ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑާ ކުރުމުގެ ތުހުމަތުގައި ދައުލަތުން ކޮށްފައިވާ ދައުވާގެ ހުކުމް އިއްވާ ފަސް އަހަރުގެ ޖަލު ހުކުމެއް ކޮށް، ހުކުމް ތަންފީޒު ކުރުމަށް މާފުށީ ޖަލަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ކަރެކްޝަނަލް ސާވިސަސް އިން ބުނެފިއެވެ.
"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ކަރެކްޝަންގެ ތަރުޖަމާނު އަހުމަދު ނަސީމް ވިދާޅުވީ ރައީސް ޔާމިން މާފުށީ ޖަލަށް ގެންދިއުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އަދި މިހާރު އެމނަިކުފާނު ހުންނެވީ މާފުއްޓަށް ދިއުމަށް ލޯންޗުގައި ކަމަށް މައުލޫމާތުލިބެއެވެ. ނަސީމް މިހެން ވިދާޅުވެފައި ވާއިރު ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ މުނާޒް މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ ގާނޫނީ ގޮތުން ފުރިހަމަ ކުރަން ޖެހޭ މެޑިކަލް އެސެސްމެންޓް ތަށް އަދި އެހެން އިޖުރާއަތްތަށް ފުރިހަމަކޮށް ނިންމާފައި ވާތީ ރައީސް ޔާމީން މާފުށީ ޖަލަށް ބަދަލު ކުރަން ހަމަޖެހިފައިވާ ކަމަށް ވިދާޅުވެފައެވެ.
މިދިޔަ ބުރާސްފަތި ދުވަހު ރައީސް ޔާމީނަށް މަނީ ލޯންޑާކުރި ކުށް ސާބިތުވެ ކްރިމިނަލް ކޯޓުން 5 ފަނޑިޔާރުންގެ ބެންޗަކުން ވަނީ 5 އަހަރުގެ ޖަލު ހުކުމެއް ކޮށްފައެވެ. އަދި 5 މިލިއަން ޑޮލަރުން ޖޫރިމަނާކޮށް 6 މަސް ދުވަހުގެ މުއްދަތެއްގެ ތެރޭގައި ދެއްކުމަށްވެސް ވަނީ ހުކުމް ކޮށްފައެވެ. ކްރިމިނަލް ކޯތުން ހުކުމް ކުރުމަށްފަހު އެމަނިކުފާނު ވަނީ މާލެ ޖަލަށް ގެންގިސްފައެވެ.
އޭގެ ފަހުން މިދިޔަ ހުކުރު ދުވަހު ޔާމީން ވަނީ ޓޭސްޓުތަކެއް ހެދުމަށް އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފައެވެ. އަދި އެދުވަހު އެމަނިކުފާނުގެ ވަކީލުން ވަނީ ބައްދަލުކުރައްވާފައެވެ. ހުކުރު ދުވަހުގެ ހަވީރު ގާނޫނީ ވަކީލް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވަނީ ނޫސްވެރިންނާ ބައްދަލުކޮށް ވާހަކަ ދައްކަވާފައެވެ. އެގޮތުން ޖަމީލު ވިދާޅުވެފައި ވަނީ، ޔާމީން ހުކުމް ތަންފީޒު ކުރަމުން ގެންދަވާ ގޮޅިއަކީ އިންސާނުން ބައިތިއްބަން އެކަށީގެންވާ ގޮޅިއެއް ނޫންކަމަށާއި އެމަނިކުފާނު ގެކޮޅުގައި ބަހައްޓަވައިގެން ޝަރީއަތުގެ އިސްތިއުނާފުގެ މަރުހަލާ ނިމޭނެ ގޮތަށް ކުރިއަށް ގެންދިއުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. ހަަމައެއާއެކު ސިޔާސީ ބައެއް ބޭފުޅުން ގޭގައި ބަހައްޓާފައި އެބަ ތިއްބެވި ކަމަށް ޖަމީލު އިޝާރާތް ކުރެއްވިއެވެ.