އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާނެ ކެނޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީ އަންނަ މަހުގެ ތެރޭގައި ބާއްވާނެ ކަމަށް އެ ޕާޓީގެ ރައީސްކަމަށް ދެވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންނެވި ކުރީގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުން ދާދިފަހުން ބުނެފައިވަނީ ލޯކަލް ކައުންސިލް އިންތިހާބު އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވަން ނިންމާފައިވާ ކަމަށެވެ.

"ބެއްޔާ" ޓީޝާޓް މޫވްމަންޓް ފެށުމަށް މިއަދު ހެނދުނު މޯލްޑިވިއަންގެ ސީޕްލޭން ޓާމިނަލްގައި އޮތް ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ނަޝީދު ވިދާޅުވީ އަންނަ މަހު ޕާޓީގެ ޕްރައިމަރީ ބާއްވަވާނެ ކަމަށާއި، އެ އިންތިހާބަށް އެމްޑީޕީން ވަރަށް ރަނގަޅަށް ތައްޔާރުވެފައިވާ ކަމަށެވެ.

އެމްޑީޕީގެ ލީޑާޝިޕްގެ އިންތިހާބު އިއްޔެ ބޭއްވިއިރު އެމްޑީޕީން މިހާތަނަށް އިއުލާން ކޮށްފައިވާ 172 ފޮށީގެ ވަގުތީ ނަތީޖާ ދައްކާގޮތުން ވޯޓު ލުމުގައި ބައިވެރިވެފައި ވަނީ 23،613 މީހުންނެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ 27 ޕަސެންޓެވެ. މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 87،000 އަށްވުރެ ގިނަ މެމްބަރުންނަށް ލިބިފައިވާ ކަމަށް އެމްޑީޕީން މީގެކުރިން ބުނެފައިވެއެވެ.

ކައުންސިލް އިންތިހާބަށް އެމްޑީޕީން ތައްޔާރުވެފައިވާ ކަމަށް އެޕާޓީގެ ރައީސް ވިދާޅުވެފައި ވާއިރު ކައުންސިލްތަކުގެ އުމުރު ފަސް އަހަރަށް ވަނީ ބަދަލުކޮށްފައެވެ. އަދި ލާމަރުކަޒީ ގާނޫނަށް އިސްލާހުތަކެއް ގެނައުމަށް މަޖިލީހަށް ވެސް މިހާރު ވަނީ ހުށަހަޅާފައެވެ. ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި މޭޔަރާއި، ޑެޕިއުޓީ މޭޔަރު، ކައުންސިލް ރައީސް އަދި ނައިބު ސީދާ ރައްޔިތުންގެ ވޯޓުން އައްޔަން ކުރުމާއި ކައުންސިލްތަކުގެ 33 ޕަސެންޓް އަންހެނުންނަށް ދިނުމާއި ދައުލަތުގެ އާމްދަނީގެ ފަސް ޕަސެންޓް ކައުންސިލްތަކަށް ދިނުން ހިމެނެއެވެ.