އަންނަ ރިޔާސީ އިންތިހާބުގައި އިދިކޮޅުން ވާދަކުރާނެ ރިޔާސީ ކެންޑިޑޭޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް އެ ކޯލިޝަނުން ނިންމައިފިއެވެ.

އެ ކޯލިޝަނުން އެފަދައިން ނިންމީ ކުރީގެ ރައީސް ޔާމީނުގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ހުކުމް ކޮށްފައި ވަނިކޮށް މިރޭ އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދިޔަ ޖޮއިންޓް ކައުންސިލް ބައްދަލުވުމުގައެވެ.

ޔާމީން 2023 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގެ ކެންޑްޑޭޓެއްގެ ގޮތުގައި ކަނޑައެޅުމަށް ހުށަހެޅުއްވީ، ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ، ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާ މެންބަރު އަހްމަދު ޝީޔާމެވެ. އެ ހުށަހެޅުން ފާސްވީ މިރޭގެ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެންބަރުންގެ އަގުލަބިއްޔަތުންނެވެ.

އަންނަ ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ 2023 ވަނަ އަހަރަށް ވީއިރު ކްރިމިނަލް ކޯޓުން ވަނީ ރައީސް ޔާމީނަށް 5 އަހަރުގެ ޖަލު ހުކުމެއް މިދިޔަ ބުރާސްފަތި ދުވަހު އިއްވާފައެވެ. ރައީސް ޔާމީން މިނިވަންވެވަޑައިގަންނަވާނީ 2024 ވަނަ އަހަރުއެވެ. ނަމަވެސް އިދިކޮޅުން ދަނީ ކެނޑިނޭޅި އެމަނިކުފާނު މިނިވަން ކުރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން މިޙާރު ރައީސް ޔާމީން ހައްޔަރު ކޮށްފައި ހުރި މާލެ ޖަލު ކުރިމަތީގައި އިދިކޮޅު ސަޕޯޓަރުން ދަނީ އިހުތިޖާޖު ކުރަމުންނެވެ. ރައީށް ޔާމީން މިނިވަންކުރުމަށް ގޮވާލާ އަޑުއުފުލަމުންނެވެ.