މި ސަރުކާރުން އެންމެ އިސްކަންދޭ އެއް ކަމަކީ އިންޑިއާއާއި ރާއްޖޭގެ ރަހުމަތްތެރިކަމުގެ ގުޅުން ދެމެހެއްޓުން ކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރާއި ދެމެދު ވެފައިވާ މުހިންމު 4 އެއްބަސްވުމެއް ބަދަލުކުރުމަށް މިއަދު ހަވީރު ރައީސްގެ އޮފީހުގައި ބޭއްވެވި ވީޑިއޯ ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހުރިއްޔާ ވަނީ އިންޑިއާއާއި ރާއްޖޭގެ ޒަމާންވީ ރަހުމަތްތެރިކަމުގެ ގުޅުން އަލުން ބަދަހިވެގެން ގޮސްފައިވާތީ އެކަމުގެ ހިތްހަމަޖެހުން ފާޅުކުރައްވާފައެވެ. އަދި ދެ ގައުމުގެ ގުޅުން ކުރިމަގުގައި އިތުރަށް ބަދަހިވެގެން ދާނެކަމަށް އުންމީދުކުރައްވާކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ދެގައުމުގެ ދެމެދުގައި މިއަދު ބަދަލުކުރެވުނު އެއްބަސްވުންތަކަކީ ރާއްޖެއަށް ވަރަށް މުހިންމު އެއްބަސްވުންތަކެއްކަން ފާހަގަކުރެއްވިއެވެ. އެގޮތުން މިއަދުގެ ރަސްމިއްޔާތުގައި އިންޑިއާ ސަރުކާރުން ރާއްޖޭގެ ކޯސްޓް ގާޑަށް ހަދިޔާކުރެއްވި ކަނޑު އުޅަނދަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ވަރަށް މުހިންމު އެހީއެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އައްޑޫ ސިޓީގެ ތިން ރަށެއްގައި ގޭދޮށު މަސް ޕްލާންޓް ގާއިމުކުރުމަށް އިންޑިޔާއިން ދޭ އެހީގެ އެއްބަސްވުމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ އައްޑޫ ސިޓީގައި މިފަދަ ޕްލާންޓްތައް ގާއިމުކުރުމަކީ މި ސަރުކާރުގެ މުހިންމު ވައުދެއްކަން ފާހަގަކުރައްވާފައެވެ. އަދި މިއީ މަހަށް ރަނގަޅު އަގު ހޯދައިދިނުމާއި ގިނަ ބަޔަކަށް ވަޒީފާގެ ފުރުސަތު ފަހިވެގެން ދިއުންފަދަ އެތައް ފައިދާތަކަކާއި ގުޅިފައިވާ މަޝްރޫއުތަކެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

މީގެއިތުރުން މިއަދު ބަދަލުކުރެވުނު، މާލޭގެ މަގުބައްތިތައް ލެޑް ލައިޓަށް ބަދަލުކުރުމަށް އިންޑިއާއިން ދޭ އެހީގެ އެއްބަސްވުމަކީ ރާއްޖޭގެ ހަކަތައިގެ ދާއިރާ އިއާދަކުރަނިވި ހަކަތައަށް ބަދަލުރުމާއި ޖައްވަށް ބޭރުކުރާ ވިހަގޭސް މަދުކުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަށް ލިބުނު މުހިންމު ކުރިއެރުމެއްކަމުގައި ވެސް ރައީސް ފާހަގަކުރެއްވިއެވެ. މިއަދުގެ ރަސްމިއްޔާތުގައި ބަދަލުކުރެވުނު "ރުޕޭ ކާޑު" އެއްބަސްވުމަކީ ރާއްޖެއަށް ޒިޔާރަތްކުރާ އިންޑިއާގެ ފަތުރުވެރިންނަށް ފަސޭހަތަކެއް ލިބިގެންދާނެ އަދި އެކަމުގެ ސަބަބުން އިންޑިއާއިން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވުމަށް މަގުފަހިވެގެންދާނެ ކަމެއްކަމުގައި ރައީސް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި އިންޑިޔާގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީ ދެއްކެވި ވާހަކަފުޅުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވިތާ އެއް އަހަރު ފުރުމުގެ މުނާސަބާގައި ރައީސްއާއި ދިވެހި ސަރުކާރަށް ތަހުނިޔާއާ މުބާރަކު ބާދީ ވިދާޅުވިއެވެ. އަދި މި ފާއިތުވި އަހަރަކީ ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާވެގެންދިޔަ އަދި ރާއްޖެ ތަރައްގީގެ މަގުގައިވެސް ކުރިއެރުންތަކެއް ހާސިލުކުރި އަހަރެއްކަން ފާހަގަކުރައްވަމުން އިންޑިއާގެ ބޮޑުވަޒީރުވަނީ ފާއިތުވެދިޔަ އަހަރަކީ އިންޑިއާއާއި ރާއްޖޭގެ ގުޅުން ހުރިހާ ދާއިރާއަކުންވެސް ބަދަހިވެ ފުޅާވެގެންދިޔަ އަހަރެއްކަމުގައި ވިދާޅުވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ބަދަލުކުރެވުނު އެއްބަސްވުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ބޮޑުވަޒީރު މޯދީ ވިދާޅުވީ ރާއްޖެއާއި އިންޑިއާއާއި ދެމެދު މިއަދު ބަދަލުކުރެވުނު އެއްބަސްވުން ތަކުގައި ހިމެނޭ މަޝްރޫއުތަކަކީ ރާއްޖެއަށް އެންމެ ބޭނުންތެރި ކަމަށް ފާހަގަކުރެއްވާ ދާއިރާތަކާއި ގުޅޭ މަޝްރޫއު ތަކެއް ކަމުގައެވެ.

ބޮޑުވަޒީރުގެ ވާހަކަފުޅުގައި އިންޑިއާއާއި ރާއްޖޭގެ ގުޅުން އެންމެ ބޮޑަށް އޮތީ ދެގައުމުގެ ފަރުދުންގެ މެދުގައިކަން ފާހަގަކުރެއްވިއެވެ. އެގޮތުން މިހާރު ރާއްޖެއަށް ޒިޔާރަތްކުރާ އިންޑިއާގެ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައިވާކަން ފާހަގަކުރެއްވިއެވެ. ހަމަ އެހެންމެ ރާއްޖޭގެ ރައްޔިތުންގެ ފައިދާއާއި ލާބައަށްޓަކައި ދިވެހި ސަރުކާރުން ކުރިޔަށްގެންދަވާ މަޝްރޫއުތަކުގައި ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދެއްވުމަށް އިންޑިއާ ސަރުކާރުން އެދިވަޑައިގަންނަވާކަން ބޮޑު ވަޒީރު ހާމަކުރެއްވިއެވެ.

އިންޑިއާގެ ބޮޑު ވަޒީރުގެ ވާހަކަފުޅުގައި މިއަދު ބަދަލުކުރެވުނު އެއްބަސްވުންތަކުގެ އިތުރުން އިންޑިއާ ސަރުކާރުގެ އެހީގައި ކެންސަރަށް ފަރުވާދޭ ހޮސްޕިޓަލެއް ގާއިމުކުރުމުގެ މަޝްރޫއުގެ އިތުރުން ހުޅުމާލޭގައި ކުރިކެޓް ސްޓޭޑިއަމެއް ތަރައްގީ ކުރުމަށް ހަމަޖެހިފައިވާކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ރާއްޖޭގެ 34 ރަށެއްގައި ފެނާ ނަރުދަމާ ނިޒާމު ގާއިމުކުރުމުގައިވެސް އިންޑިއާ ސަރުކާރުން އެހީތެރިކަން ދެއްވަން ހަމަޖެހިފައިވާކަން ބޮޑު ވަޒީރު މޯދީގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ވީޑިއޯ ކޮންފަރެންސްކޮށް މިއަދު ބޭއްވެވި މި ރަސްމިއްޔާތަކީ ދިވެހި ސަރުކާރާ ދޭދޭ ގައުމެއްގެ ސަރުކާރަކާއެކު މިގޮތަށް ބޭއްވެވި ފުރަތަމަ ރަސްމިއްޔާތެވެ.