ސަލަފް ޖަމިއްޔާ ފުރަތަމަ ރަޖިސްޓްރީ ކުރީ ރައީސް ނަޝީދުގެ ވެރިކަމުގައި ކަމަށް ވިދާޅުވެ އެމަނިކުފާނު ހެއްދެވީ އިތުރުފުޅެއްކަން ހާމަވެއްޖެއެވެ.

ޓެރަރިޒަމްގެ ހަރަކާތްތަކަށް ސަލަފު ޖަމިއްޔާ ވާގިދޭ ކަމަށް ބުނެ އެ ޖަމިއްޔާއަށް ފިޔަވަޅު އެޅުމުގެ މަޝްވަރާތައް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) ގައި ކުރިއަށް ހިނގަމުންދާ ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގައި ފުރަތަމަ އިސްލާމިކް މިނިސްޓްރީއެއް އުފެއްދެވީ 2008ވަނަ އަހަރު އެމްޑީޕީގެ ވެރިކަމުގައި ކަމަށެވެ. ކަން ދިމާކުރި ގޮތުން އޭރު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވީ އެމަނިކުފާނު ކަމަށާއި ސަލަފް ޖަމިއްޔާއަކީ ވެސް އެމްޑީޕީގެ ވެރިކަމުގައި އުފެއްދުމުގެ ހުއްދަދިން ޖަމިއްޔާއެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ސަލަފް ޖަމިއްޔާ އުފެއްދުމާ ދެކޮޅަށް ގިނަ ސިޔާސީ ފަރާތްތަކެއް އެމަނިކުފާނަށް ލަފާ ދެއްވި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެ ދުވަހު ސަލަފް ޖަމިއްޔާ ރަޖިސްޓްރީ ކޮށް ނުދިންނަމަ، "އަންޑަގްރައުންޑްގައި" އެ ޖަމާއަތުގެ ހަރަކާތްތައް ފަށައިގެން ކުރިއަށް ގެންދާނެ ކަމަށާއި އަދި މިއަދުގެ ވެސް އެމަނިކުފާނު ދެކެވަޑައިގަންނަވަނީ އެ ޖަމާއަތް ހުއްޓުވައިފިނަމަ "އަނޑިއަށް" ދާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެހެންނަމަވެސް ސަލަފް ޖަމިއްޔާ ރަޖިސްޓްރީ ކޮށްފައި ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައެވެ. ސަލަފް ރަޖިސްޓަރީ ކޮށްދީފައި ވަނީ މާޗް 12، 2006 ގައެވެ. ނަޝީދު ވެރިކަމަށް ވަޑައިގެންފައިވަނީ އޭގެ ދެ އަހަރު ދުވަހަށް ވުރެ ވެސް ފަހުންނެވެ.