1 މެލޭޝިއާ ޑިވަލޮޕްމަންޓް ބާހާޑް (1އެމްޑީބީ) ހިޔާނާތުގެ މައްސަލާގައި، މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގާ ދެކޮޅަށް އުފުލާފައިވާ 7 ދައުވާ ބަލައިގަނެވޭނެ ކަމަށާ، އެ ދައުވާތަކުގައި ނަޖީބުގެ ފަރާތްޕުޅުން ދިފާއު ހުށަހަޅުއްވަން ޖެހިވަޑައިގަންނަވާ ޚުދު އޭނާއަށް ކަމަށް މެލޭޝިއާގެ ކޯޓަކުން މިއަދު ހުކުމްކޮށްފިއެވެ.

ނަޖީބާ ދެކޮޅަށް ބަލައިގެންފައިވާ މައްސަލަތަކުގެ ތެރޭގައި އިތުބާރު ނަގާލެއްވުމުގެ ޖިނާއީ ދައުވާއާއި، ކަޅުފައިސާ ދޮވުމުގެ ކުށުގެ ދައުވާގެ އިތުރުން މަގާމުގެ ނާޖާއިޒު ފައިދާ ނެންގެވުމާ ގުޅިފައިވާ މައްސަލަތަކެއް ހިމެނޭއިރު، މި ހިޔާނާތްތަކުގެ އަގު އެތައް ބިލިއަން ޑޮލަރަކަށް އަރައެވެ.

މިއީ 1އެމްޑީބީ ހިޔާނާތާ ގުޅިގެން ނަޖީބާ ދެކޮޅަށް މިފަދަ ދައުވާތަކެއް އުފުލައިގެން ކުރިއަށް ގެންދިއުމަށް މަގު ތަނަވަސްވި ފުރަތަމަ ފަހަރެވެ.

ކަފާލާތުގެ ދަށުން ޖަލު ބަންދުން މިނިވަންވެވަޑައިގެންފައިވާ އުމުރުފުޅުން 66 އަހަރުގެ ނަޖީބާ ދެކޮޅަށް 4.5 ބިލިއަން ޑޮލަރުގެ ހިޔާނާތުގެ މައްސަލާގައި ގިނަ އަދަދެއްގެ ޖިނާއީ ދައުވާޓަކެއް ކުރަމުންދާއިރު، ދިފާއަށް ބަޔާން ދެއްވާނެ ކަމަށް ނަޖީބު ވަނީ ކޯޓުގައި ވިދާޅުވެފައެވެ. މިކަން ފެށުމަށް ހަމަޖެހިފައި އޮތީ އަންނަ ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހުއެވެ.

މިއަދު ހެނދުނު ކުރިއަށްދިޔަ ޝަރީއަތުގެ މަޖިލީހުގައި ގޮތް ނިންމާ، ހުކުމުގެ ބަޔާން އިއްވުނު އިރު ނަޖީބު އިންނެވީ އިސްދަށަށް ޖައްސަވައިގެން ކަމަށް މައުލޫމާތު ލިބެއެވެ.

2018 ވަނަ އަހަރުގެ މެއި މަހު މެލޭޝިއާގައި ކުރިއަށްދިޔާ ތާރީހީ އިންތިހާބަށްފަހު ބޮޑުވަޒީރު ކަމުގެ މަގާމުން ވަކިވެވަޑައިގަތުމަށް މަޖުބޫރުވި ނަޖީބާގު މައްޗަށް ކުށްތައް ސާބިތުވެއްޖެނަމަ، ކޮންމެ ދައުވާއަކާއެކު 15-20 އަހަރާއި ދެމެދު ޖަލު ހުކުމްތަކެއް އަންނާނެއެވެ. އަދި ބޮޑު އަދަދުތަކަކުން ނަޖީބު ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ނަޖީބާ ދެކޮޅަށް ދައުވާ ހުށަހެޅުމުގެ މައްސަލަ ފެއްޓެވީ މެލޭޝިއާގެ ބަންޑާރަ ނައިބު ޓޮމީ ޓޮމަސްއެވެ. މިއަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި މައްސަލަ ކޯޓަށް ވައްދާފައިވަނީ 57 ހެކީންގެ ހެކިބަހާވެސް އެކުގައިއެވެ.