ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑާ ކުރުމުގެ ތުހުމަތުގައި ދައުލަތުން ކޮށްފައިވާ ދައުވާގެ ހުކުމް އިއްވުމަށް މިއަދު ބޭއްވި އަޑުއެހުމުގައި މި މައްސަލަ ބައްލަވާ 5 ގާޒީންގެ ބެންޗުން ވަނީ މަނީ ލޯންޑަ ކުރުމުގެ ކުށް ރައީސް ޔާމީންގެ މައްޗަށް ސާބިތުވާ ކަމަށް ނިންމާފައެވެ. މި މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް 5 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވާއިރު، 5 މިލިއަން ޑޮލަރުން ވަނީ ޖޫރިމަނާ ކޮށްފައެވެ. ދިވެހި ޖުމްހޫރިއްޔާގެ 5 ވަނަ ރައީސްގެ 5 އަހަރުގެ ދައުރެއްގެ ތެރޭގައި ހިންގެވި މަނީ ލޯންޑަރިންގެ މައްސަލަ މިއަދު ސާބިތު ވި އިރު އެ ދައުވާގެ ޝަރީއަތުގައި ޔާމީނުގެ ދިފާއީ ވަކީލުންގެ އަދަދަކީވެސް 5 އެވެ.
ބޮޑު 5 އިން ރައީސް ޔާމިން ޖަލަށްލުމަށް ހުކުމް ކޮށްފައި ވާއިރު، ފުރަތަމަ ހުކުމް ކުރުމަށް އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ތާވަލު ކުރީ ނޮވެމްބަރު 5 ވަނަ ދުވަހެވެ. ނަމަވެސް އެ އަޑުއެހުން ކެންސަލްކޮށް، ހުކުމް ކޮށްފައިވަނީ މިއަދެވެ.
މި މައްސަލަ ފެށިގެން ނިމުމާއި ހަމައަށް މައްސަލަ ކުރިއަށް ގެންދިޔަ ގޮތުގެ ޓައިމްލައިން ތިރީގައި އެވަނީއެވެ.
ފެބްރުއަރީ 13: ރައީސް ޔާމީނަށް މަނީ ލޯންޑާ ކުރުމުގެ ތުހުމަތުގައި ދައުވާ ކުރުން.
އެމްއެމްޕީއާރްސީގެ ކޮރަޕްޝަން އެންމެ ބޮޑަށް ތުހުމަތުވާ އެސްއޯއެފް ކުންފުނީގެ އެކައުންޓުން ދެ ޗެކަކުން އެއް މިލިއަން ޑޮލަރު އިސްލާމިކް ބޭންކްގައި އޮންނަ ޔާމީންގެ ސޭވިން އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ބުނެ، ދައުލަތުން ވަނީ ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑާ ކުރުމުގެ ތުހުމަތުގައި ދައުވާއެއް އުފުލާފައެވެ.
ފެބްރުއަރީ 18: ޝަރީއަތް ފެށުން.
ރައީސް ޔާމީން މައްޗަށް އުފުލާފައިވާ މަނީލޯންޑްރިންގެ ޝަރީއަތް ނިމެންދެން އެމަނިކުފާނު ހައްޔަރުކޮށްފައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށް، މާފުށީ ޖަލަށް ގެންގޮސް ބަންދު ކުރިއެވެ. ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރު ކުރީ، ޝަރީއަތަށް ހުށަހެޅިފައިވާ މައްސަލައިގެ ހެކިންނަށް ރައީސް ޔާމީން ނުފޫޒު ފޯރުވަފާނެ ކަމަށް ގަބޫލު ކުރެވޭތީ ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އިން އެގޮތަށް އެދިގެންނެވެ.
ފެބްރުއަރީ 19:
ުޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރު ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފަށް ހައި ކޯޓަށް ހުށަހެޅިއެވެ.
މާޗް 13:
ރައީސް ޔާމީންގެ ސިއްހީ ހާލަތު ހުރި ގޮތުން ޑޮކްޓަރުންގެ ލަފާގެ މަތިން އެމަނިކުފާނު ވަގުތީ ގޮތުން ގޭބަންދަށް ބަދަލު ކުރަން ނިންމިއެވެ. އެމަނިކުފާނު ގެއަށް ބަދަލުކުރުމުގެ ކުރީ ގޭ ބަންދުގައި ހުންނަ އިރު އަމަލުކުރައްވަން ޖެހޭ ޝަރުތުތަކެއް ކަނޑައަޅައި އެކަމަށް އެމަނިކުފާނާއި އަނބިކަނބަލުން ވެސް އެއްބަސްވެގެންނެވެ.
މާޗް 28: ރައީސް ޔާމީން ޖަލު ބަންދުން ދޫކޮށްލުމަށް ހައިކޯޓުން ހުކުމް ކުރިއެވެ.
ހުކުމުގައި ބުނީ، މަނީ ލޯންޑްރިންގެ މައްސަލައަކީ ޝަރީއަތަށް މިހާރު ހުށަހެޅިފައިވާ މައްސަލައަކަށްވާއިރު، އެފަދަ މައްސަލަތަކުގައި ޝަރީއަތް ނިމެންދެން ބަންދުކުރުމުގެ އުސޫލުތަކެއް ގާނޫނުގައިވާ ކަމަށެވެ. އެގޮތަށް ބަންދުކުރެވޭނީ މެދުކެނޑުމެއްނެތި އަޑުއެހުންތައް ކުރިއަށް ގެންގޮސް އެކަށިގެންވާ މުއްދަތެއްގެ ތެރޭގައި މައްސަލަ ނިންމުމަށް އިންތިޒާމްކޮށްފައިވާނަމަ އެވެ. ނަމަވެސް މި މައްސަލާގައި ބަންދު އިތުރުކުރުމަށް ހާޒިރު ކުރުން ނޫން އަޑުއެހުމެއް މިހާތަނަށް ވެސް ކުރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފައިނުވާކަމަށް ހައި ކޯޓުގެ ހުކުމުގައި ބުނެފައިވެއެވެ.
އެޕްރީލް 25: ދައުވާ އިއްވުން.
އެސްއޯއެފް ކުންފުނީގެ އެކައުންޓުން ދެ ޗެކަކުން އެއް މިލިއަން ޑޮލަރު އިސްލާމިކް ބޭންކްގައި އޮންނަ ޔާމީންގެ ސޭވިން އެކައުންޓަށް ވަނީ ޖަމާކޮށްފައިވާ ކަމަށާއި، އެ އެއް މިލިއަން ޑޮލަރު އޭގެ ފަހުން ވަނީ އިސްލާމިކް ބޭންކްގައި އޮންނަ ޔާމީންގެ ޖެނަރަލް އިންވެސްޓްމެންޓް އެކައުންޓަކަށް ޓްރާންސްފާކޮށްފައިވާ ކަމަށް ދައުވާގައި ބުނެއެވެ. އޭގެ ފަހުން، މައްސަލާގެ ތަހުގީގު ނިމެންދެން އެސްކްރޯ އެކައުންޓްގައި އެ ފައިސާތައް ބެހެއްޓުމަށް އެސްކޮރޯ އެކައުންޓެއް ހެދުމަށް އޭސީސީއާއެކު އެއްބަސްވުމެއް ހަދާފައިވީ ނަމަވެސް ރައީސް ޔާމީން ވަނީ އެ އެއްބަސްވުމާ ހިލާފުވެފައި ކަމަށް ދައުލަތުން ބުނެއެވެ. ދައުލަތުން ބުނީ، އެ އަމަލަކީ އެ ފައިސާތައް ފޮރުވައި، ކޮރަޕްޝަނުން ހޯދާފައިވާ ފައިސާތަކެއް ކަމަށް ޝައްކު ކުރެވޭ ފައިސާތަކެއް ބަދަލު ކުރަން އުޅުމުގެ އަމަލެކެވެ.
ހެކިން:
- ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު
- ކުރީގެ ޓުއަރިޒަމް މިނިސްޓަރު ރައީސް މޫސާ ޒަމީރު
- އޭސީސީގެ ރައީސް ހަސަން ލުތުފީ
- ނައިބު ރައީސް މުއައްވިޒު ރަޝީދު
- އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތު
- ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފު،
- ރައީސް އޮފީހުގެ މިނިސްޓާ އޮފް ސްޓޭޓް އިކޮނޮމިކް އެންޑް ޑިވެލޮޕްމެންޓް މުހައްމަދު ލުވައިސް އަދި
- މުހައްމަދު ވަސީމް އިސްމާއިލް
ކިތާބީ ހެކިން: އެސްކްރޯ އެއްބަސްވުން، ރައީސް ޔާމީން ފުލުހުންގެ އިތުރުން އޭސީސީއަށް ދީފައިވާ ބަޔާން އަދި ރައީސް ޔާމީންގެ އަހަރީ ބަޔާނާއި، އެކައުންޓު ސްޓޭޓްމަންޓުތައް
ޖުލައި 21: މި އަޑުއެހުމުގައި ރައީސް ޔާމީންގެ ފަރާތުން 5 ކަމެއް ހުށަހެޅި
- ދައުވާ ފޯމު ސާފު ނޫން ކަމަށާއިި، ހަވާލާދީފައިވާ ކުށަކީ ގާނޫނުގައި ބަޔާންކޮށްފައިވާ ކުށަކަށް ނުވުމާއި އެމްއެމްއޭގެ ނިންމުމެއް ހިމަނާފައިވާ ނުވުން
- ކޮރަޕްޝަންގެ ކުށަކީ ކޮބައިކަން ދައުލަތުން ސާފުކޮށް ބަޔާންކޮށްފައެއް ނުވޭ
- ދައުލަތުން ދައުވާ އުފުލާފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނު ވުޖޫދަށް އައުމުގެ ކުރިން ހިނގާފައިވާ ހާދިސާއެއް ކަމަށާއި، އެހެން ކަމުން އެ ގާނޫނުގައި ކަނޑައަޅާފައިވާ އަދަބު ބޮޑުކޮށް ދައުވާ ނުކުރެވޭނެ
- ރައީސް ޔާމީންގެ މައްޗަށް ދައުވާ އުފުލާފައިވަނީ މުޅި މައްސަލައިގެ ތަހުގީގު އަދި ފުރިހަމަވެފައި ނުވަނީސް
- އަދީބާއި ޒިޔަތަކީ ޔާމީންގެ ވެރިކަމުގައި ކުށް ސާބިތުވެ އަދަބު ދެވުނު ދެ މީހެއް ކަމުން، އެމީހުންގެ ހެކިބަސް ބަލައިނުގަނެވޭނެ
ނަމަވެސް، ރައީސް ޔާމީންގެ ފަރާތުން ދިފާއު ވުމަށް ހުށަހެޅި އެއްވެސް ނުކުތާއެއް ރިޔާސަތުން ބަލައިގެންފައެއް ނުވެއެވެ.
އޮގަސްޓް 4: މި އަޑުއެހުމުގައި ވަނީ މުއައްވިޒުގެ ހެކިބަސް ނަގާފައި، އަދި ރައީސް ޔާމީންގެ ފަރާތުން ދިފާއީ ހެކި ހުށަހަޅާފައި.
މުއައްވިޒު: އޭނާ ވިދާޅުވީ އެސްއޯއެފުން 2015 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައި ދެ ފަހަރެއްގެ މަތިން 500،000 ޑޮލަރުގެ ދެ ޗެކް އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ ޔާމީންގެ އެކައުންޓަށް ޖަމާކުރިކަން ހާމަވާ ކަމަށެވެ. އަދި އެކަން ވެރިފައި ކުރުމަށް ރައީސް ޔާމީނުގެ އެކައުންޓް ސްޓޭޓްމަންޓެއް ހޯދަން މަސައްކަތް ކުރެއްވި ކަމަށާއި، ނަމަވެސް ދަތިތަކެއް ދިމާވި ކަމަށް އޭނާ ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ފަރާތުން ދިފާއުވުމަށް ހުށަހެޅި ހެކިތަކުގެ ތެރޭގައި އެމްއެމްއޭގެ ކުރީގެ ގަވަރުނަރު އާޒިމާ އާދަމާއި، އެމްއެމްއޭއިން ނެރުނު ނޫސްބަޔާނެއްގެ އިތުރުން އެމްއެމްޕީއާރުސީން އެސްއޯއެފަށް ސިވިލް ކޯޓުގައި ދައުވާކުރި މައްސަލައިގެ ގަޒިއްޔާގެ ނިންމުން ހިމެނެއެވެ.
އޮގަސްޓް 22: މިއަޑުއެހުމުގައި މުއައްވިޒު، އަދީބު އަދި ޒިޔަތުގެ ހެކިބަސް ނެގި
އަދީބު: އަދީބު ވަނީ، ރައީސް ޔާމީނުގެ އެކައުންޓަށް އޭނާ ކެމްޕޭނު ފައިސާ ޖަމާ ނުކުރާ ކަމަށާއި، ކެމްޕޭނު ފައިސާއެއް ދެއްވުމަށް ރައީސް ޔާމީން އެއްވެސް އިރަކު ގުޅުއްވާފައި ނުވަތަ އަންގަވާފައި ނެތް ކަމަށް ވިދާޅުވެފައެވެެ. ނަމަވެސް، އެމްއެމްޕީއާރުސީ ފައިސާއާ ގުޅޭ ގޮތުން ރައީސް ޔާމީން ވަރަށް ގިނައިން ގުޅުއްވާ ކަމަށާއި، ފިނިފެންމާ ލޯންޗު ގޮވުމުގެ ހާދިސާއަށް ފަހުވެސް އެމަނިކުފާނަށް އެމްއެމްޕީއާރްސީ ފައިސާއާ ގުޅިގެން ރައީސް ޔާމީން ގުޅުއްވާ ކަމަށް އަދީބު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ރަށްތައް ދޫކުރުމާއި ފައިސާ ނެގުމުގެ އެންމެ އިސްކޮށް އުޅުއްވީ ވެސް ރައީސް ޔާމިން ކަމަށެވެ.
ޒިޔަތު: ޒިޔަތު ވިދާޅުވީ، ރަށްތަކާއި ފަޅުތައް ކުއްޔަކާ ނުލާ ދޭން ފެށުނީ 2014 ވަނަ އަހަރު ރައީސް އޮފީހުން އަންގައިގެން ކަމަށެވެ. އެގޮތުން ރައީސް ޔާމީން ވަކިގޮތަކަށް ކަންކަން ކުރައްވަން އިރުޝާދު ދެއްވި ކަމަށާއި، ރަށްތައް އަދި ފަޅުތައް ދޫކުރުމަށް ވަކި ގޮތެއް އަންގާ ފޯނުންނާއި މެސްޖް މެދުވެރިކޮށް އެންގެވި ކަމަށް ޒިޔަތު ވިދާޅުވިއެވެ. އެގޮތުން ކުއްޔަށް ދޫކުރި ގއ. ވޮޑަމުލާގެ ފައިސާ އަދީބާ ހަވާލުކުރަން އަންގާފައި އޮތް، ނަމަވެސް އަދީބު މާލެގައި ނެތުމުން އެ ފައިސާ އެސްއޯއެފާއި ހަވާލުކުރި ކަމަށާއި، ރައީސް ޔާމީން އެކަމުގައި އޭނާއާ މުއާމަލާތް ކުރި ކަމަށް ޒިޔަތު ވިދާޅުވިއެވެ. ޒިޔަތު ވިދާޅުވީ، ވޮޑަމުލާ ކުއްޔަށް ދީގެން 1 މިލިއަން ޑޮލަރު ލިބުނު ކަމަށާއި، އެ 1 މިލިއަން ޑޮލަރަށް ފަހުންވީ ގޮތެއް އޭނާއަށް ނޭނގޭ ކަމަށެވެ.
ސެޕްޓެމްބަރު 3: މި އަޑުއެހުމުގައި، ޝަރީފާއި، ލުވައިސް އަދި ޒަމީރުގެ އިތުރުން ވަސީމުގެ ހެކިބަސްވަނީ ނަގާފައި
ޝަރީފް: ޝަރީފް ވިދާޅުވީ، އެސްކްރޯ އެކައުންޓް ހުޅުވުމަށް އޮންނަ އުސޫލާ އެކަން އޮންނަ ގޮތް އޭސީސީގެ އޭރުގެ ރައީސް ހަސަން ލުތުފީއަށް ދެންނެވިން ކަމަށެވެ. އެކައުންޓު ހުޅުމުވުމުގައި ޝަރީފްގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށާއި އެކައުންޓު ހުޅުވުމަށް ފަހު އެކައުންޓަށް ފައިސާ ޖަމާ ކުރުމުގެ ކޮންޓެކްޓް ޕޮއިންޓަކަށް އޭނާ ހުންނެވި ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި ކޮންޓެކްޓް ޕައިންތަކަށް ޗަރީފް ހުންނެވީ އޭރުގެ ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯގެ އެދިވަޑައިގެންނެވުމުގެ މަތިން ކަމަށް ޝަރީފް ވިދާޅުވިއެވެ. ނަމަވެސް އެ އެކައުންޓަކީ ރައީސް ޔާމީނާ ގުޅޭ އެކައުންޓެއްކަން އެނގުނީ އެ އެކައުންޓް ހުޅުވި ފަހުން ކަމަށް ޝަރީފް ވިދާޅުވިއެވެ.
ލުވައިސް: ލުވައިސް ވިދާޅުވީ، ރައީސް ޔާމީން ފައިނޭންޝަލް ޓްރާންސެކްޝަނެއް ހައްދަވަން ބޭނުންފުޅުވާ ވާހަކަ އޭރުގެ ލީގަލް މިނިސްޓަރު އާޒިމާ ޝަކޫރު ވިދާޅުވި ކަމަށެވެ. މިކަމާ ގުޅިގެން ލުވައިސް ވަނީ އޭނާއަކީ ބޭންކް އޮފް މޯލްޑިވެސްގެ އިންޑިޕެންޑެންޓް ބޯޑް މެންބަރެއް ކަމަށާއި މިކަމާ ގުޅޭ ގޮތުން އެގްޒެކެޓިވް ބޯޑް މެންބަރުން ތިއްބަވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން އެންޑްރޫ ހީލީ އާއި ޝަރީފްއާއި ދެބޭފުޅުން ތިއްބަވާނެ ކަމަށާއި، އަދި ލުވައިސް ވަނީ އެންޑްރޫ ހީލީއާ ޝަރީފް ގާތު މިފަދަ ފައިނޭޝަލް ޓްރާންސެކްޝަނެއްގެ ކަންތަކުގައި ރައީށް ޔާމީން ގުޅުއްވާނެ ކަމަށް ދަންނަވާފައި ކަމަށް ލުވައިސް ވިދާޅުވިއެވެ. މިގޮތަށް ދެންނެވެމުން އެންޑްރޫ ވިދާޅުވީ "ވިލް ޓޭކް އިޓް ފްރޮމް ދެއާ" ކަމަށް ލުވައިސް ވިދާޅުވިއެވެ. އެހިސާބުން ފޯކަލް ޕޮއިންޓެއް ގޮތުގައި ޝަރީފް ހަމަޖެއްސިކަން އެނގުނުކަމާއި އޭގެ ފަހުން އިތުރު މުއާމަލާތެއް ލުވައިސް އާ ނުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ. އާޒިމާ ޝުކުރުގެ އިތުރުން އިތުރު މީހަކު އެކަމާ ގުޅޭ ގޮތުން މުއާމަލާތްކޮށްފައި ނުވާކަމަށް ލުވައިސް ވިދާޅުވިއެވެ.
ޒަމީރު: ޒަމީރު ވިދާޅުވީ، ރައީސް ޔާމީން އެދިވަޑައިގަންނަވައިގެން، އެއް މިލިއަން ޑޮލަރު އެމަނިކުފާނުގެ އެކައުންޓަށް ޖަމާކުަރައްވާފައި ވާނެ ކަމަށެވެ. އެ ފައިސާއަކީ މުދަލެއް ވިއްކައިގެން ޒަމީރު ހީއްދެވި ފައިސާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެފައިސާ ލިބުމާ އެކު އެކައުންޓަށް ޖަމާކުރެއްވި ކަމަށާއި ފައިސާ ލިބިވަޑައިގަތުމުގައި ލަސްވެވަޑައިގަނެގެން ރައީސް ޔާމީން ގުޅުއްވާފައި ނުވާ ކަމަށްވެސް ޒަމީރު ވިދާޅުވިއެވެ. ފައިސާ ލިބޭލެއް ލަސްވެގެން ގުޅުއްވާފައިވަނީ އާޒިމާ ޝަކޫރު ކަމަށް ވެސް ޒަމީރު ވިދާޅުވިއެވެ.
ވަސީމް: ޒަމީރާ ދެމެދު ވެވުނު ފައިސާގެ މުއާމަލާތުގައި ވަސީމް ވަނީ އޭނާގެއަތުން ގޯއްޗެއް ގަނެފައި ކަމަށް ބުނެއެވެ. މުޅި އެގްރީމަންޓްގެ އަގަކީ ދެމިލިއަން ޑޮލަރު ކަމަށާއި، ފުރަތަމަ މޫސާ ޒަމީރު ހަވާލުވެޑައިގަތީ އެއްމިލައިން ހަތްދިހަ ފަސް ހާސް ޑޮލަރު ކަަމށް ވަސީމް ބުނެއެވެ. އޭގެ ފަހުން އެ ފައިސާ އާ ގުޅޭ ގޮތުން އިތުރު މުއާމަލާތެއް ނުކުރެވޭ ކަމަށް ވެސް ވަސީމް ބުނެއެވެ.
ސެޕްޓެމްބަރު 25:
ދިފާއީ ހެކިވެރިޔާ، ކުރީގެ ގަވަރުނަރު އަޒީމާ އާދަމް ވަނީ ކޯޓަށް ހާޒިރުވެވެން ނެތް ކަމަށް ކޯޓަށް ސިޓީއެއް ހުށަހަޅާފައެވެ.
ލުތުފީ ފުލުހުންގެ ތަހުގީގަށް ދިން ހެކި ބަހުގެ ރެކޯޑިންގް ބެލުމަށް ޝަރީއަތުގެ މަޖިލީހުން ވަނީ ނިންމާފައެވެ.
އެމްއެމްޕީއާރުސީ އާއި އެސްއޯއެފް އާދެމެދު 10 މިލިއަން އެމެރިކާ ޑޮލަރުގެ ސައްހަ މުއާމަލާތްތަކެއް ހިންގާފައިވާކަން ސިވިލް ކޯޓުން ކުރި ހުކުމެއްގައި ބުނެފައިވާ ކަމަށާއި، އެސްއޯއެފުން ކުރި ހުރިހާ މުއާމަލާތްތަކަކީ ގާނޫނާ ހިލާފު މުއާމަލާތްތަކެއްކަމެއް ޝަރުއީ ކޯޓަކުން މިހާތަނަށް ކަނޑައަޅާފައިނުވާކަމަށް ދިފާއުން ފާހަގަކުރިއެވެ.
އޮކްޓޯބަރު 9: ހުލާސާ ބަޔާން އިއްވުން.
ދެފަރާތުން ވަނީ މި މައްސަލާގައި ކުރިއަށް ދިޔަ 5 އަޑުއެހުމުގައި ހުށަހެޅި ހެކިތަކާއި ފާހަގަ ކުރި ނުކުތާތަކުގެ ހުލާސާ ބަޔާން އިއްވާފައެވެ. ހުލާސާ ބަޔާނަށް ފަހު މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހްމަދު ހައިލަމް ވަނީ މައްސަލައިގެ ހުކުމް އިއްވުން ނޮވެމްބަރު 5 އަށް ތާވަލުކޮށްފައެވެ.
ނޮވެމްބަރު 5:
ރައީސް ޔާމީނުގެ މައްސަލަ ބައްލަވަމުން ގެންދެވި ކްރިމިނަލް ކޯޓުގެެ އިސް ގާޒީ އަހުމަދު ހައިލަމް ވަނީ މި ދުވަހު ކުއްލި ގޮތަކަށް ސަސްޕެންޑް ކޮށްފައެވެ. ޖޭއެސްސީން، ގާޒީ ހައިލަމް ސަސްޕެންޑް ކުރީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އަދި ރައީސް މުހައްމަދު ނަޝީދުގެ ކަރުފުޅުގައި ޗޭނު ޖަހައި ދަމާފައި ގެންދާތައް ފެންނަ ކުރެހުމެއް މެދުވެރިކޮށް ނަސްރުގެ ދުވަހުގެ ތަހުނިޔާ ވިދާޅުވި މައްސަލާގައެވެ.
ނޮވެމްބަރު 12:
ރައީސް ޔާމީންގެ މައްސަލަ ބެއްލެވުމަށް 5 ގާޒީންގެ ބެންޗެއް އެކުލަވާލިއެވެ. އެ ބެންޗުގައި ތިއްބަވާނީ ގާޒީ އަލީ ރަޝީދާއި، ގާޒީ އަހްމަދު ޝަކީލާއި، ގާޒީ މުހައްމަދު ސަމީރު އަދި ގާޒީ އަލީ އާދަމްގެ އިތުރުން ގާޒީ ހުސެއިން ފާއިޒް ރަޝާދެވެ.
ނޮވެމްބަރު 17:
މި އަޑުއެހުމުގައި، ރިޔާސަތުން ވަނީ މައްސަލަ ބައްލަވާ ގާޒީ ބަދަލުވެފައިވީ ނަމަވެސް، މި މައްސަލައިގެ އަޑުއެހުން ކުރިން އޮތް ހިސާބުން ފެށިގެން ކުރިއަށް ގެންދިއުމަށް ނިންމާފައެވެ. އަދި ރައީސް ޔާމީންގެ ވަކީލުން ވަނީ ގާޒީ އަލީ ރަޝީދު މި މައްސަލަ ބަލާ ބެންޗުގައި ހުރުމަށް އިތުބާރު ނުކުރާ ކަމަށް ބުނެ ގާޒީ އަލީ ރަޝީދު ބެންޗުން ތަނާޒިލުވުމަށް އެދިފައެވެ. ނަމަވެސް ބެންޗުން މަޝްވަރާ ކުރުމަށްފަހު 5 ގާޒީން ވަނީ ގާޒީ އަލީ ރަޝީދު މައްސަލައިން ތަނާޒިލު ނުވުމަށް ނިންމާފައެވެ. މި އަޑުއެހުމުގައި ގާޒީ އަލީ ރަޝީދު ވަނީ މި މައްސަލައިގެ ހުކުމް އިއްވުން ނޮވެމްބަރު 28 އަށް ތާވަލުކޮށްފައެވެ.
ނޮވެމްބަރު 28: ހުކުމް އިއްވުން
މި އަޑުއެހުމުގައި މަނީ ލޯންޑާ ކުރުމުގެ ކުށް ރައީސް ޔާމީނަށް ސާބިތުވެފައިވާއިރު، ދައުލަތުން ވަނީ މަނީ ލޯންޑާ ކުރުމުގެ ކުށަށް ކަނޑައެޅިފައިވާ އެންމެ ކުޑަ އަދަބު ކަމަށްވާ 5 އަހަރަށް ޖަލަށް ލުމުގެ އަދަބު ރައީސް ޔާމީނަށް ކަނޑައެޅުމަށް އެދިވަޑައިގެންފައެވެ. އަދި ދިފާއުން ވަނީ ކުރިއަށްއޮތީ ހަފްތާ ބަންދަށް ވާތީ އިސްތިއުނާފް ކުރުމުގެ ފުރުސަތު ނުލިބޭނެތީ މައްސަލައިގެ އަބަދު ކަނޑައެޅުން ފަސްކޮށްދިނުމަށް އެދިފައެވެ. ނަމަވެސ ްރިޔާސަތުން ވަނީ އެ ހުށަހެޅުން ބަލައިނުގެންފައެވެ. އަދި ރައީސް ޔާމީން 5 އަހަރަށް ޖަލަށް ލުމަށާއި 5 މިލިއަން ޑޮލަރުން ޖުރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ. މި ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރިވެނިއު އޮތޯރިޓީއަށް ދެއްކުމަށް އެ ހުކުމުގައި ބުނެފައިވެއެވެ.
ތި އޮތީ ފަސްފަހެތިން ދީފާ ނު. ކެކެކެކެ
255 މީހުން ބައިވެރިވި ކަމެއްގަ އެކަކަށް އަދަބު...ކިހާ މޮޅު..
ފުރަތަމަ މުލުވަގު