މެލޭޝިއާގެ ޖޯހަރުގެ ކްރައުން ޕްރިންސް ޓުންކު އިސްމާއިލް އިދްރީސް އަބްދުލްމަޖީދް އަބޫ ބަކަރް އިސްކަންދަރް އިބްނި ސުލްތާން އިބްރާހިމް އިސްމާއިލް، އާއިލާއާ އެކު ރާއްޖޭ ވަޑައިގެންފިއެވެ.

އިތުބާރު ހުރި މަސްދަރަކުން 'ދަ ޕްރެސް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޖޯހަރުގެ ކްރައުން ޕްރިންސް އިސްމާއިލް، އާއިލާއާ އެކު ރާއްޖެ ވަޑައިގެންފައިވަނީ ޗުއްޓީ ހޭދަ ކުރެއްވުމަށެވެ. މާލެ އަތޮޅު ރިސޯޓެއްގައި މިހާރު ޗުއްޓީ ހޭދަ ކުރައްވަމުން ގެންދަވާ ކްރައުން ޕްރިންސް ރާއްޖެ ވަޑައިގެންނެވީ ޕްރައިވެޓް ޖެޓެއްގައި ކަމަށް މައުލޫމާތު ލިބެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކްރައުން ޕްރިންސް ޓުންކު އިސްމާއިލް ރާއްޖެ ވަޑައިގެންނެވީ ތިން ދުވަހަށެވެ. އަދި ޗުއްޓީ ހޭދަ ކުރެއްވުމަށް ފަހު ރާއްޖެއިން ފުރައިވަޑައިގަންނަވާނީ އަންނަ ބުދަ ދުވަހެވެ.

މެލޭޝިއާ، ޖޯހަރުގެ ކްރައުން ޕްރިންސް އިސްމާއިލް، އަދި އަބިކަނބަލުން ހަލީދާ / ފޮޓޯ: ދަ ސްޓާ | އޭޝިއާ ނިއުސް ނެޓްވޯކް

ކްރައުން ޕްރިންސް އިސްމާއިލް ރާއްޖެ ވަޑައިގެންނެވީ، އަނބިކަނބަލުން ޗެ ޕުއަން ހަލީދާ ބަސްޓަމަމް އާއި ދަރިކަލުން، ޓުންކު ކަލްސޮމް އާމިނަތު ސޯފިއާ އިބްނި ޓުންކު އިސްމާއިލް، ޓުންކު އިސްކަންދަރް އަބްދުލް ޖަލީލް އަބޫ ބަކްރް އިބްރާހިމް އިބްނި ޓުންކު އިސްމާއިލް އަދި ޓުންކު އިސްމާއިލް އިބްރާހިމް، ޓުންކު މަހްކޮތާ ޖޯހަރާ އެކުއެވެ.

މެލޭޝިއާ، ޖޯހަރުގެ ކްރައުން ޕްރިންސް އިސްމާއިލް، އާއިލާއާ އެކު / ފޮޓޯ: ދަ ސްޓާ | އޭޝިއާ ނިއުސް ނެޓްވޯކް

ޕްރިންސް އިސްމާއިލްގެ ފުރަތަމަ ދަރިކަނބަލުން، ކަލްސޮމް އާމިނަތު ސޯފިއާ އުފަންވީ 2015 ވަނަ އަހަރު ޖޫން 25 ވަނަ ދުވަހެވެ. އޭގެ ދެއަހަރު ފަހުން ދެވަނަ ދަރިކަލުން، އިސްކަންދަރް އަބްދުލް ޖަލީލް އުފަންވީ، 2017 ވަނަ އަހަރު އޮކްޓޯބަރު 14 ވަނަ ދުވަހެވެ. އަދި ތިން ވަނަ ދަރިކަލުން، އިސްމާއިލް އިބްރާހިމް އުފަންވީ މިއަހަރު ޖުލައި މަހު 18 ވަނަ ދުވަހެވެ. ޕްރިންސް އިސްމާއިލާއި އަނބިކަނބަލުން ހަލީދާ ކައިވެނި ބައްލަވާގަތީ 2014 ވަނަ އަހަރު އޮކްޓޯބަރު 24 ވަނަ ދުވަހެވެ.