ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑާ ކުރުމުގެ ދައުވާގެ ހުކުމް ކުރުން މި މަހުގެ 17 ވަނަ ދުވަހަށް ކުރިމިނަލް ކޯޓުން ތާވަލްކޮށްފިއެވެ.

ކްރިމިނަލް ކޯޓުން ވަނީ ރައީސް ޔާމީނަށް ހުކުމް ކުރުން މިމަހު 17 ވަނަ ދުވަހު 1:30 އަށް ތާވަލުކޮށްފައި ވާކަން 'ދަ ޕްރެސް' އަށް ކަށަވަރު ކޮށްދީފައެވެ. ރައީސް ޔާމީނަށް ހުކުމް ކުރުން މި މަހުގެ 17 އަށް ތާވަލްކޮށް ޗިޓް ފޮނުވީ އިސްގާޒީ ސެކްޝަނުން މައްސަލަ ބައްލަވާ ގޮތަށެވެ. އެ މައްސަލައިގައި ހުކުމް އިއްވުމުގެ އަޑުއެހުން މިދިޔަ އަންގާރަ ދުވަހު ބާއްވަން ތާވަލްކުރި ނަމަވެސް، ހުކުމް ކުރުން ފަސްކޮށްފައި ވަނީ އެ މައްސަލަ ބައްލަވަމުން ގެންދެވި އެ ކޯޓްގެ އިސް ގާޒީ އަހުމަދު ހައިލަމް ސަސްޕެންޑް ކުރުމާ ގުޅިގެންނެވެ. މިހާރު ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެ ހުންނެވީ ގާޒީ އަލީ ރަޝީދެވެ.

ޖޭއެސްސީން، ގާޒީ ހައިލަމް ސަސްޕެންޑް ކުރީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އަދި ރައީސް މުހައްމަދު ނަޝީދުގެ ކަރުފުޅުގައި ޗޭނު ޖަހައި ދަމާފައި ގެންދާތައް ފެންނަ ކުރެހުމެއް މެދުވެރިކޮށް ނަސްރުގެ ދުވަހުގެ ތަހުނިޔާ ވިދާޅުވި މައްސަލާގައި އެ ކޮމިޝަނުން ހައިލަމްގެ ސުލޫކީ މައްސަލަ ބަލަން ނިންމައި މިއަދު ޖޭއެސްސީ އަށް ހާޒިރުވާން އެންގުމުން ވަޑައިނުގަތުމުންނެވެ. ހައިލަމް ޖޭއެސްސީއަށް ވަޑައިނުގެންނެވީ، ކަން ހިނގި ގޮތް ނޫސް ބަޔާނަކުން ހާމަކޮށް ދެއްވާފައިވާ ކަމަށް ވިދާޅުވެ އުޒުރު ވެރިވެ ވަޑައިގަތުމަށް ފަހުއެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ ކުރަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ އެންމެ ބޮޑަށް ވަދެފައިވާ އެސްއޯއެފް ނަމަކަށް ކިޔާ ކުންފުނީގެ އެކައުންޓުން ރައީސް ޔާމީން، އިސްލާމިކް ބޭންކުގައި ހުޅުއްވާފައިވާ އެކައުންޓަކަށް 1 މިލިއަން ޑޮލަރު އެސްއޯއެފުން ޖަމާކުރި މައްސަލާގައެވެ. އަދި އެ ފައިސާ ރައީސް ޔާމީން ވަނީ އެ ބޭންކުގައި އޮންނަ އިންވެސްޓްމެންޓް އެކައުންޓަކަށް ޓްރާންސްފާ ކުރައްވާފައެވެ.

މި ދައުވާގެ ޝަރީއަތުގެ އަޑުއެހުންތައް ނިންމާލާފައި ވަނީ މިދިޔަ މަހުގެ ނުވަ ވަނަ ދުވަހުއެވެ. އެންމެފަހުން ބޭއްވި އަޑުއެހުމުގައި ދައުލަތުންނާއި ރައީސް ޔާމީންގެ ފަރާތްޕުޅުން ވަނީ ހުލާސާ ބަޔާން އިއްވާފައެވެ. މި މައްސަލައިގެ ޝަރީއަތުގައި ދައުލަތުން ވަނީ ރައީސް ޔާމީނާ ދެކޮޅަށް ގިނަ ހެކިތަކެއް ހުށަހަޅާފައެވެ. އޭގެތެރޭގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އާއި ޔާމީންގެ ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި އެމްއެމްޕީއާރުސީގެ މެނޭޖިން ޑައިރެކްޓާ އަބްދުﷲ ޒިޔަތާއި، އޭސީސީގެ ރައީސް މުއައްވިޒު ރަޝީދު ފާހަގަ ކޮށްލެވެއެވެ.

މަނީލޯންޑްރިންގެ ކުށް ސާބިތުވެއްޖެ ނަމަ، އަދަބަކީ ފަސް އަހަރާއި 15 އަހަރުގެ މުއްދަތަކަށް ޖަލަށްލުމެވެ.