މިހާރު މަޖިލީހުގައި ކަންތައްތަށް ވަމުންދާ ގޮތަށް ކަންތަށް ވަމުން ދާނަމަ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަމިއްފުޅަށް މަޖިލީހުގެ ރައީސް ކަމަުން އިސްތިއުފާވެސް ދެއްވާނޭ ކަމަށް ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާން ވިދާޅުވެއްޖެއެވެ.
ނިހާން މިހެން ވިދާޅުވީ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގް (ޓޮމް) އަށް ތަކުރާރުކޮށް މަޖިލީހުގައި އަދަބު ދެއްވުމާ ގުޅިގެންނެވެ. ރައީސް ނަޝީދު ޓޮމް އަށް އިއްޔެ އާއި މިއަދުވެސް އަދަބު ދެއްވާފައި ވަނީ ހައިލަމް، ނަސްރުގެ ދުވަހުގެ ތަހުނިޔާ ވިދާޅުވެ ކޯޓުގެ ވައިބާ ގްރޫޕެއްގައި ފޮނުއްވި މެސެޖެއް އާންމުވުމާ ގުޅިގެން މަޖިލީސް ހޫނުވެފައިވާ ވަގުތެއްގައި މަޖިލީހުގައި ކަށިގަނޑު ފުމުމުން، ޓޮމްގެ ނަން އިއްވުމަށް ފަހު މަޖިލީހުގެ ތަޅުން ދޫކޮށް ވަޑައިގަންނަން އެންގެވުމުން ވެސް އެގޮތަށް އަމަލު ކުރައްވާފައި ނުވާތީއެވެ.
މިއަދުގެ ރިޔާސަތުން މެންބަރަށް އަދަބެއްގެ ގޮތުން ތަޅުމުން ބޭރަށް ވަޑައިގެން، ފާރަށް މޫނު ލައްވައިގެން ކޮޅަށް ހުންނަވަން އެންގަވާފައި ވާއިރު އިއްޔެގެ މަޖިލީހުގައި އަޑުގަދަކޮށް، ކަށިގަނޑު ފުންމެވުން ނުހުއްޓެވުމުން މަޖިލީހުގެ ރައީސް ވަނީ ދެން މަޖިލީހުގެ ތަޅުމުގައި ކަށިގަނޑު ނުފުންމަވާނެ ކަމަށް 100 ފަހަރު ލިޔުއްވުމަށް ޓޮމް އަށް އަންގާފައެވެ.
މަޖިލީހުގައި ކަށިގަނޑު ފުމެމުންދާތީއާއި އަޑުގަދަ ކުރައްވަމުން ގެންދެވުމުން ރައީސް ނަޝީދު ވަނީ ޓޮމްގެ އިތުރުން ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ އާއި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމްގެ ނަން އިއްވައި ތަޅުން ދޫކުރައްވައި ވަޑައިގަންނަވަން އަންގަވައިފައިވާ ނަމަވެސް މަޖިލީހުގެ ރައީސްގެ އެންގުމަށް ބެއްލެވުމެއް ނެތި ޓޮމްއާއި ޝިޔާމް މަޖިލީހުގެ ތަޅުން ދޫކުރައްވައި ވަޑައެއް ނުގަންނެވައެވެ. އަދި ޓޮމް ގެންދެވީ މަޖިލީހުގެ މެންބަރުންގެ ވާހަކަތަކަށް ހުރަސް އެޅޭ ގޮތަށް ކަށިގަނޑު ފުމުމުންނެވެ.
ނަވަރާވަނަ ރައްޔިތުންގެ މަޖިލިސް ފެށިގެން އައި ދުވަސްވަރު ރައީސް ނަޝީދު ވިދާޅުވި އެއް ވާހަކައަކީ މަޖިލިސް މެންބަރުންގެ އަހްލާގީ މިންވަރު ހިފެހެއްޓުމުގެ ގޮތުން މަޖިލިސް ކުރިއަށް ގެންދާނީ މަދަރުސާއެއް ހިންގާނެ ރިވެތި އުސޫލުން ކަމަށެވެ.