އެމްޑީޕީ ލީޑާޝިޕް އިންތިހާބު 2019 ގައި ނައިބު ރައީސް ކަމަށް ކުރިމަތި ލައްވާ މުހައްމަދު ޝިފާޒް (ޝިއްޕެ) އާއެކު ރައީސް މުހައްމަދު ނަޝީދުގެ ބޭބޭފުޅު ޑރ އަހުމަދު ނާޝިދު ހުންނެވި އިރު، ނައިބު ރައީސް ކަމަށް ކުރިމަތިލައްވާ މުހައްމަދު އަސްލަމާއެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކޮއްކޯފުޅު ހުޅުމާލޭ ދާއިރާގެ މަޖިލިސް މެންބަރު އަލީ ނިޔާޒް ފެނުމުން މަންޒަރު ބަދަލުވީތޯ ސުވާލު އުފެދިއްޖެއެވެ.

ހަބަރުތައް ފެތުރިފައިވާ ގޮތުގައި ސިއްޕެއާއި އަސްލަމަކީ ދެ ރައީސުންގެ ދެ ޗޮއިސް އެވެ. ޝިއްޕެ ނެރުއްވުމަށް ރައީސް ސޯލިހު ތާއީދު ކުރެއްވި ކަމަށް އަޑުތައް ފެތުރިފައި ވާއިރު ރައީސް ނަޝީދު ތާއީދު ކުރެއްވީ އަސްލަމް ނެރުއްވުމަށެވެ.

ނައިބު ރައީސް ކަމަށް ދެ ބޭފުޅުން ކުރިމަތި ލެއްވި ކަން އިއުލާންކުރެވުމާ އެކު ފުރަތަމަ ފެނިގެން ދިޔައީ ރައީސް ނަޝީދު އަސްލަމްގެ ކެންޕޭނުގައި ހަަރަކާތްތެރިވެ ވަޑައިގަންނަވަމުން ގެންދެވި މަންޒަރެވެ. ރައީސް ނަޝީދު އަސްލަމަށް ތާއީދު ކުރައްވަމުން ގެންދެވި އިރު ނަޝީދުގެ ބޭބޭފުޅު ޑރ އަހުމަދު ނާޝިދު، ޝިއްޕެއާ އެކު ހުންނެވި ފޮޓޯއެއް ސޯޝަލް މީޑިއާގައި އާންމެވެގެން ދިޔައެވެ. އެކަމާ ސޯޝަލް މީޑިއާގައި ފާޑުކިޔުންތައް އެކި ގޮތްގޮތަށް ރައީސް ނަޝީދާއި ނަޝީދުގެ ބޭބޭފުޅަށް އަމާޒު ވިއެވެ. އެ އަޑުތައް ހިމޭންވެފައި ވަނިކޮށް ދެން ފެނިގެން ދިޔައީ އެއަށްވުރެ ހޫނު ބަހުސަކަށް ދާން ޖެހުނު މަންޒަރެކެވެ.

ރައީސް ނަޝީދުގެ ތާއިދާއެކު އަސްލަމް އެމްޑީޕީގެ ނައިބުރައީސްކަން ކާމިޔާބު ކުރައްވަން މަސައްކަތް ކުރައްވާ އިރު ސީޔާސީ މަސްރަހުން ފެނިގެން ދަނީ ވަރަށް ވާދަވެރި އަދި ވަރަށް ތަފާތު މަންޒަރެކެވެ. އެގޮތުން ރައީސް ސޯލިހު ތާއިދުކުރައްވާ ކެންޑިޑޭޓުގެ ވާދަވެރިޔާ އަސްލަމާ އެކު ރައީސް ސޯލިހުގެ ކޮއްކޯފުޅު، ހަރަކާތްތެރިވާ މަންޒަރު ވަނީ ފެންނަން ފަށާފައެވެ.

އަސްލަމް އާއި އަލީ ނިޔާޒް އެކުގައި ރާޒުވާ ކުޅުއްވަން އިންނަވާ ފޮޓޯއާއި ވީޑީއޯތައް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ.

މުހައްމަދު އަސްލަމް (ކ) އާއެކު ރައީސް ސޯލިހުގެ ކޮއްކޯފުޅު އަލީ ނިޔާޒް (ވ)

އަސްލަމާއެކު އަލީ ނިޔާޒް ހުންނަވާތަން ފެނުމުން ގިނަ ބަޔަކު އަންނަނީ މިވާހަކަ ހޫނު ގަދަކޮށް ސޯޝަލް މީޑިއާގައި ދައްކަމުންނެވެ. އަލީ ނިޔާޒް، އަސްލަމަށް ތާއީދު ކުރެއްވުމުން "ބިއްލޫރި ކޮޅެއް ފަދައިން މަންޒަރު ސާފު ވެއްޖެ" ކަމަށް ބުނެ އެކަމާ ގިނަ ބަޔަކު އަންނަނީ ޝުއޫރުތައް ފާޅު ކުރަމުންނެވެ.

މިހިސާބުން ސުވާލު އުފެދެނީ މިއީ އަނެއްކާ ދެ ރައީސުން "ކޯޅުމަކަށް" ވަޑައިގެންފާނެ ކަމެއް ނޫން ބާވައެވެ. ދެ ރައީސުންގެ އާއިލާ ބޭފުޅުން ތާއިދު ކުރައްވަމުން ގެންދަވަނީ ރައީސުން ތާއިދު ކުރައްވާ ކެންޑިޑޭޓުންނަކަށް ނޫނެވެ. އެއްބަނޑު އެއްބަފާ ބޭފުޅުން ތާއީދު ކުރައްވާ ގޮތް ހާމަވެގެން ދިއުމުން މީ ދެ ރައީސުންގެ ދެމެދުގައި ހިނގާފާނެ ހަމަނުޖެހުމަކަށް ވެދާނެ ކަމާ މެދު ޝައްކެވެ.

މި މަހުގެ 22 ވަނަ ދުވަހު ބާއްވާ އިންތިހާބަށް ތައްޔާރުވަމުންދާ އިރު އަނެއްކާވެސް ދެ "ބެސްޓް ފްރެންޑް" ކަމުގެ ގުޅުމަށް މިއީ އެޅޭ ހުރަކަށް ވެދާނެ ކަމާމެދު ސުވާލު އުފައްދާ މީހުން އެބަތިއްބެވެ. ރައީސް ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެން ފަހުން ރައީސް ނަޝީދާއި ރައީސް ސޯލިހުގެ އެކުވެރިކަމަަށް ބަދަލުތަކެއް އައިސްދާނެ ކަމާ މެދު އެތައް ރައްޔިތުންނެއްގެ ހިތުގައި ވަނީ ސުވާލުތަކެއް އުފެދިފައެވެ. ދެބޭފުޅުންގެ ހިޔާލު ތަފާތުކަމާއި ދެބޭފުޅުންގެ ސިޔާސީ ފިކުރުގެ "ކޮމެންޓް" ތައް ފެންނަ ގޮތުން ދެބޭފުޅުންގެ ދެމެދުގައި ސިޔާސީ "ކޯޅުމެއް" އުފެދިދާނެ ކަމާމެދު އަބަދުވެސް އަންނަނީ އަޑުތައް ފެތުރެމުންނެވެ.

މަޖިލިސް އިންތިހާބުން ލިބުނު ކާމިޔާބީ ފާހަގަކުރަން އެމްޑީޕީން ބޭއްވި އެއްވުމުގައި ރައީސް ސޯލިހު (ކ) އަދި ރައީސް ނަޝީދު (ވ) / ފައިލް ފޮޓޯ: ދަ ޕްރެސް

މީގެ ކުރިން 19 ވަނަ މަޖިލީހުގެ ރައީސް ކަމަށް ކުރިމަތި ލެއްވި އިރު ދެ ރައީސުންގެ ތާއީދުވެސް ވަރަށް ތަފާތެވެ. އޭރު މަޖިލީހުގެ ރައީސްކަމަށް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ގެންނަވަން ބޭނުންފުޅުވާކަމަށް ރައީސް ނަޝީދު ވިދާޅުވެފައި ވަނިކޮށް، ރައީސް ސޯލިހު ވަނީ ވިލިފުށީ ދާއިރާގެ އިންތިހާބީ މެންބަރު ހަސަން އަފީފު މަޖިލީހުގެ ރައީސްކަމަށް ގެންނަވަން ތާއިދުކުރައްވާ ކަން ހާމަކުރައްވާފައެވެ. އެކަމާ ގުޅިގެން ދައުލަތުގެ ވަޒީރުންނާއި އާންމުންގެ އިތުރުން ދެ ރައީސުންގެ އާއިލާ ތެރޭގައި ވެސް ވަނީ ބަރަށް ބޮޑަށް އެކަމުގެ ބަހުސްތައް އިތުރު ވެފައެވެ. ނަމަވެސް ފަހުން މަޖިލީހުގެ ރައީސްކަން ކާމިޔާބު ކުރެއްވީ ރައީސް ނަޝީދެވެ. އެކަމަށްވެސް ގިނަ ބައެއްގެ ފާޑުކިޔުން އެމަނިކުފާނަށް އަމާޒުވެގެން ދިޔައެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ރައީސް އޮފީހުގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި، ދެ ރައީސުންގެ ދެމެދުގައި ނުތަނަވަސްކަމެއް އުފެދިގެން އުޅޭކަމަށް ބައެއް ފަރާތްތަކުން ދައްކަމުން ގެންދާ ވާހަކަތަކަށް ރައްދު ދެއްވަމުން ރައީސް ސޯލިހު ވިދާޅުވެފައި ވަނީ، ދުވަހަކު ވެސް އެ ދެބޭފުޅުންގެ ދެމެދުގައި އެއްވެސް މައްސަލައެއް ޖެހިވަޑައިނުގަންނަވާނެ ކަމަށާއި، އެފަދަކަމެއް ނުހިނގާނެ ކަމަށެވެ. އަދި ރައީސް ވިދާޅުވެފައި ވަނީ އެމަނިކުފާނާއި، ނަޝީދާ ދެމެދު މައްސަލަޖެހިވަަޑައިގެން އުޅުއްވާ ކަމަށް ވިދާޅުވަމުން ގެންދަނީ ބަޔަކު ގަސްތުގައި އޮޅުވާލައިގެން ކަމަށެވެ.