ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ އަބުރު ކަތިލުމުގެ ގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެއްވެސް ޒިންމާދާރުކަމެއް ނެތި ކުރަމުން ގެންދާ ކަންކަން ބަލައި ނުގަނެވޭނެ ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭގެ ޓްވީޓުގައި މިރޭ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ޑރ. ޝަހީމްގެ އަބުރު ކަތިލުމުގެ ގޮތުން ހިންގާ އަމަލުތަކަކީ ރޭވިގެން ހިންގާ ޖަރީމާއެއް ކަމަށެވެ. އަދި އެކަމަކީ ދީނީ އިލްމުވެރިންނަށް ދެމުން ގެންދާ އިންޒާރެއް ކަމަށްވެސް އަދުރޭގެ ޓްވީޓުގައި ވިދާޅުވިއެވެ.

ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލާގައި މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް އުފައްދާފައިވާ ރިޔާސީ ކޮމިޝަނުން ކުރި ތަހުގީގު ރިޕޯޓުގައި ވަނީ ޑރ. ޝަހީމަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައެވެ. އެގޮތުން، ޑރ. ޝަހީމް ކޮމިޝަނަށް ލިޔުމުން ފޮނުއްވާފައިވާ މައުލޫމާތުގައިވާ ގޮތުން އޭނާއާ 2012، އޮކްޓޯބަރު އެއްވަނަ ދުވަހު ބައްދަލުކުރެއްވުމަށް އިސްލާމިކް މިނިސްޓްރީއަށް އަފްރާޝީމް ވަޑައިގެންނެވީ އެއްވެސް ގޮތަކަށް އޭނާ އެދިވަޑައިގެން ނޫން ކަމަށް ވެއެވެ. އަދި އަފްރާޝީމް އަވަހާރަ ކޮށްލުމުގެ ކުރިން ޑރ. ޝަހީމަށް ލިބިވަޑައިގެންނެވި މެސެޖެއްގައި އަފްރާޝީމް ރުޖޫއަވެ، މީޑިއާގައި އިއުލާނު ކުރައްވައިފިނަމަ، މެސެޖު ފޮނުވި ބަޔަކު އަލުން އަނބުރާ އަފްރާޝީމް ދެކެ ލޯބިވާނެ ކަމަށް ޝަހީމް ވިދާޅުވި ކަމަށް ރިޕޯޓުގައި ވެއެވެ.

ޝަހީމް މިފަދައިން މަރު ކޮމިޝަނަށް މައުލޫމާތު ދެއްވާފައިވީ ނަމަވެސް، 2012، އޮކްޓޯބަރު އެއްވަނަ ދުވަހުގެ މެންދުރު 1:00 އަށް އިސްލާމިކް މިނިސްޓްރީއަށް ވަޑައިގަތުމަށް ޝަހީމް ދެންނެވި ކަމަށް ދެބޭފުޅުންގެ ދެމެދުގައި ބަދަލު ކުރައްވައިފައިވާ މެސެޖުތަކުން އެނގޭ ކަމަށް ރިޕޯޓުގައި ވެއެވެ. އަދި ޝަހީމަށް ބަޔަކު ފޮނުވި ކަމަށް ބުނާ އެ މެސެޖު ޝަހީމަށް ފޮނުވި ފަރާތެއް އޭނާ ހަނދުމަ ނެތް ކަމަށާއި އޭނާ ކޮމިޝަނަށް އެ މައުލޫމާތު ސާފުކޮށްދެއްވާފައި ނުވާ ކަމަށް ރިޕޯޓުގައި ބުނެއެވެ.

މީގެ އިތުރުން، މަރު ކޮމިޝަނުގެ ރިޕޯޓުގައި ބުނީ އަފްރާޝީމް މަރާލުމަށްފަހު އޮކްޓޯބަރު ދެވަނަ ދުވަހު މާލެއިން ގަތަރަށް ފުރި ފްލައިޓުން 10 މީހުން ފުރި ކަމަށެވެ. އަދި އޭގެ ތެރެއިން ސީރިއާ އަދި ސޫދާނަށް ދިޔަ މީހުންގެ ތެރޭގައި ޖާދުﷲ އިބްރާހިމް، މުހައްމަދު އިޝާން، އަބްދުﷲ ބަޝީރު، ފައުޒީ، އަހްމަދު ޔުސްރީ މުހައްމަދު ޝަރީފު، މުހައްމަދު ޝަފީގު، މުހައްމަދު ތަސްނީމް، އައިޝާ ނަހުލާ އަބްދުލްލަތީފް އަދިި އިބްރާހީމް ހުޝާމާއި މިފްޒަލް މުހައްމަދު ހިމެނެއެވެ. ރިޕޯޓުގައި ބުނެފައި ވަނީ، މި އެންމެނަކީ ވެސް މަޒީދާއި ސާމިދުގެ ޖިހާދީ ފިކުރުގެ ޖަމާއަތުން ތަމްރީނުކޮށްފައިވާ މީހުން ކަމަށެވެ. އެ ރިޕޯޓުގައި ބުނީ މާލެއިން ގަތަރަށް ދިޔަ ފްލައިޓުގައި ދެން ވަޑައިގެންނެވީ ޑރ. ޝަހީމް ކަމަށެވެ.

ނަމަވެސް ޝަހީމް ވަނީ މަރު ކޮމިޝަނުގެ އެ ވާހަކަތައް ދޮގު ކުރައްވާފައެވެ.