ގަވައިދުން ފަތިސް ނަމާދަށް ދާ ކުދިންނަށް އިންޑިއާގެ ބެންގަލޫރުގެ މިސްކިތަކުން ބައިސްކަލު ހަދިޔާކޮށްފިއެވެ.

ހާޖީ ސާ އިސްމާއީ ސާއިދު މިސްކިތަށް ނަމާދަށްދާ ކުޑަކުދިންގެ ތެރެއިން 40 ދުވަސް ވަންދެން އެންމެ ދުވަހެއްވެސް ވައްޓާނުލާ ކޮންމެ ދުވަހަކު ފަތިސް ނަމާދަށް ދިޔަ 99 ކުޑަކުއްޖަކަށް އެ މިސްކިތުން ވަނީ ބައިސްކަލު ހަދިޔާކޮށްފައެވެ.

އެ މިސްކިތުން މިކަން ކުރީ، އިންޑިއާގެ ބައެއް އެހެން މިސްކިތްތަކުންވެސް މިކަންކޮށް، ކާމިޔާބު ލިބިފައިވާ ކަމުގެ ޚަބަރުތަކެއް ފެންމަތިވުމާއެކުގައި ކަމަށް މައުލޫމާތު ލިބެއެވެ.

ބެންގަލޫރުގެ ހާޖީ ސާ އިސްމާއީ ސާއިދު މިސްކިތުގެ ނަމާދު ޕްރޮގްރާމްގައި 200 އެއްހާ ކުދިން ދަފުތަރުވިއެވެ. ނަމަވެސް 40 ދުވަސް ހަމަނުކުރެވުނު ކުދިންނަށްވެސް އެ މިސްކިތުން ވަނީ ހިތްވަރު ދީފައެވެ. އެގޮތުން ހުރިހާ ނަމާދެއް ކުރުމަށް އެކުދިން ކުރި ހިތްވަރު ފާހަގަކޮށް، އެ މިސްކިތުން ވަނީ އެކުދިންނަށް ގަޑި ފަދަ ތަކެތި ހަދިޔާކޮށްފައެވެ.

މިއަހަރުގެ ރަމަޟާން މަހު މެލޭޝިއާގެ މިސްކިތަކުންވެސް ވަނީ މިފަދަ ހަރަކާތެއް ހިންގާފައެވެ. ތުރުކީވިލާތާ މިސްރުގައިވެސް މީގެ ކުރިން މިފަދަ ހަރަކާތްތަކެއް ވަނީ ހިންގާފައެވެ.