ދިވެހިރާއްޖޭގެ އުއްތަަމަފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީގެ ތަހުގީގު ރިޕޯޓު ޖޭއެސްސީން ސުޕްރީމް ކޯޓަށް ފޮނުވައިފިއެވެ.

ޖޭއެސްސީން ބުނީ، އެ ކޮމިޝަނުން ތަހުގީގު ކުރަމުންގެންދާ އުއްތަމަ ފަނޑިޔާރުގެ ސުލުކީ މައްސަލައިގެ ރިޕޯޓު ސުޕްރީމް ކޯޓަށް ފޮނުވާފައި ވާ ކަމަށެވެ. މި ރިޕޯޓު ސުޕްރީމް ކޯޓަށް ފޮނުވާފައި ވަނީ އުއްތަމަ ފަނޑިޔާރާ ހަވާލު ކުރެއްވުމަށް ކަމަށް އެކޮމިޝަނުން ބުނެއެވެ.

ޖޭއެސްސީން ބަލަމުން ދިޔަ އުއްތަމަ ފަނޑިޔާރުގެ ސުލޫކީ މައްސަލަތަކުގެ ތެރޭގައި އެންމެ ފަހުން ފެނަމތިވެފައިވާ މައްސަލައަކީ ސުޕްރީމް ކޯޓުގެ ސެކެޓްރީ ޖެނެރަލަށް ވަޒީފާގެ ބިރު ދެއްކި މައްސަލައެކެވެ. މި މައްސަލައިގައި އުއްތަމަ ފަނޑިޔާރަށް ތުހުމަތު ކުރެވެނީ، ޖުޑިޝަލް ސާވިސް ކޮމިޝަންގެ ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ނެރެފައިވާ ގަވާއިދުތަކާއި އުސޫލުތަކަށް އަމަލު ނުކުރުމަށް ސުޕްރީމް ކޯޓުގެ ސެކެޓްރީ ޖެނެރަލަށް އަންގާ މަސައްކަތަށް ހުރަސް އެޅުއްވި މައްސަލައެކެވެ. ހަމައެއާއެކު ޖުޑިޝަލް އެޑްމިނިސްޓްރޭޝަނާ އެއްވެސް މުއާމަލާތެއް ނުކުރެއްވުމަށާއި، އަދި ޖުޑިޝަލް އެޑްމިނިސްޓްރޭޝަނާ ގުޅިގެން ސުޕްރީމް ކޯޓުގެ އެސްޖީ ބަގާވާތް ކުރައްވަން އުޅުއްވާކަމަށް ތުހުމަތު ކުރައްވައި އެ ޑިޕާޓްމަންޓާ އެއްވެސް މުއާމަލާތެއް ކޮށްފިނަމަ ވަޒީފާއިން ވަކި ކުރާނެކަމަށް އިންޒާރު ދެއްވާފައި ވާ މައްސަލައެއް ކަމަށް ޖޭއެސްސީން ބުނެއެވެ.

މީގެ އިތުރުންވެސް އުއްތަމަ ފަނޑިޔާރުގެ ގިނަ ސުލޫކީ މައްސަލަތަކެއް ޖޭއެސްސީއިން ދަނީ ބަލަމުންނެވެ. އޭގެ ތެރޭގައި އުއްތަމަ ފަނޑިޔާރުގެ މައްޗަށް ސާބިތުވި ސުލޫކީ މައްސަލައެއްގައި އެމަނިކުފާނާ މެދު އެޅި ފިޔަވަޅެއްގެ ގޮތުން ނަސޭހަތް ދިނުމަށް ނިންމި ކަމުގެ ލިޔުން އެމަނިކުފާނާ ހަވާލު ކުރެއްވުމުން އެ ލިޔުމާ ހަވާލުވެ ވަޑައިގަތުމަށް އިންކާރު ކުރައްވާފައިވާތީ އެކަންކަމާ ގުޅިގެން އެމަނިކުފާނުގެ ސުލޫކީ މައްސަލަ ބަލަން ޖޭއެސްސީން ވަނީ ނިންމާފައެވެ.