ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ނަމުގައި ސަރުކާރުން ހިންގަމުން ގެންދަނީ ބޮޑު ޖަރީމާއެއް ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބުނެފިއެވެ.
އެ ކޯލިޝަނުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ޖުޑިޝަރީ އިސްލާހު ކުރުމަށް ކަމަށް ބުނެ ޝަރައީ ކޯޓުތަކުގައި ހިނގާ ވަކިވަކި މައްސަލަތަކަށް ނުފޫޒު ފޯރުވުމަށާއި ކޯޓުތަކުގެ ފަނޑިޔާރުންނަށް ބިރު ދެއްކުމަށް ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީއާ ސަރުކާރުން ދަނީ މެދު ނުކެނޑި މަސައްކަތް ކުރަމުން ކަމަށެވެ. އެގޮތުން މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ މެންބަރުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ޝަރީއަތް ކުރާ ފަނޑިޔާރަށްވެސް ބިރުދައްކާފައިވާ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.
ޢެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމަކީ ވަކި ބަޔަކު ބޭނުންވާ ގޮތަށް ހުކުމް ކުރުމަށް ނުފޫޒު ފޯރުވުން ނޫން ކަމަށެވެ. އަދި ރިޔާސީ އިންތިހާބުގައި އެމްޑީޕީން ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް ވެފައިވާ ވައުދަކީ ވަކިބަޔަކު ބޭނުންވާ ގޮތަކަށް ވަކިކަމެއް ހާސިލު ކުރުން ކަމުގައިވާ ނަމަ އެކަމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުގެ ނޫސްބަޔާނުގައި ވަނީ ބުނެފައެވެ.
އެ ނޫސްބަޔާނުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ މިނިވަންކަން ރައްކާކުރުމާއި ކޯޓުތަކުގެ ހައިބަތާއި ގަދަރު ހިމާޔަތް ކޮށްދިނުމަކީ ދައުލަތުގެ ކަންތައްތައް ހިންގުމާއި ހަވާލުވެ ތިބި އެންމެންގެ މައްޗަށް ގާނޫނުއަސާސީގެ 141ވަނަ މާއްދާގެ (ރ)ގެ ދަށުން ލާޒިމްކޮށްފައިވާ ކަމެއް ކަމަށެވެ. އަދި އަމިއްލަ ފަރުދަކުވިއަސް އަދި ދައުލަތުގެ ކަމެއް ހަވާލުކޮށްފައި ހުރި ފަރާތެއް ކަމުގައިވީ ނަމަވެސް، ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވާ ހަދައިގެން ނުވާނެ ކަމަށް ގާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ނ)ގައި ބަޔާންކޮށްފައިވާ ކަމަށް އިދިކޮޅުން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
އިދިކޮޅުގެ ނޫސްބަޔާނުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ފަނޑިޔާރުންނާއި މެދު ނަފްރަތާއި ރުޅިވެރިކަން އުފެދޭ ގޮތަށް ވާހަކަތައް ފެތުރުމާއި ފަނޑިޔާރުންނާއި ދެކޮޅަށް ހަގީގަތެއްނެތް ދޮގު ތުހުމަތުތަކެއްކޮށް ގާނޫނުއަސާސީގެ 141ވަނަ މާއްދާއާ 142 ވަނަ މާއްދާއިން ފަނޑިޔާރުންނަށް ކަށަވަރުކޮށްދީފައިވާ މުސްތަގިއްލުކަމުގެ މަބްދައަށް އެއްވެސް ބެލުމެއް ނެތި ސަރުކާރާއި ސަރުކާރު ހިންގާ މައިޕާޓީން ދަނީ ކޯޓުތަކާއި ފަނޑިޔާރުންނަށް ބިރު ދެއްކުމުގެ އަމަލުތައް ހިންގަމުން ކަމަށެވެ.
މިފަދައިން އިދިކޮޅު ކޯލިޝަނުން ބުނެފައި މިވަނީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ ނަސްރުގެ ދުވަހުގެ ތަހުނިޔާ ވިދާޅުވުމަށް ކްރިމިނަލް ކޯޓުގެ ރެކްރިއޭޝަން ކްލަބުގެ ވައިބާ ގްރޫޕަށް ލައްވަފައިވާ ޕޯސްޓެއްގެ މައްސަލަ ފެންމަތިވެ އެމަނިކުފާނުގެ ސުލޫކީ މައްސަލައެއް ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީން) ވެސް ނިންމާފައި ވަނިކޮށެވެ. އަދި ހަމައެއާއެކު މިރޭ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވެސް ވަނީ ޑީޖޭއޭއިން ޝަރުއީ ދާއިރާ "ޕެރަލައިޒް" ކޮށްލުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެ އަށް ސޮފްހާގެ ބަޔާނެއް ނެރުއްވާފައެވެ.