ކްރިމިނަލް ކޯޓު ހިންގެވުމާއި ހަވާލުވެ ހުންނެވި ގާޒީ އަލީ ރަޝީދާ ގުޅޭ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް އަމިއްލަ ފަރާތަކުން ހުށަހަޅާފައިވާ މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް ޕްރޮގްރެސިވް ކޯލިޝަނުން ގޮވާލައިފިއެވެ.
ޕީޕީއެމް ޕީއެންސީން ނެރެފައިވާ ނޫސްބަޔާނެއްގައި މިއަދު ބުނީ މި މަހުގެ 10ވަނަ ދުވަހު ޖޭއެސްސީއަށް އަމިއްލަ ފަރާތަކުން ގާޒީ އަލީ ރަޝީދުގެ ސުލޫކީ މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލައަކީ އެ ކޯލިޝަނުގެ މަސްހަލަތުވެސް ހިމެނޭ މައްސަލައެއް ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
ޕްރޮގްރެސިވް ކޯލިޝަނުގެ ނޫސްބަޔާނުގައި ފަނޑިޔާރުންގެ ގާނޫނުގެ 29ވަނަ މާއްދާއާއި ހިލާފަށް ގާޒީ އަލީ ރަޝީދު ރައީސް ޔާމީންގެ ޝަރީއަތާބެހޭ ގޮތުން ވަކި މީޑިއާއަކަށް މައުލޫމާތު ދީޕާއި ކަމަށް ވަނީ ބުނެފައެވެ. އެކަމަކީ ޖޭއެސްސީން ވަގުތުން ވަގުތަށް ފިޔަވަޅު އަޅަންޖެހޭ މައްސަލައެއް ކަމަށާއި އެހެންނަމަވެސް ވަކި ތައައްސުބެއްގެ ތެރެއިން އެމައްސަލަ ބެލުން ލަސްކޮށް، ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވުމަށްޓަކައި ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކުން އެއްކިބާވެތިބެ ކަންކަން ކުރަމުންދާތީ އެކަން އެ ކޯލިޝަނުން ވަނީ ކުށްވެރި ކޮށްފައެވެ. ޕްރޮގްރެސިވް ކޯލިޝަނުން ބުނީ އެ ކޯލިޝަނުން ދެކޭ ގޮތުގައި އެފަދަ ކަމެއް ހިނގާ ދިއުމުން އެ ފަނޑިޔާރަކު އަމިއްލަފުޅަށްވެސް އެމައްސަލައަކުން ތަނާޒުލްވާން ޖެހޭނެ ކަމަށެވެ.
ގާޒީ އަލީ ރަޝީދު އިންޓަވިއު ދެއްވީ ރާއްޖެޓީވީއަށެވެ. އެމަނިކުފާނު އިންޓަވިއު ދެއްވީ މިހާރު ސަސްޕެންޑު ކޮށްފައިވާ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ހައިލަމް ނެރުއްވި ނޫސްބަޔާނެއްގައި ރައީސް އަބްދުﷲ ޔާމީނު ޖަލަށްލުމަށް ހުކުމް އިއްވާނެ ކަމުގެ ކަށަވަރުކަން ދިނުމަށް ބައެއް ފަރާތްތަކުން ނުފޫޒު ފޯރިވި ކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެންނެވެ. ގާޒީ އަލީ ރަޝީދު ވިދާޅުވީ އޭނާ ހައްދަވަނީ އިތުރުފުޅެއް ކަމަށެވެ. ގާޒީ އަލީ ރަޝީދު ވިދާޅުވީ، ހައިލަމް އަށް ބަޔަކު ނުފޫޒޯ ފޯރުވިކަން އެނގިވަޑައިގެންފައިނުވާ ކަމަށެވެ.