މިއަހަރުގެ ބަޖެޓުގައި އާސަންދައަށް ކަނޑައަޅާފައިވާ ބަޖެޓު މިދިޔަ މަހު ހުސްވެ، ހާއްސަ ބަޖެޓުން އިތުރަށް ފައިސާ ނަގައިގެން ހަރަދު ކުރަން ފަށައިފި އެވެ.

ފިނޭންސް މިނިސްޓްރީން އާންމު ކުރި ދައުލަތުގެ މާލީ ހާލަތުގެ މިދިޔަ ހަފްތާގެ ރިޕޯޓުން ދައްކާ ގޮތުގައި މިހާތަނަށް އާސަންދައިން 1.08 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ ކަމަށެވެ. މިއަހަރުގެ ބަޖެޓަށް އާސަންދައަށް ކަނޑައަޅާފައިވަ މިންވަރަކީ 1 ބިލިއަން ރުފިޔާއެވެ. އެހެންކަމުން 1.08 ބިލިއަން ރުފިޔާ ހަރަދުކުރުމަކީ، މިއަހަރު އާސަންދައަށް ހަރަދުކުރަން ކަނޑައެޅި ބަޖެޓަށްވުރެ 84 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

އާސަންދައިންވަނީ މިދިޔަ އޮކްޓޯބަރު މަހު މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން މެރާނާ ސްކީމްގެ ހިދްމަތް ފޯރުކޮށްދީފަ އެވެ. މެރާނާ ސްކީމްގެ ދަށުން އިންޑިއާ އަދި ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށްވެސް ސިއްހީ ގޮތުން ހިދްމަތް ފޯރުކޮށް ދެއެވެ.

އާސަންދައިގެ އިތުރަށް، މިއަހަރު ސަރުކާރުގެ ދަތުރުތަކަށް ކަނޑައަޅާފައިވާ މިންވަރަށްވުރެންވަނީ ހަރަދުކޮށްފަ އެވެ. މިއަހަރުގެ ދަތުރުތަކަށް ދސަރުކާރުން ކަނޑައަޅާފައިވަ ބަޖެޓަކީ 142.1 މިލިއަން ރުފިޔާ އެވެ. އެހެން ބަޖެޓުގައި ކަނޑައަޅާފައި އޮތް ނަމަވެސް، ނޮވެމްބަރު 28 ގެ ނިޔަލަށް ސަރުކާރުގެ ދަތުރުތަކަށް 188.6 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. މިއަހަރަށް ހަރަދުކުރަން ފާސްކުރި 31.9 ބިލިއަން ރުފިޔާގެ ބަޖެޓުން މިހާތަނަށް ސަރުކާރުން ބޭނުންކޮށްފައިވަނީ 25.7 ބިލިއަން ރުފިޔާ އެވެ.