އުއްތަމަ ފަނޑިޔާރު ކަމަށާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ތިން ބޭފުޅެއްގެ ނަން ފޮނުއްވައިފިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އުއްތަމަފަނޑިޔާރުގެ މަގާމަށް މ.ގުލްފާމްގެ އަހްމަދު މުއުތަސިމް އަދްނާން އަދި ސުޕްރީމް ކޯޓުގެ ފަޑިޔާރުކަމަށް ސ.މީދޫ ހަސަންކާރިގެ ހުސްނުއްސުއޫދު އަދި މ.ވޭސައިޑް. އަބްދުއްރައޫފް އިބްރާހީމް އައްޔަންކުރުމާ ގުޅޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަންގެ މަޝްވަރާއަށް ފޮނުއާވަފައިވާ ކަމަށެވެ.

އުއްތަމަ ފަނޑިޔާރު ކަމަށާއި، ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރެއްގެ މަގާމަށް ބޭފުޅުން އައްޔަން ކުރުމަށް ޖޭއެސްސީއަށް 3 ނަމެއް ރައީސް ސޯލިހް ފޮނުއްވީ، އެ މަގާމުތައް ދާދި ފަހުން ހުސްވެފައިވުމުގެ ސަބަބުންނެވެ. ސުޕްރީމްކޯޓުން ތިން މަގާމެއް ހުސްވެފައި ވަނީ އެ ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި ތިއްބެވި ދެ ފަނޑިޔާރަކު މަގާމުން ވަކިކޮށް، އެއް ފަނޑިޔާރަކު ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ. އެގޮތުން، ފަނޑިޔާރުކަމުން ވަކި ކުރި ދެ ފަނޑިޔާރުންގެ ތެރޭގައި އުއްތަމަފަނޑިޔާރު ކަމުގައި ހުންނެވި ޑރ. އަހްމަދު އަބްދުﷲ ދީދީއާއި ފަނޑިޔާރު ކަމުގައި ހުންނެވި އާދަމް މުހައްމަދު އަބްދުﷲ ހިމެނެއެވެ.

އުއްތަމަ ފަނޑިޔާރު މަގާމުން ވަކިކުރުމާ ގުޅިގެން ސުޕްރީމް ކޯޓުގެ ހިންގުން ވަގުތީ ގޮތުން ފަނޑިޔާރު އަބްދުﷲ އަރީފަށް ހަވާލުކޮށްފައިވީ ނަމަވެސް، ސިއްހީ ހާލުކޮޅު ހުރިގޮތުން ރިޓަޔާ ކުރެއްވުމަށް އެދިވަޑައިގަތުމުން، ޖޭއެސްސީން ވަނީ ފަނޑިޔާރު އަރީފު ރިޓަޔާ ކޮށްދީފައެވެ.

މި ތިން މަގާމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ނަން ހުށަހެޅުމަށް ޖޭއެސްސީން ވަނީ މިިދިޔަ ބުރާސްފަތި ދުވަހު ހުޅުވާލާފައެވެ. ސުޕްރީމް ކޯޓުގައި ހުސްވެފައިވާ ތިން މަގާމަށް ކުރިމަތިލުމަށް ޖޭއެސްސީން ދީފައިވާ ސުންގަޑި، މިއަދު މެންދުރު 12:00 އަށް ވަނީ ހަމަވެފައެވެ.