ދިވެހިންގެ ތެރޭގައި ވެސް އެކި ކަހަލަ ބަލިތަކަށް ބޭސްފަރުވާ ކުރަމުންދާ މީހުން މަދެއް ނޫނެވެ. ކުރިން ސިއްހަތު ރަނގަޅަށް ހުންނަ މީހެއްގެ ސިއްހީ ހާލަތު ގޯސްވެ ނުރައްކާތެރި ބައްޔެއް ޖެހޭ ހިސާބުން އެމީހާއާއި އެމީހެއްގެ އާއިލާގެ އަތްމަތި ހުސްކޮށްލަނީ ބޭސްފަރުވާ އަށެވެ. ރާއްޖެއިން ފަރުވާ ލިބެން ނެތް ކިތަންމެ ބައްޔަކަށް ފަރުވާ ހޯދަން ރާއްޖެއިން ބޭރަށް ދާން ޖެހުނު ކަމުގައި ވިޔަސް ގިނަ ފަހަރަށް އާންމު ރައްޔިތުންގެ އަތުގައި މާލީ ގޮތުން ފުދުންތެރިކަމެއް ނުހުރެއެވެ. އިތުރު ގޮތެއް ނެތުމުން ނިކަމެތި އާއިލާތަކަށް ޖެހެނީ ސަލާން ޖަހާށެވެ.

ރައްޖޭގެ ސިއްހީ ނިޒާމު ފުޅާ ކުރުމަށް ސަރުކާރުން އެތައް ރަށެއްގައި ހޮސްޕިޓަލުތަކާއި ސިއްހީ ފަރުވާ ދިނުމަށް ތަފާތު ހިދުމަތްތައް ފަހިކޮށްދެމުން އަންނަ ތަން ފެނެއެވެ. ނަމަވެސް ބައެއް ހާލަތްތަކުގައި ސިއްހީ ފަރުވާ ހޯދުމުގައި އެތައް ބަޔަކު ތިބެން ޖެހެނީ ގޮތް ހުސްވެފައެވެ. މާލީ ފުދުންތެރިކަން ނެތުމުންނާއި ސަރުކާރުން ފޯރުކޮށްދޭ ބައެއް ހިދުމަތްތަކުގެ "ލިމިޓް" ހުންނަ ގޮތުންނެވެ.

ސޯޝަލް މީޑިއާއަށް ރަނގަޅަށް ނަޒަރު ހިންގާލައިފި ނަމަ ގިނައިން ފެންނަނީ ސީއްހީ ގޮތުން ރާއްޖޭގައި ފަރުވާ ދެވެން ނުހުންނަ ބަލިތަކުގެ ޝިކާރައަކަށް ވެފައި ތިބޭ އެތައް ބަޔަކު އެހީއަށް އެދި އާދޭސް ކުރަމުންދާ މަންޒަރެވެ. ސަރުކާރުން ދޭ އެހީގެ މިންވަރުން ރާއްޖެއިން ބޭރަށް ބޭސްކުރަން ދެވުނު ނަމަވެސް އެ ފައިސާއިން ނުފުދިގެން އުޅެން ޖެހޭ ދެރަ ނިކަމެތި ހާލެވެ.

ދެން ފެނިގެން ދަނީ ބަލި ބައްޔަށް ބޭސްފަރުވާ ކުރުމަށް ނުކުޅެދިފައިވާ މީހުންގެ ހައްގުގައި ބަޔަކު ނުކުމެ ފަންޑް ރެއިސް ކުރާ ތަނެވެ. ބަލި އެނދުގައި އޮންނަ މީހާގެ ބިލުތަކަށް ފައިސާ ދެއްކުމަށް ނުކުޅެދިގެން މީހުން ކައިރިން އެހީއާއި މަދަދަށް އެދޭ މީހުންވެސް މަދުން ނަމަވެސް ފެންނަކަން ފާހަގަކުރެ ވެއެވެ.

އިންޑިއާގެ އަމްރިތާ ހޮސްޕިޓަލުން ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ދާ ދިވެއްސެއް / ފޮޓޯ: ދަ ޕްރެސް

އެގޮތުން މިފަދަ ބަލިތަކަށް ރާއްޖެއިން ބޭރަށް ބޭސްފަރުވާ ކުރުމަށް ދާ ބައެއް ދިވެހިންނާ ސުވާލުކޮށްލުމުން އެމީހުންގެ ޖަވާބުތައް އަޑުއަހާ މީހަކު ހިތް ކުދިކުދި ކޮށްލާނެއެވެ. މީގެ ތެރެއިން ގިނަ ބަޔަކު ތިބެނީ ސަރުކާރުން ފޯރުކޮށްދޭ އެހީގެ މިންވަރަށް ޝުކުރު ކޮށްލައިގެންނެވެ. ކޮންމެ ކަމެއްގައިވެސް ލިމިޓަކީ އޮންނަ ކަމެއް ކަން އެމީހުން ގަބޫލު ކުރެއެވެ. ނަމަވެސް ގޮތް ހުސްވެފައި ތިބޭ ހާލުގައި މާތްﷲ އަށް ވަކީލުކޮށްލައިގެން ތިބުމަކީ މިއަދު އެފަދަ ބައެއް އާއިލާތަަކަށް އޮތް ގޮތެވެ. އެހީއަށް ފަންޑް ރެއިސް ކޮށްލުން ނުވަތަ އެހީއަށް އެދި ސަލާން ޖަހަން ނުކުތުން ނޫން ގޮތެއް ވެސް ނެތް ކަން އެމީހުން ވަކި ހިސާބަކުން ގަބޫލު ކުރަން ފަށައެވެ.

އެ ގޮތުން ބަލި އެނދުގައި އަނބިމީހާ ބާއްވައިގެން ރާއްޖެއިން ބޭރުގައި ބޭސްފަރުވާ ކުރަމުން އަންނަ ހިތްވަރުގަދަ ފިރިހެނަކު "ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ބުނީ، އޭނާއަށް ސަރުކާރުން ބަލި މީހާއާއި އެހީތެރިޔާއަށް ދެކޮޅު ޓިކެޓް ދިން ކަމަށާއި އަދި އެންސްޕާއިން އެހީގެ ގޮތުގައި 300 ޑޮލަރު ދިން ކަމަށެވެ.

"އަލްހަމްދުލިﷲ. އާއިލާއާއި ގާތް ރަނގަޅު ރައްޓެހިން ނެތް ނަމަ މިއަދު އަޅުގަނޑުގެ އަނބިމީހާ ހުންނާނީ ކިހިނެއް ކަމެއްވެސް ނޭނގެ. މިތަނަށް ބޭސްކުރަން އައި އިރު އަޅުގަނޑު ހިއެއް ނުކުރަން ހަރދު މިހެން ހިނގައިދާނެ. އެކަމަކު އައިސް އުޅެލީމަދޯ އިނގޭނީ. އެންސްޕާއިން ދިން ފައިސާއިން ނުފުދުނީމަ ދެން ގޮތް ހުސްވި. އިރާދަކުރެއްވީތީ އަޅުގަނޑުމެންނަށް އެހީވާނެ ބަޔަކު ތިބި. އެހެން ނޫން ނަމަ..."
ބަލި ޒުވާނެއްގެ ފިރިމީހާ

ނަމަވެސް އެމީހުންނަކީ މަސް ދުވަހަށް ބޭސްފަރުވާއަށް ދިއުމަށް ޓިކެޓް ނަގާފައިވާ ބައަކަށް ވާތީ އެ އާއިލާއަށް ބޭސްފަރުވާ އާސަންދައިން ހިލޭ ލިބުނަސް 300 ޑޮލަރުން ހުރުމާއި ކެއުން މެނޭޖް ކުރަން މަޖުބޫރުވިއެވެ. އެންމެންނަކީ ފުދުންތެރިކަން ހުންނަ ބައެއް ނޫން ކަން ގަބޫލު ކުރަމުން އޭނާ ބުނީ އެމީހުން މިވަގުތު އިންޑިއާގައި ތިބީ އާއިލާއާއި ގާތްރައްޓެހިންގެ އެހީތެރިކަމާއެކީގައި ކަމަށެވެ.

އިންޑިއާގެ އަމްރިތާ ހޮސްޕިޓަލުން ކެންސަރު ބައްޔަށް ބޭސް ކުރަމުންދާ މީހަކު ބުނީ، އެމީހުން އެ ބަލީގައި ބޭސްކުރަމުން ދާ ތާ މިހާރު އެއް އަހަރު ވެއްޖެ ކަމަށާއި ޖުމްލަ ތިން ދަތުރު އިންޑިއާއަށް ގޮސްފައިވާ ކަމަށާއި މިހާރު ހަތަރުވަނަ ދަތުރު ދިއުމަށް ތައްޔާރުވަމުންދާ ކަމަށެވެ.

"އަޅުގަނޑުމެންނަށް ދެވަނަ ދަތުރަކު ދާންޖެހެނީ ވެސް ހަމަ އެއް ބައްޔަކަށް ފަރުވާ ހޯދަން. އެކަމަކު އާސަންދައިން މިދެނީ ދެވަނަ ދަތުރެއްވީމަ ބަލި މީހާގެ ޓިކެޓް އެކަނި. ދެން ބަލި މީހާ އެކަނި ތޯ ފޮނުވަންވީ. ވިސްނާލިއަސް އިނގޭނެ އެހީތެރިއަކާ އެކީގައި ކަން ދެވޭނީ. ދެން މީ އެމީހުންގެ ގަވާއިދު ދެއްތޯ. އަޅުގަނޑުމެން ޖެހޭނީ ދޭ މިންވަރަށް ޝުކުރު ކޮށްލައިގެން ތިބެން. ނުފުދެންޏާ ދެން ޖެހޭނީ ސަލާމް ޖަހަން. ކިތަންމެ ލަދުގަތަސް އާދޭސް ކުރަން ދޯ މިޖެހެނީ"
އަމްރިތާ ހޮސްޕިޓަލުން ކެންސަރަށް ފަރުވާ ހޯދާ މީހާގެ އާއިލާ

އެމީހުންނަށް، އާސަންދައިން ބަލި މީހާއާއި އެހިތެރިޔާއަށް ދެކޮޅު ޓިކެޓް ދީފައިވަނީ ފުރަތަމަ ކުރި ދަތުރަށެވެ. އެއަށްފަހު ކުރި ދަތުރުތަކުގައި އާސަންދައިން ބޭސްފަރުވާ ކުރުމަށް ދީފައިވަނީ ބަލި މީހާގެ ޓިކެޓް އެކަނި ކަމަށާއި އެންސްޕާއިން ވެސް އެހީ ލިބިފައިވަނީ ދެ ފަހަރު ކަމަށް އޭނާ ބުންޏެވެ. އަދި އެންސްޕާއިން އެއް ފަހަރު ދިނީ 200 ޑޮލަރު ކަމަށާއި އަނެއް ފަހަރު ދިނީ އެހީތެރިޔާގެ ޓިކެޓް ކަމަށް އޭނާ ބުންޏެވެ. އެހެންކަމުން އެކި މީހުން ކައިރިއަށް ގޮސްގެން ކޮންމެ ފަހަރަކުވެސް އިތުރު އެހީ ހޯދުމަށް އެމީހުންނަށް މަޖުބޫރު ވެފައިވާ ކަމަށް އޭނާ ކިޔައިދިނެވެ.

މީގެ އިތުރުން، ކިމްސް ހޮސްޕިޓަލުން ބޭސްފަރުވާ ކުރަމުންދާ އިތުރު ޒުވާނެއްގެ އާއިލާއިން ބުނީ އެމީހުންނަށް އެންސްޕާއިންނާ އާސަންދައިން ވެސް އެހީ ދިން ކަމުގައި ވިޔަސް އެންސްޕާއިން ބުނަނީ 'އެއް ކޭސްއަކަށް އެފަރާތުން އެހީ ފޯރުކޮށްދެނީ އެއްފަހަރު' ކަމަށެވެ. ކެންސަރު ފަދަ ބައްޔެއްގައި ރާއްޖެއިން ބޭރަށް ދާން ޖެހުނަސް ބޭސްފަރުވާއަށް ދެތިން ހަތަރު ބުރު ދާން ޖެހޭ ކަމަށާއި ކީމޯއާ ރޭޑިއޭޝަން ދިނުމަށް، ފަރުވާ ހޯދަމުންދާ ހޮސްޕިޓަލުތަކުން އެދިފައި އޮންނަ ގޮތަށް ދާން ޖެހުނަސް އެކަމުގައި ރައްޔިތު މީހާއަށް ޖެހެނީ ސަލާން ޖަހަން ކަމަށެވެ. އަދި ފައިސާގެ އެހީ ހަމަަނުޖެހި ލަސްވުމުން ދާން ހަމަޖެހިފައި އޮންނަ ދުވަހަށް ނުދެވި ލަސްވަމުންދާ ކަމީ އެމީހުންނަށް ދިމާވި ދަތިކަމެއް ކަމަށް އޭނާ ކިޔައިދިނެވެ.

މީގެ އިތުރުން ބައެއް ފަރާތްތަކުން ބުނަމުން ދަނީ ބޭސްފަރުވާއަށް ބައެއް މީހުންނަށް ވަރަށް ފަސޭހައިން އާސަންދައާއި އެންސަޕާއިން ދޭ އެހީ ހަަމަޖެހިގެން ދާ ކަމަށެވެ.

"އެއްބަޔަކަށް 1000 ދިން އެއް މަސް ދުވަހަށް، އަހަރުންނަށް ދިނީ 600 ޑޮލަރު އެއް މަސް ދުވަހަށް. ހަމަ އެއްތާކަށް މިދަނީ. އެއް މުއްދަތަކަށް. މީ ކޮން ކަހަލަ އިންސާފެއްތޯ؟"
ބޭސްކުރަމުންދާ ބަލި ކުއްޖެއް މަންމަ

އަދި އެގޮތުން އެމީހުންނަށް އެނގިގެންވެސް އެއް މަސް ދުވަހަށް ބޭސްފަރުވާ ކުރަން ދިޔަ ބަޔަކަށް 1000 ޑޮލަރު ދީފައިވާ ކަމަށާއި ނަމަވެސް އެމީހުންނަށް އެއް މަސް ދުވަހަށް ހަމަަ އެ ގައުމަށް ދާން ދީފައި ވަނީ 600 ޑޮލަރު ކަމަށް އޭނާ ބުނެއެވެ.

މި ހާމަ ކުރެވުނީ ރާއްޖެއިން ފަރުވާ ނުކުރެވޭ ބޮޑެތި ބަލަިތަކަށް ބޭސްފަރުވާ ކުރަން ރާއްޖެއިން ބޭރަށް ގޮސްފައިވާ އަދި ދާން ތައްޔާރަށް ތިބި އެތައް ދިވެހިންތަކެއްގެ ޝަކުވާއެވެ. އެމީހުންގެ މި ވާހަކަތަކުން، އެމީހުން އެޅެމުންދާ ހާލު ވިސްނެނީ ކޮން ބަޔަަކަށް ތޯއެވެ. ބޭސް ފަރުވާ ކުރުމަށް ސަލާން ޖަހަން ނުޖެހޭނޭ ބުނެ އުފެއްދި އާސަންދައާއި އެންސްޕާއަށް ފަހުވެސް ބަޔަކު 'ސަލާމް ޖެހޭ' ސަބަބަު މި ފެންނަނީއެވެ. ކޮންމެ ކަމެއްގައިވެސް މިވަނީ ލިމިޓެއް ކަނޑައަޅާފައެވެ.

ހާލަތަށާއި ބަލީގެ ބޮޑު ކުޑަމިނަށް ބެލުމަށްފަހު އެމީހުންގެ ބޭސްފަރުވާއަށް މިއަށްވުރެ ލުއިފަސޭހަ ގޮތްތަކެއް ހެދެން ނެތީ ތޯ މީ ކުރެވޭނެ ބޮޑު ސުވާލެއް ނޫންތޯއެވެ. ކުއްލިއަކަށް ދިމާވާ ސިއްހީ ދެރަ ހާލަތަށް ދައުލަތުން ދޭ އެހީގައި ރަަނގަޅު ހަރުދަނާ އުސޫލެއް އޮތުމަކީ މުހިއްމު ކަމެއް ނޫންތޯއެވެ؟