ދޮށީ އުމުރުގެ މީހުންނާ ބެހޭ ޤައުމީ އެކްޝަން ޕްލޭން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު މިއަދު އިފްތިތާހު ކޮށްދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މި އެކްޝަން ޕްލޭން އިފްތިތާހު ކޮށްދެއްވީ، ދޮށީ އުމުރުގެ މީހުންނާ ބެހޭ ގައުމީ އެކްޝަން ޕްލޭން އިފްތިތާހުކުރުމާއި ގައުމީ މާމަ، ކާފަ ދުވަސް އިއުލާންކުރުމުގެ ގޮތުން މިއަދު ހެނދުނު ހޮޓެލް ޖެންގައި ބޭއްވި ޖަލްސާގައެވެ.

ދޮށީ އުމުރުގެ މީހުންނާ ބެހޭ ގައުމީ އެކްޝަން ޕްލޭނަކީ ދޮށީ އުމުރުގެ މީހުންނާބެހޭ ގައުމީ ސިޔާސަތުގައި އެކުލެވޭ ކަންކަން ތަންފީޒުކުރުމަށްޓަކައި އެކުލަވާލެވުނު އެކްޝަން ޕްލޭނެކެވެ.

މިނިސްޓްރީ އޮފް ޖެންޑާ، ފެމެލީ އެންޑް ސޯޝަލް ސާވިސަސްއިން އިންތިޒާމުކޮށްގެން ބޭއްވި މި ޖަލްސާގައި އެވުޒާރާއިން ވަނީ ގައުމީ މާމަ، ކާފައިންގެ ދުވަހަކީ ކޮންމެ އަހަރެއްގެ ސެޕްޓެންބަރު މަހުގެ 1 ވަނަ ދުވަސްކަމުގައި އިއުލާނުކުރައްވައި އަންނަ އަހަރުން ފެށިގެން އެދުވަސް ފާހަގަކުރަމުން ގެންދާނެކަން އިއުލާނުކޮށްފައެވެ.

ގައުމީ މާމަ، ކާފައިންގެ ދުވަހެއް ކަނޑައެޅުމުގެ އެންމެ ބޮޑު ބޭނުމަކީ ދޮށީ އުމުރުގެ މީހުން ގައުމަށާއި އެމީހުންގެ އާއިލާއަށް ކޮށްދެއްވާ ހިދުމަތްތައް ފާހަގަކޮށް އެމީހުންގެ އަގު ވަޒަންކުރުން ކަމަށް ޖެންޑާއިން ބުނެއެވެ.