު މުހައްމަދު (35އ) އަދިި ކ. ދިއްފުށި/ މާތިލަ، އަހްމަދު ޝަކީބް (42އ) ގެ އިތުރުން، ލ.ގަން/މިލާނޯ، މުހައްމަދު ރިޝްފާން (23އ) ކަމަށް ފުލުހުން މައުލޫމާތު ދީފައިިވެއެވެ.

ދެން ހައްޔަރުކޮށްފައި ވަނީ ހަތަރު ދިވެއްސަކާއި، އިރާނު ބޯޓުގައި ތިބި ހަ މީހުންގެ އިތުރުން ބިދޭސީ ދެ މީހެކެވެ.

މި މައްސަލާގައި ޝާމިލުވާ "ހެދޭކުރި" ދޯނިން ހައްޔަރު ކުރި މީހުންގެ ތެރޭގައި، ކ.ދިއްފުށި/އިރުމަތީގެ އާދަމް މިސްބާހް (39އ) އަދި ލ.ގަން/އިޓްޖެހިގެ. މުހައްމަދު އިނާޝް (22އ) ގެ އިތުރުން ބަންގްލަދޭޝްގެ ރައްޔިތުން ކަމަށްވާ އަލީ އަހްމަދު 024އ) އަދި ތުހުން (36އ) ހިމެނެއެވެ. މީގެ އިތުރުން، އީރާންގެ "އަލްޝަބާން" ބޯޓުން ހައްޔަރުކުރި އިރާންގެ 6 މީހުންގެ ތެރޭގައި، ފަކީރު (50އ)، އީސާ ސުލައިމާން (26އ)، އިސްމާއިލް އިބްރާހިމް (50އ) އަދި ނަވީދު (30އ)ގެ އިތުރުން ސާޖިދު (50އ) އަދި އަލީ ރާޖާ (19އ) ހިމެނެއެވެ.

މި މައްސަލައިގައި ހައްޔަރު ކުރި އަލީ އަންވަރު މުހައްމަދަކީ ވައްކަމުގެ މައްސަލައެއްގެ ކުށުގެ ރެކޯޑު އޮތް މީހެކެވެ. އަދި މުހައްމަދު އިނާޝް އަކީ ގްރޫޕް ހަދައިގެން ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމާއި މަސްތުވާތަކެއްޗާއި މާރާމާރީގެ ކުށުގެ ރެކޯޑު އޮތް މީހެކެވެ. ނަމަވެސް މި ދެމީހުންގެ އިތުރުން މި މައްސަލާގައި ޝާމިލުވާ އެހެން މީހެއްގެ ކުށުގެ ރެކޯޑެއް ނެތް ކަމަށް ފުލުހުން މައުލޫމާތުދީފައިވެއެވެ.