އަންހެނުންނަށް ލޯކަލް ކައުންސިލްތަކަށް 33 ޕަސަންޓު ހާއްސަ ކުރުމާ ދެކޮޅަށް ރައްޔިތުން މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވާހަކަ ދައްކަވައިފިއެވެ.
ގާސިމް މިފަދައިން ވިދާޅުވީ މިރޭ ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ މ. ކުނޫޒުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ.
ގާސިމް ވިދާޅުވީ އަންހެނުނަށް ކައުންސިލްތަކުގެ ވަކި ޕަސެންޓެއް ކަނޑައެޅުމަކީ ގާނޫނު އަސާސީއާ މުޅިން ހިލާފު ކަމެއް ކަމަށެވެ. އޭނާ ވިދާޅުވާ ގޮތުގައި އަންހެނުންނަށް ކޯޓާއެއް ކަނޑައެޅުމުން ފިރިހެނުންގެ ހައްގުތައް އަންހެނުންނަށް 'އޯވާރައިޑް' ކުރެވޭ ކަމަށެވެ.
އަންހެނުންނަށް ކައުންސިލުތަކުން ވަކި މިންވަރެއް ކަނޑައެޅުމަކީ ގާނޫނު އަސާސީއާ ހިލާފު ކަމެއްކަން ތަކުރާރުކޮށް ފާހަގަކުރައްވާ ގާސިމް ވިދާޅުވީ އަންހެނުންނަށް ކޯޓާ ދޭގޮތަށް ލޯކަލް ކައުންސިލް ގާނޫނަށް ގެންނަ އިސްލާހަކީ އަސާސީ ހައްގުތަކާއި މިނިވަންކަމުގެ ބާބާއި ހިލާފު އިސްލާހެއް ކަމަށެވެ.
ގާސިމް ވިދާޅުވީ މިހާރު ގާނޫނު އޮތް ގޮތުން ކައުންސިލަތަށް އަންހެނުން ކުރިމަތިލުމަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ. އަދި ގާނޫނު މިހާރު އޮތް ގޮތުން ވެސް 100 ޕަސަންޓު އަންހެން ބޭފުޅުން ހޮވުމުގެ ބާރު ލިބިފައިވާ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލް ތަކުގެ 33 ޕަސެންޓު އަންހެނުންނަށް ހާއްސަ ކުރުމަށް ލޯކަލް ކައުންސިލް ގާނޫނަށް ސަރުކާރުން ވަނީ އިސްލާހު ހުށަހަޅާ މަޖިލީހަށް ފޮނުވާފައެވެ. އަދި އެކަން އެގޮތަށް ކުރައްވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ވިދާޅުވެސްވެފައެވެ.