ރައީސް ޔާމީނުގެ ސަޕޯޓަރުން މާލެ ޖަލު ކައިރިއަށް އެއްވެ އިހުތިޖާޖު ކުރަން ފަށައިފިއެވެ. އިހުތިޖާޖު ކުރާ މީހުން މާލެ ޖަލު ކުރިމަތިން މަގުމަތީގައި އިށީނދެ ތިބުމުން، ފުލުހުން އެސަރަހައްދަށް ގޮސް މީހުން ފަހަތަށް ޖައްސަމުން އެބަދެއެވެ.
މާ ގިނަ ބަޔަކު އެއްވެފައި ނެތް ނަމަވެސް، ގިނަ އަދަދެއްގެ ފުލުހުން މިހާރު ހަރަކާތްތެރިވަމުން އެބަދެއެވެ.
އިހުތިޖާޖުގައި ބައިވެރިވާ މީހުން ގޮވަމުން ދަނީ ރައީސް އަބަދުﷲ ޔާމީނު ދޫކޮށް ލުމަށާއި، ނުހައްގުން ކުރާ އަނިޔާ ހުއްޓާލުމަށެވެ. އަދި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ހައްޔަރު ކުރުމަށްވެސް އިހުތިޖާޖުގެ ބައިވެރިން ދަނީ ގޮވަމުންނެވެ.
5 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ހުރި ކުރީގެ ރައީސް ޔާމީނު މިވަގުތު ހުންނެވީ މާލެ ޖަލުގައެވެ. ޔާމީނަށް ޖަލު ހުކުމް ކުރީ، އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާގެ ތެރެއިން އެސްއޯއެފުން ރައީސް ޔާމީނުގެ އެކައުންޓަކަށް ޖަމާކުރި ފައިސާގެ އަސްލު އަޮޅުވާލުމަށް މަސައްކަތް ކުރެއްވި ކަމަށް ނިންމައެވެ. އެސްއޯއެފަކީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ޖަމާކުރަމުން ގެންދިޔް ޕްރިވެޓް ކުންފުންޏެކެވެ.
ރައީސް ޔާމީނަށް 5 އަހަރުގެ ޖަލު ހުކުމާއެކު 5 މިލިއަން ޑޮލްރު ދެއްކުމަށްވެސް ކްރިމިނިލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.
މާލެ ޖަލު ސަރަހައްދުގައި ހަރަކާތްތެރިވާ "ދަ ޕްރެސް" ގެ ނޫސްވެރިން ބުނީ، އިހުތިޖާޖުގެ ތެރެއިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސްފައި ވާކަމަށެވެ. އަދި ދެންމެ އައި ވާރޭ ކޮޅަކާ އިހުތިޖާޖުގެ ބައިވެރިން ފަހަތަށް ޖެހުމަށް ފަހު، ވާރޭ ހުއްޓާލުމުން އަނެއްކާ އެއްވެއްޖެ ކަމަށް ބުނެއެވެ. އިހުތިޖާޖު ކުރާ މީހުންގެ ތެރޭގައި ޕީޕީއެމް ކައުންސިލްގެ ބައެއް މެންބަރުންނާއި، އާންމު މެންބަރުން ހިމެނެއެވެ. އަދި މި އިހުތިޖާޖުގެ ތެރެއިން ވަނީ މީހަކުވެސް ހައްޔަރު ކޮށްފައެވެ. އެއީ ސޯޗަލް މީޑިއާގެ އެކްޓިވިސްޓެއް ކަމަށްވާ ސްޓެޕް އައްޔައެވެ.