ހިޔާނާތާ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް އަމާޒުވެފައިވާ މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު، ކޯޓުގައި ހެކީގެ ގޮތުގައި ދިފާއީ ބަޔާން އިއްވަވަން ފައްޓަވައިފިއެވެ.

މެލޭޝިއާގެ ތާރީހު ދުށް އެންމެ ބޮޑު ހިޔާނާތުގެ މައްސަލައިގެ ގޮތުގައި އެގައުމުން ސިފަކުރަމުން އަންނަ 1 މެލޭޝިއާ ޑިވަލޮޕްމަންޓް ބާހާޑް (1އެމްޑީބީ) ހިޔާނާތުގެ މައްސަލައާއި ގުޅުންހުރި މައްސަލަތަކުގައި ނަޖީބު ރައްޒާގާއި ދެކޮޅަށް މެލޭޝިއާގެ ވެރިރަށް ކުއަލަމްޕޫރުގައި ހުންނަ އެގައުމުގެ ހައިކޯޓުގައި ކުރިއަށްދާ ޝަރިއަތުގެ މަޖިލީހުގައި ނަޖީބު ބަޔާން ދެއްވަން ފައްޓަވާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

ހެކިބަސްދެއްވާ ޕޯޑިއަމްއަށް ވަޑައިގެން މަޑުމައިތިރީކަމާއެކު 243 ސޮފުހާގެ ބަޔާނެއް އިއްވަން ފެއްޓެވި ނަޖީބު ގެންދަވަނީ، އޭނާއާއި ދެކޮޅަށް ފެންމަތިކޮށްފައިވާ ހިޔާނާތާ ކޮރަޕްޝަންގެ ދައުވާއަށް އިންކާރު ކުރައްވަމުންނެވެ.

ކޯޓަށް ވަޑައިގެންނެވުމުގެ ކުރިން ނަޖީބު ވަނީ ކޯޓުގެ މަޖިލީހުގައި އޭނާއަކީ މައުސޫމު މީހެއްކަން ސާބިތުކޮށްދެއްވާނެ ކަމަށް، ސޯޝަލް މީޑިއާގައި ވިދާޅުވެފައެވެ.

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ ދިފާއި ވަކީލު މުޙައްމަދު ޝާފީ ޢަބްދުﷲ (ކ) ކޯޓުން ބޭރުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ/ފޮޓޯ: މަނާރު އަލް އާދަމް

ނަޖީބު ދިފާއީ ބަޔާން އިއްވަވަމުން ގެންދަވަނީ މަޑުމައިތިރިކަމާއެކު ހަމަޖެހިވަޑައިގެން ހުންނަވައިގެން ކަމަށްވާއިރު، މުޅި ބަޔާން އިއްވަވާ ނިމޭނީ 4 ވަރަކަށް ދުވަހުން ކަމަށް ޚަބަރު ލިބެއެވެ.

މިހާރު ބަލަމުންދާ މައްސަލާގައި ނަޖީބުގެ މައްޗަށް ކުށް ސާބިތުވެއްޖެނަމަ 15-20 އަހަރާއި ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ. ނަޖީބާއި ދެކޮޅަށް މެލޭޝިއާގެ ކޯޓުގައި 3 ދައުވާއެއް ދަނީ ކުރަމުންނެވެ.

ޝަރީއަތުގެ މަރުހަލާ ކުރިއަށްދާއިރު ނަޖީބު ހުންނަވަނީ ކަފާލާތުގެ ދަށުން މިނިވަންވެފައެވެ.