އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ، ސުޕްރީމްކޯޓުގެ އެސްޖީއަށް ވަޒީފައިން ވަކިކުރާނެކަމުގެ ބިރުދެއްކި މައްސަލައެއް ޖޭއެސްސީން ބަލަން ނިންމައިފިއެވެ.
ޖޭއެސްސީން ބުނީ، އުއްތަމަ ފަނޑުޔާރުގެ އަހުމަދު އަބްދުﷲގެ އިތުރު ސުލޫކީ މައްސަލައެއް ބަލަން ނިންމާފައިވާ ކަމަށެވެ. ޖޭއެސްސީން ބަލަން ނިމާފައިވާ ސުލޫކީ މައްސަލައިގައި އުއްތަމަ ފަނޑިޔާރަށް ތުހުމަތު ކުރެވެނީ، ޖުޑިޝަލް ސާވިސް ކޮމިޝަންގެ ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ނެރެފައިވާ ގަވާއިދުތަކާއި އުސޫލުތަކަށް އަމަލު ނުކުރުމަށް ސުޕްރީމް ކޯޓުގެ ސެކެޓްރީ ޖެނެރަލަށް އަންގާ މަސައްކަތަށް ހުރަސް އެޅުއްވި މައްސަލައެކެވެ.
ހަމައެއާއެކު ޖުޑިޝަލް އެޑްމިނިސްޓްރޭޝަނާ އެއްވެސް މުއާމަލާތެއް ނުކުރެއްވުމަށާއި، އަދި ޖުޑިޝަލް އެޑްމިނިސްޓްރޭޝަނާ ގުޅިގެން ސުޕްރީމް ކޯޓުގެ އެސްޖީ ބަގާވާތް ކުރައްވަން އުޅުއްވާކަމަށް ތުހުމަތު ކުރައްވައި އެ ޑިޕާޓްމަންޓާ އެއްވެސް މުއާމަލާތެއް ކޮށްފިނަމަ ވަޒީފާއިން ވަކި ކުރާނެކަމަށް އިންޒާރު ދެއްވާފައި ވެއެވެ.
އުއްތަމަ ފަނޑިޔާރުގެ ގިނަ ސުލޫކީ މައްސަލަތަކެއް ޖޭއެސްސީއިން ދަނީ ބަލަމުންނެވެ. އޭގެ ތެރޭގައި އުއްތަމަ ފަނޑިޔާރުގެ މައްޗަށް ސާބިތުވި ސުލޫކީ މައްސަލައެއްގައި އެމަނިކުފާނާ މެދު އެޅި ފިޔަވަޅެއްގެ ގޮތުން ނަސޭހަތް ދިނުމަށް ނިންމި ކަމުގެ ލިޔުން އެމަނިކުފާނާ ހަވާލު ކުރެއްވުމުން އެ ލިޔުމާ ހަވާލުވެ ވަޑައިގަތުމަށް އިންކާރު ކުރައްވާފައިވާތީ އެކަންކަމާ ގުޅިގެން އެމަނިކުފާނުގެ ސުލޫކީ މައްސަލަ ބަލަން ޖޭއެސްސީން ވަނީ ނިންމާފައެވެ. އަދި މީގެ އިތުރުން ސުޕްރީމް ކޯޓުގެ އެހެން ބައެއް ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކެއްވެސް ޖޭއެސްސީއިން ދަނީ ބަލަމުންނެވެ.