ދެހާސް ތޭވީސް ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) ވާދަކުރާނެކަން އިއުލާން ކުރި ހިސާބުން ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަން ފަށާފައިވާ ކަމަށް އެޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ޖޭޕީއަށް އަލަށް މެންބަރުންތަކެއް ސޮއި ކުރުމަށް އެޕާޓީގެ މައި ހަރުގެ މ. ކުނޫޒުގައި ބޭއްވި ހަފްލާއެއްގައި މިރޭ ވާހަކަދައްކަވަމުން ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް ވަނީ ޖޭޕީ ވެރިކަމަށް އަންނާނެ ކަން އިއުލާނު ކުރުމުން ކަންބޮޑުވާން ޖެހޭ ސަބަބަކީ ކޮބައިތޯ ސުވާލު ކުރައްވާފައެވެ. އަބަދު ޖޭޕީ އޮންނަން ޖެހޭނީ އެހެން ބޭފުޅުން ނުވަތަ އެހެން ޕާޓީތައް ވެރިކަމަށް ގެންނަންޖެހޭ ފާލަމެއްގެ ގޮތުގައިތޯ ވެސް ގާސިމް ވަނީ ސުވާލު އުފައްދަވާފައެވެ.

"ކުރިން ރޭ ނިހާނުވެސް ވިދާޅުވި ފަދައިން، ތާ އަބަދަކު އިންތިހާބަށް ފޮޅޭ މަލެއްހެން ފޮޅޭ ޕާޓީއަކަށް މި ޕާޓީއެއް އަބަދަކު ނުވާނެ. އެކަންވެސް ބަދަލުވާނެ ދުވަހެއް އަންނާނެ،" ގާސިމް އިބްރާހީމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ އެމީހަކު އުޅޭނެ ގޮތެއް އެނގޭނީ އެމީހަކަށް ކަމަށެވެ. އެގޮތުން ޖޭޕީ ކަންކުރާނެ ގޮތާއި ޖޭޕީ ދާންވި މިސްރާބު އެނގޭނީ އެޕާޓީއަށް ކަމަށް ގާސިމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ޖޭޕީން ރިިޔާސީ އިންތިހާބުގައި ވާދަކުރާއިރު އެ އިންތިހާބުގައި ކެންޑިޑޭޓަކަށް ނިކުންނާނެ ބޭފުޅެއް އަދި ކަނޑަނުވެސް އަޅާ ކަމަށެވެ. އެކަން ކުރާނީ ޖޭޕީގެ މެންބަރުން ކަމަށް އޭނާ ވިދާޅުވިއެވެ.

"އަދި މިއުޅެނީ އިންތިހާބަށް ވާދަކުރާނެ ކެނޑިޑޭޓެއްވެސް ނޭނގިގެން. އަޅުގަނޑުމެން މި ދަންނަވަނީ 2023ގެ އިންތިހާބުގައި ޖޭޕީން ވާދަކުރާނޭ. ވާދަކުރާނީ އަޅުގަނޑުތޯ، ހަސަނުތޯ ހުސައިނުތޯ ކަތްދަތޯ އެއީ އެކަން ނިންމާނީ ރައްޔިތުން ޖޭޕީގެ އާއްމު މެންބަރުން،" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވަނީ 2004ވަނަ އަހަރުން ފެށިގެން ރާއްޖޭގައި އޭރު ހިނގާދިޔަ މުހިއްމު ކަންކަމުގައި އޭނާގެ ހިއްސާއާ ބައިވެރިވުމާއި ގައުމު ބިނާކުރުމާއި އިންސާނީ ވަސީލަތް ބިނާކުރުމުގައި އޭނާގެ ދައުރު އޮތް މިންވަރާއި ގުޅޭ ގޮތުންވެސް ވާހަކަދައްކަވާފައެވެ. އެގޮތުން ގާސިމް ވިދާޅުވީ ގާނޫނުއަސާސީ އިސްލާހު ކުރުމުގެ ގޮތުން ފުރަތަމަ ލިޔުނު ފޮޅުވަތް ލިޔުނީވެސް ހާއްސަ މަޖިލީހުގެ ރައީސް ކަމުގައި އެމަނިކުފާނު އިންނަވައިގެން ކަމަށެވެ.

"އަދި އޭގެ ފަހުން 2004ވަނަ އަހަރު ދެން 2005ވަނަ އަހަރުން ފެށިގެންނޭ ކިޔަމާ، ރާއްޖޭގެ އުމްރާނީ ތަރައްގީއާ އިގްތިސޯދަށް އައިސްފައިވާ ކުރިއެރުމާއި ތަރައްގީ އަޅުގަނޑު ނުދެންނެވި އަކަސް ތިބޭފުޅުން އަމިއްލައަށް ބައްލަވާލައްވާ،" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ އިންސާނީ ވަސީލަތް ތަރައްގީކޮށް މީހުން ބިނާކުރުމަށްޓަކައި ވެސް އޭނާ އެތައް ހަރަދެއް ކޮށްފައިވާނެ ކަމަށެވެ. އެގޮތުން 7000އަށްވުރެ ގިނަ މީހުންނަށް މަތީ ތައުލީމު ހޯދައި ދިނުމަށް އެކި ގޮތް ގޮތުން އެކި ވަރުވަރަށް މަސައްކަތް ކޮށްދެއްވާފައިވާ ކަމަށެވެ.