ޏ.ފުވައްމުލަކުގެ އިރުން 10 ނޯޓިކަލް މޭލު ބޭރުން ދަތުރުކުރަމުން ދިޔަ ލަންކާގެ މަސްބޯޓެއް ދިވެހި މަސްދޯންޏެއްގެ ބެލުމުގެ ދަށަށް ގެނައުމާ ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދުން ހަތް މީހުންނާއެކު ދަތުރުކުރަމުން ދިޔަ ބޭރުގެ މަސްބޯޓެއް ފެނިގެން، ދިވެހި މަސްދޯންޏަކުން އެ ބޯޓް ހިފެހެއްޓިކަމުގެ މައުލާމާތު އެމްއެންޑީއެފް ސަދަން އޭރިއާއަށް މިއަދު 11:25 ހާއިރު އެމްއެންޑީއެފްއަށް ލިބިފައިވާ ކަމަށެވެ،

އެ ހާދިސާގެ މައުލޫމާތު ލިބުމާކު އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ފާސްޓް އިންޓަސެޕްޓް ކްރާފްޓް "ދޮށިމޭނާ" ހަރަކާތްތެރިވާން ފެށި ކަމަށާއި އެބޯޓް މިހާރު ދަތުރުކުރަމުން ދަނީ ގއ. ކަނޑުހުޅުދޫއަށް ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ވަނީ މިގޮތަށް ދަތުރުކުރާ އުޅަނދު ފަހަރު މަސްވެރިން ނުހިފެހެއްޓުމަށާއި ޝައްކު ކުރެވޭ ބޭރުގެ އެއްވެސް އުޅަނދެއް ފެނިއްޖެނަމަ ލަސް ނުކޮށް އެމްއެންޑީއެފް ކޯސްޓްގާޑު އެންގުމަށް އިލްތިމާސްކޮށްފައެވެ.

މިދިޔަ ހުކުރު ދުވަހުވެސް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަގަށް ވަތް 7 މަސް ބޯޓު އެމްއެންޑީއެފްއިން ވަނީ ހިފަހައްޓާފައެވެ. މި ބޯޓުތަކުގެ މައުލޫމާތުވެސް އެމްއެންޑީއެފްއިން ދިނީ އޭރު މަސްވެރިކަމަށް ނިކުމެ އުޅުނު ދިވެހި މަސްދޯންޏަކުންނެވެ.