މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަނިޔާ ދެމުން ދަނީ ބޭ އިންސާފުން ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނާއިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވުމުން ޑރ. މުހައްމަދު އިޔާޒު ކޯފާވެއްޖެއެވެ.

ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ)ގެ އިސް ބޭފުޅުންނާއި ރައީސް ޔާމީން މީގެކުރިން ބައްދަލު ކުރައްވާފައިވާ ފޮޓޯތަކެއް ޕޯސްޓު ކުރައްވާ އަރަބި ބަހުން ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޔުނައިޓެޑް އަރަބް އެމިރޭޓްސްއާ ވަރަށް ގާތް ގުޅުމެއް އޮތް ކަމަށެވެ. އަދި މިހާރު ރައީސް ޔާމީން ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާއިރު ޖަލުގައި އެމަނިކުފާނަށް ބޭއިންސާފުން އަނިޔާކުރަމުންދާ ކަމަށާ އުންމީދު ކުރައްވަނީ ޔޫއޭއީއިން އެކަން ކުށްވެރިކޮށް ރައީސް ޔާމީން ޖަލުން މިނިވަން ކުރުމަށް އަޑުއުފުލުން ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމްގެ އެ ޓްވީޓަށް ރައްދު ދެއްވާ އަރަބި ބަހުން ޑރ. އިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީނަށް ޖަލުގައި އެއްވެސް ވަރަކަށް އަނިޔާކުރަމުން ނުގެންދާ ކަމަށެވެ. ރައީސް ޔާމީނަކީ ރާއްޖޭގެ ވެރިކަން ކުރައްވާފައިވާ ބޭފުޅެއްކަމުން އެމަނިކުފާނަށް ޖަލުގައި ބެހެއްޓުމުގައިވެސް ހާއްސަ ސަމާލުކަމެއްދޭ ކަމަށް ޑރ. އިޔާޒު ވިދާޅުވިއެވެ. އަދި ރާއްޖޭގެ ވެރިކަން ކުރައްވާފައިވާ ފަރާތެއްކަމުގައި ވިޔަސް ގާނޫނީ ގޮތުން ކުށެއް ކޮށްފިއްޔާ އެކަމުގައި އެންމެންވެސް ހަމަހަމަ ވާންޖެހޭނެ ކަމަށާއި، އެކުށުގައި އަދަބު ދިނުމަކީ ހައްގުވެގެންވާ ކަމެއް ކަމަށް ޑރ. އިޔާޒް ވިދާޅުވިއެވެ. އަދި ރައީސް ޔާމީނަށް މިފަދަ ދުވަހަކާއި ކުރިމަތިވެވަޑައިގެންފާނެ ކަމަށް އެކި ފަރާތްތަކުންވެސް ނަސޭހަތްތެރިވަމުން ދިޔަކަން ފާހަގަކުރައްވާ ޑރ. އިޔާޒު ވިދާޅުވީ މިއަދު ރައީސް ޔާމީނަށް ފެނިވަޑައިގަންނަވަމުން އެދަނީ އެކަން ގަބޫކުނުކޮށް ކުރިއަށް ދިއުމުގެ ހިތި ނަތީޖާ ކަމަށެވެ. އަދި މިކަމުގައި މަދަދުވެރިވާނެ ފަރާތަކީ ހަމައެކަނި ހެއްދެވި ފަރާތް ކަމުގައިވެސް ޑރ. އިޔާޒް ވިދާޅުވި އެވެ.

ޑރ. އިޔާޒް ވިދާޅުވީ ރައީސް ޔާމީނުގެ މައްޗަށް ކުރި ހުކުމަކީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ފަސް ފަނޑިޔާރެއްގެ އިގްތިފާގުން ކުރި ހުކުމެއް ކަމަށެވެ. އަދި އެ ހުކުމަކީ އެއްވެސް ގޮތަކައް އިންސާފުވެރި ނޫން ގޮތަކައް ކުރައްވާފައިވާ ހުކުމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ރައީސް ޔާމީނަށް، މަނީ ލޯންޑާކުރި ކުށް ސާބިތުވެ ކްރިމިނަލް ކޯޓުން 5 ފަނޑިޔާރުންގެ ބެންޗަކުން ވަނީ 5 އަހަރުގެ ޖަލު ހުކުމެއް ކޮށްފައެވެ. އަދި 5 މިލިއަން ޑޮލަރުން ޖޫރިމަނާކޮށް 6 މަސް ދުވަހުގެ މުއްދަތެއްގެ ތެރޭގައި ދެއްކުމަށްވެސް ވަނީ ހުކުމް ކޮށްފައެވެ.