ސިޔާސީ ކުލައަކަށް ނުބަލާ ރާއްޖޭގެ ދީނާއި ރައްޔިތުންގެ އަގީދާގެ ދިފާއުގައި ދިވެހި ރައްޔިތުން ނިކުންނާނެ ކަމަށް ސަރުކާރު ކޯލިޝަން ޕާޓްނަރު އަދާލަތު ޕާޓީން ބުނެފިއެވެ.
އަދާލަތު މިހެން ބުނެފައިވަނީ އިސްލާމް ދީނަށް ތައުހީނުކޮށް، ކީރިތި ރަސޫލާ އަށް ފުރައްސާރަކުރުމުގެ ސަބަބުން މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް އުވާލަން ސަރުކާރުން ނިންމުމާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ. އެޕާޓީން ބުނީ ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ދައުލަތެއް ކަމަށާއި އެހެންނަމަވެސް އެކަން އެހެން އޮންނާތީ ކަންބޮޑުވާ އެތައް ބަޔަކު އުޅޭ ކަމަށެވެ. އަދި ރާއްޖެއިން ބޭރުގެ ނުފޫޒުގަދަ އެތައް ބާރުތަކަކުންނާއި ރާއްޖޭގައި ތިބި މަދު ނަމަވެސް ނުފޫޒުގަދަ މަދަދު ގާރުންތަކެއް ސަރުކާރުން އުވާލާފައިވާ އަދި އިސްލާމްދީނާއި ރަސޫލާއަށް ފުރައްސާރަކޮށް ރިޕޯޓު ނެރުނު އެމްޑީއެންގެ ދިފާއުގައި ތިބިކަމީވެސް ޝައްކެއް ނެތި ހާމަވާ ކަންކަން ކަމަށް އަދާލަތުން ބުންޏެވެ.
"ދިވެހި ރައްޔިތުންނަކީ ޒަމާނުއްސުރެ ދީނަށް ލޯބިކުރާ، ދީނުގެ ދިފާއުގައި ކޮންމެ ގުރުބާނީއެއްވެސް ވާން ތައްޔާރަށް ތިބޭ ރައްޔިތެއްކަން ތާރީހު ހެކިދެއެވެ. އަނދިރި ބާރުތަކުން ދޭ ކޮންމެ ހަމަލައަކުން ދިވެހިރާއްޖޭގެ ގައުމިއްޔަތާއި، މި ރާއްޖޭގެ ދީނާއި ރައްޔިތުންގެ އަގީދާގެ ދިފާއުގައި އެ ރައްޔިތުން، ސިޔާސީ ކުލައަކަށް އަތޮޅަކަށް ޖަޒީރާއަކަށް ބެލުމެއް ނެތި އެކީ އެއްބައެއްގެ ގޮތުގައި ތެދުވާނެ ބައެއްކަން އަނެއްކާވެސް މިވަނީ ސާބިތުކޮށްދެއްވާފައެވެ. އެކަން ހަނދާންނެތިފައިވާ ފަރާތްތަކަށާއި އޮޅިފައިވާ ފަރާތްތަކަށް އަލުން އެކަން ހަނދާންކޮށްދީ އޮޅުންފިލުވައި ދީފިއެވެ." އެ ބަޔާނުގައި ބުނެފައިވެއެވެ.
އެމްޑީއެން އުވާލެވުނީ ދިވެހި ރައްޔިތުންގެ މަސައްކަތުން ކަމަށާއި އިސްލާމްދީނާއި ރާއްޖޭގެ ގައުމިއްޔަތު ނަގަހައްޓައި ގާނޫނީ ވެރިކަން ދެމެހެއްޓުމަށް ދިވެހި ރައްޔިތުން ދެއްކެވި ނަމޫނާ އަށް ޝުކުރުވެރިވާ ކަމަށް އަދާލަތުގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި ދިވެހިރާއްޖޭގެ ގައުމިއްޔަތަށް ހަމަލާ ދިނުމަށް ފޫގަޅާލާފައި ތިބި އަނދިރި ބާރުތަކާމެދު ފާރަވެރިވެ ދެމިތިބުމަށް ވެސް އަދާލަތުން ވަނީ ގޮވާލާފައެވެ.
އެމްޑީއެން އުވާލަން ސަރުކާރުން ނިންމީ އިއްޔެއެވެ. ޔޫތް މިނިސްޓަރީން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ، އެމްޑީއެންގެ ރަޖިސްޓްރީ ބާތިލު ކުރުމަށް އެ މިނިސްޓްރީން ނިންމަފައިވާ ކަމަށެވެ. އަދި އެކަން މިއަދު އެ ޖަމިއްޔާއަށް އަންގާފައިވާ ކަމަށާއި އެމްޑީއެންގެ ދަރަންޏާއި މުދަލުގެ އެންމެހައި ކަންކަން ހަމަޖެއްސުމަށް ޖަމިއްޔާތަކާ ބެހޭ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން 45 ދުވަހުގެ މުއްދަތެއް އެ މިނިސްޓްރީން ވަނީ ދީފައި ކަމަށެވެ.