ކުރީގެ ރައީސް އަބްދުﷲ ޔާމީން ހުކުމް ތަންފީޒު ކުރަމުން ގެންދަވާ ގޮޅިއަކީ އިންސާނުން ބައިތިއްބަން އެކަށީގެންވާ ގޮޅިއެއް ނޫންކަމަށް ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ. ޖަމީލު އެހެން ވިދާޅުވީ، ރައީސް ޔާމީން ބަނދު ކޮށްފައި ހުރި މާލޭ ޖަލަށް ވަޑައިގަތުމަށް ފަހުއެވެ.

ރާއްޖޭގެ 5 ވަނަ ރައީސްގެ މަގާމު ފުރުއްވި ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވެގެން އިއްޔެ ވަނީ 5 އަހަރު ދުވަހުގެ ޖަލު ހުކުމަކާއި 5 މިލިއަން ޑޮލަރު ދެއްކުމަށް ޖޫރިމަނާ ކޮށް ހުކުމް ކޮށްފައެވެ.

ރައީސް ޔާމީނު މި ވަގުތު މާލޭގައި ޖަލުގައި ބަހައްޓާފައި ހުރި އިރު، މާފުށީ ޖަލަށް ބަދަލު ކުރާނެ ވަގުތެއް ކަރެކްޝަނަކުން ނުބުނެއެވެ. އާންމުކޮށް ޖަލުގައި ބަންދު ކުރާ މީހުން، މެޑިކަލް ޗެކަޕް ހަދަން ގެންދާ ފަދައިން މިއަދު ރައީސް ޔާމީންވެސް ވަނީ ޓެސްޓުތަކެއް ހެދުމަށް އައިޖީއެމްއެޗަށް ވެސް ގެންގޮސްފައެވެ.

"އަޅުގަނޑުމެން ވަރަށް ބޮޑަށް ކަންބޮޑުވޭ. މިތަނުގައި ރައީސަކު ހުންނަން ޖެހޭ. އަދި ދައުލަތުގެ ހިދުމަތްތެރި ބޭފުޅަކު އެއްވެސް ބޭފުޅަކު ހުންނަންޖެހޭ ކަހަލަ ތަނެއް ނޫން މިތަނަކީ. މާލޭގެ މި ޖަލަކީ ހަގީގަތުގައި ހާލަތު ވަރަށް ގޯސް ތަނެއް. އަދި މިތަނުގެ ހާލަތު ރައީސްގެ ފަރާތުން އަޅުގަނދުމެންނަށް އެނގުނު ގޮތުގައި ނިދަން ބަހައްޓާ އެނދަކީވެސް ވަަރަށް އާދައިގެ އެނދެއް. ރަނގަޅަށް ހަށިކޮޅު ދަމާވެސް ނުލެވޭ ގޮތަށް ހުރިތަނެއް. ދެން ހަމަ މިތަނުގެ ފާހާނާގެ ހާލަތާއި ފާހާނާގެ ފްލެޝްވެސް ނުކުރެވޭ. ވަަރަށް ދަށޫ ހާލަތެއްގައި ހުރީ. ހަމައެއާއެކު ހޫނު ފެނެއްވެސް ނެތް. އެހެންވީމަ ވަަރަށް ދަތި ހާލާތެއްގައި ހުރި ތަަނަކށް ވުމާވެސް އެކީގައި މިތަނުގައި ނުގެންގުލޭ އަޅުގަނޑުމެން އެދެނީ ވީހާވެސް އަވަހަަކަށް ރައީސް ރަސްމީކޮށް އެހެންތަނަކަށް ގެންދާކަމަށްވަންޏާ އެތަނަަކށް ގެންދިއުން."
ޑރ. މުހައްމަދު ޖަމީލު އަހުމަދު

މާލޭ ޖަލުގައި އެމަނިކުފާނު ބަހައްޓަވާފައިވާ ގޮޅީގެ ހާލަތު ހުރި ގޮތް ހާމަކުރައްވަމުން ޖަމީލު ވިދާޅުވީ އެތަނުގައި ރައީސް ނިދިކުރައްވަން ހަށިކޮޅު ދަންމަވާ ލެއްވޭނެ ޖާގަވެސް ނެތް ކަމަށާއި، ނިދިކުރައްވަން ބަހައްޓާފައި ހުރި އެނދަކީ ވެސް އާދައިގެ އެނދެއް ކަމަށެވެ. އޭގެ އިތުރުން އެތަނުގައި ހޫނު ފެން ލިބެން ނުހުންނަ ކަމަށާއި ފާހާނާ ފްލޭޝް ނުވާ ކަމަށްވެސް ޖަމީލު ވިދާޅުވިއެވެ.

މީގެ އިތުރުން ޖަމީލު ވިދާޅުވީ ރައީސް ޔާމީނަކީ މީގެ ކުރީގައި ވެސް އެފަދަ މާހައުލުތަކުގައި ބެހެއްޓުމުން ބައެއް ކަހަލަ ސިއްހީ ހާލަތްތަކެއް ދިމާވެފައިވާ ބޭފުޅެއް ކަމަށާއި، އަދި އެކަމަކީ ހިއުމަން ރައިޓްސް ކަމިޝަނުންނާއި ދައުލަތުން ގަބޫލުވެސް ކޮށްފައިވާ ކަމެއް ކަމަށެވެ. މިހާރު ރައީސް އެ މާހައުލުގައި ހުންނެވުމަށް ސިއްހީ ހާލަތު ތަން ނުދޭ ކަމަށްވެސް ޖަމީލު ވިދާޅުވިއެވެ.

ކަންބޮޑުވުންތައް ފާހަގަ ކުރައްވަމުން ޖަމީލު ވިދާޅުވީ ރައީސް ގެކޮޅުގައި ބަހައްޓަވައިގެން ޝަރީއަތުގެ އިސްތިއުނާފުގެ މަރުހަލާ ނިމޭނެ ގޮތަށް ކުރިއަށް ގެންދިއުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. ހަަމައެއާއެކު ސިޔާސީ ބައެއް ބޭފުޅުން ގޭގައި ބަހައްޓާފައި އެބަ ތިއްބެވި ކަމަށް ޖަމީލު އިޝާރާތް ކުރެއްވިއެވެ.

ޖަމީލު ވިދާލުވީ، އިސްތުނާފުގެ މައިގަނޑު ނުކުތާތައް މާދަމާ ކޯޓަށް ހުށަހަޅުއްވާނެ ކަމަށާއި ހުކުމް ތަންފީޒު ކުރުން ފަސްކުރުމާއި އެއާ ގުޅުން ހުރި ބެއިލްގެ މަސައްކަތްތައް މާދަމާ ކުރިއަށް ގެންދަވާނެ ކަމަށެވެ. އަދި ރައީސް ޔާމީން އިސްތިއުނާފް މަރުހަލާ ނިމެންދެން ގެއަށް ބަދަލުކޮށް ދިނުމަށް ރަސްމީކޮށް ހޯމް މިނިސްޓަރަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މާދަމާ ހުށަހަޅުއްވާނެ ކަމަށެވެ.