އިންޑިއާއިން ކުރިއަށް ގެންދާ ތާރީހީ ޖައްވީ މިޝަން "ޗާންދްރަޔާން-2" ފޮނުވާފައިވާ ހަނދުގެ ތްރީޑީ ތަސްވީރުތަކެއް، އިންޑިއާގެ ޖައްވީ އިދާރާ (އައިއެސްއާރްއޯ)އިން އާންމުކޮށްފިއެވެ.

ޗާންދްރަޔާން-2ގެ މިޝަންގައި ބޭނުންކުރަމުންދާ ޓެރެއިން މެޕިންގް ކެމެރާ-2 އިން ނަގާފައިވާ ތަސްވީރުތައް އާންމުކޮށްފައިވާއިރު، މިމަންޒަރުތަކުން ފެނިގެންދަނީ ހަނދުގެ ސަތަހާގައި ހެދިފައިވާ ވަޅުގަނޑެކެވެ.

އިންޑިއާގެ ޖައްވީ މިޝަން ޗާންދްރަޔާން-2 އިން ނަގާފައިވާ ހަނދުގެ ސަތަހައިގެ 3ޑީ ތަސްވީރު/ފޮޓޯ: އައިއެސްއާރްއޯ

ފޮޓޯއާއިއެކު އައިއެސްއާރްއޯއިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ މި ތަސްވީރަކީ އެ ވަޅުގަނޑުގެ ތްރީޑީ މަންޒަރުތައް ދައްކުވާދޭ ފޮޓޯއެއް ކަމަށެވެ.

ހަނދުގެ ދެކުނު ތަނޑީގައި ސޮފްޓް ލޭންޑިންގްއެއް ހަދާ ފުރަތަމަ ގައުމަށް ވުމުގެ ޝަރަފު ހޯދާ، އެ ސަރަހައްދުގައި ސައިންޓިފިކް ދިރާސާތަކެއް ކުރުމަށް އިންޑިއާއާއިން ކުރިއަށް ގެންދިޔަ ޖައްވީ މިޝަން "ޗާންދްރަޔާން-2" އެންމެ ފަހު ސިކުންތުކޮޅުގައި ފެއިލްވި ނަމަވެސް، އެ މިޝަންގައި ބޭނުންކުރާ އާލާތްތައް އެކަށީގެންވާ ފެންވަރެއްގައި މަސައްކަތް ކުރަމުންދާތީ އިންޑިއާގެ ޖައްވީ އިދާރާއިން އަދިވެސް ދަނީ އޮޕަރޭޝަންތައް ކުރިއަށް ގެންދަމުންނެވެ.

ފަހު ނަތީޖާ ކޮންމެ ގޮތަކަށް ނިކުތްކަމުގައި ވީ ނަމަވެސް އިންޑިއާގެ "ޗާންދްރަޔާން-2" މިޝަންއާ އެކު އެގައުމުގެ ނަން ތާރީހުގައި ލިޔެވިއްޖެ ކަމަށް ވިދާޅުވެ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހުވެސް ވަނީ އިންޑިއާއަށް ތައުރީފުކުރައްވާފައެވެ.