މި އަހަރު ޑެންގީ ހުން ޖެހުނު މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖަންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭއިން ނެރުނު ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް ޑެންގީ ހުން ޖެހިގެން 4505 ކޭސް ވަނީ ރިޕޯޓުކޮށްފަ އެވެ. އަދި މި އަހަރު މިހާތަނަށް ރިޕޯޓު ކުރި ކޭސްތަކުގެ އަދަދު މިދިޔަ ދެ އަހަރު ރިޕޯޓު ކުރި މައްސަލަތަކަށް ވުރެ ގިނަ ކަމަށާއި ނަމަވެސް ސެޕްޓެމްބަރު މަހާ އަޅައި ބަލާއިރު އޮކްޓޫބަރު މަހު ޑެންގީ ހުން ޖެހުނު މީހުންގެ އަދަދު މަދު ކަމަށް އެ އެޖަންސީން ބުންޏެވެ.

މިދިޔަ ދެ މަހު ޑެންގީ ހުން ޖެހިގެން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ށ، ނ، ޅ އަތޮޅުންނާއި އަދި މާލެ އާއި ހުޅުމާލެއިން ކަަމަށް އެޗްޕީއޭއިން ބުންޏެވެ. މީގެ އިތުރުން ޗިކުންގުންޏާ ޖެހިގެން މި އަހަރު މިހާތަނަށް 1460 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ. އެ ބަލި ޖެހިގެން އެންމެ ގިނައިން ރިޕޯޓު ކުރީ ރ. އަދި ގއ އަތޮޅުންނާއި މާލެއިންނެވެ.