މަަޖިލީހުގެ ކޮމެޓީތަކުން އެކި މައްސަލަތަކުގައި ބަޔާން ނެރުމަކީ މީގެ ކުރިން ކުރާ ކަމެއް ނޫން ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ޝަރީފް މިހެން ވިދާޅުވީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމްއާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ހިޔުމަން ރައިޓްސް ކޮމެޓީން ރޭ ނެރުނު ބަޔާނާ ގުޅިގެންނެވެ. މީގެ އިތުރުން ޝަރީފް ވިދާޅުވެފައި ވަނީ މަޖިލީހުގެ ރައީސްގެ ހިޔާލުފުޅާ ނުބައްދަލު ބަޔާންތައް މަޖިލީހުގެ ކޮމެޓީތަކުން ނެރެން ފަށައިފި ނަމަ މަޖިލީހުގެ ނިޒާމު ގެއްލިދާނެ ކަމަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުފުޅުގައި ޗޭނު ޖަހާފައިވާތަން ކުރަހާފައިވާ ފޮޓޯއަކުން ކްރިމިނަލް ކޯޓުގެ ގާޒީ އަހުމަދު ހައިލަމް ނަސްރުގެ ދުވަހުގެ ތަހުނިޔާ ވިދާޅުވުމަކީ އިންސާނީ ކަރާމަތަށް އަރައިގަތުމުގެ އަމަލެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީއިން ރޭ ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.
ހައިލަމް ބޭނުން ކުރެއްވި ފޮޓޯއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީއިން އިނގިރޭސި ބަހުން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައި ވަނީ ގާނޫނު އަސާސީންނާއި އެންޓި ޓޯޗާ ގާނޫނުން ދިވެހި ކޮންމެ ރައްޔިތެއްގެ އިންސާނީ ކަރާމަތް ރައްކާތެރި ކުރުމުގެ ހައްގު ފޯރުކޮށްދޭ ކަމެވެ. އެހެންކަމުން، އެފަދަ އަމަލުތަކަށް ދައުލަތުގެ މަގާމެއްގައި ހުރި މީހަކު އަރައިގަނެގެން ނުވާނެ ކަމަށާއި ހައިލަމްގެ އެ އަމަލަކީ، އިންސާނީ ކަރާމާތަށް އަރައިގަތުމުގެ އަމަލެއްގެ އިތުރުން، ޔޫއެން ކޮންވެންޝަން އެގެއިންސްޓް ޓޯޗާ އެންޑް އިންހިއުމަން ޑިގްރޭޑިން ޓްރީޓްމަންޓް އެންޑް ޕަނިޝްމަންޓުގެ އާޓިކަލް ތިނަކާ ހިލާފު ކަމެއް ކަމަށްވެސް ކޮމިޓީން ވަނީ ބުނެފައެވެ.
ހައިލަމްއާ ގުޅޭ ގޮތުން ކޮމެޓީ އިން ބަޔާންނެރުމުން އިދިކޮޅުން ވަނީ ފާޑުކިޔަން ފަށައިފައެވެ. އެގުތުން ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް ވިދާޅުވީ މަޖިލީހާއި މިނިވަން މުވައްސަސާތަކުގެ ބޭނުން ކޮށްގެން ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރަމުންދާތަން ފެންނަ ކަމަށާއި މަޖިލީހުގައި ހިންގާ ކޮމިޓީތަކަކީ މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ) އާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ މިލްކެއް ނޫން ކަމަށްެސް ވަނީ ވިދާޅުވެފައެވެ.