ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ހައިލަމްގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަން އެމްޑީޕީން ގޮވާލައިފި އެވެ.

އެމްޑީޕީއިން މިރޭ ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުފުޅުގައި ޗޭނު ޖަހާ ގަންހިންގާ މަންޒަރު ދައްކުވައިދޭ ކުރެހުމެއް ކްރިމިނަލް ކޯޓުގެ ރީކްރިއޭޝަން ކްލަބުގެ ވައިބާ ގްރޫޕަށް ނަސްރުގެ ދުވަހުގެ ތަހުނިޔާ މެސެޖެއްގެ ގޮތުގައި ފޮނުއްވި އެކޯޓުގެ އިސްގާޒީ ހައިލަމް، އެ އަމަލު ހިންގަވާފައި ވަނީ "ކޮރަޕްޝަނާއި، ފަސާދައިގެ ލާލަޗުގައި ކަމަށް" އެމްޑީޕީ އަށް ގަބޫލު ކުރެވޭތީ އާއި، އާންމުންގެ މެދުގައި އެ ތުހުމަތު ކުރެވެމުން ދާތީ އޭނާގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގުމަށް ފުލުހުންނަށް ގޮވާލާ ކަމަށެވެ.

އަދި ޖުޑިޝަލް ސާވިސް ކޮމިޝަނުންވެސް މިހާރު މި މައްސަލަ ބަލަމުންދާ ކަން އެމްޑީޕީގެ ބަޔާނުގައި ފާހަގަ ކޮށްފައި ވެއެވެ. އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވާގޮތުގައި، އަދުލު އިންސާފު ގާއިމު ކުރުމުގެ ދާއިރާގެ މިނިވަން ކަމަށް ރައްކާތެރިވެ ތިބޭ ހާލު، އެ ނިޒާމުގެ ހައިބަތާއި، ގަދަރު ހިމާޔަތް ކުރުމަށާއި، ކޯޓުތަކުގެ މައްޗަށް އާންމުންގެ މެދުގައި އިތުބާރާއި ޔަގީންކަން އުފައްދައި ދެމެހެއްޓޭނެ މަގުން އަހުލާގާއި، ސުލޫކީ މިންގަނޑު ބެހެއްޓުމަށް ފަނޑިޔާރުންގެ މައްޗަށް ދުސްތޫރީ އަދި ގާނޫނީ ގޮތުން ލާޒިމް ކަމަށެވެ. އަދި ފަނޑިޔާރުންނީ ޒާތީ ތައައްސުބެއް ނެތި، ވަކި ފަރާތަކަށް ނުޖެހި، އަމަލާއި ބަސް އަދި އުޅުމާއި ގުޅުން ބަހައްޓަން ލާޒިމުވާ ބައެއް ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.

އެމްޑީޕީއިން މިފަދަ ބަޔާނެއް ނެރެފައި ވާއިރު މިރޭ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ނެރުއްވާފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، އެއްވެސް ފަރާތަކުން ދައްކާ ބިރަކަށް ޖެހިލުން ނުވެ، މިނިވަންކަމާއި މުސްތަގިއްލު ކަމާ އެކުގައި މިނިވަން ފަނޑިޔާރު ގެއެއްގެ ހިޔާވަހިކަން އެއްވެސް ދިވެހި ރައްޔިތަކު ތަފާތު ކުރުމެއް ނެތި ފޯރުކޮށް ދެއްވާނެ ކަމަށެވެ. އުއްމަތަ ފަނޑިޔާރު މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ޝަރުއީ ކޯޓުތަކަކީ ޖޭއެސްސީއިން ނުވަތަ ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއަކުން ހިނގާ ތަނެއްގެ ގޮތުގައި ނުހެދޭނެ ކަމަށެވެ. އަދި އެކަމަކީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާ އެ ގާނޫނުއަސާސީން އެކަށައަޅާ ގާނޫނުގެ ހުކުމް ދެމި އޮތްހާ ދުވަހަކު ހިނގާނެ ކަމެއް ނޫން ކަމަށްވެސް އުއްތަމަ ފަނޑިޔާރުގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.