ރާއްޖޭގެ 31 ވަނަ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި، އެމްއެންޑީއެފް ޑްރިލް ޑިސްޕްލޭ އާއި ބޭންޑުގެ ހަރަކާތްތައް، މި ހަފްތާ ބަންދުގައި މާލެ އާއި ހުޅުމާލޭގައި ބާއްވާގޮތަށް ހަމަޖެހިއްޖެއެވެ.

ނަސްރުގެ ދުވަހުގެ މުނާސަބަތުގައި، ބާއްވާ ޑްރިލް ޑިސްޕްލޭ އާއި ބޭންޑުގެ ހަރަކާތްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހު 1 ވަނަ އަދި 2 ވަނަ ދުވަހެވެ. އެގޮތުން، މާދަމާގެ ހަވީރު 4:30 ގައި ހުޅުމާލެ ސެންޓްރަލް ޕާކް ސަރަހައްދުގައި ފެށުމަށް ހަމަޖެހިފައިވާ އެމްއެންޑީއެފް މިއުޒިކަލް ޑްރިލް ޑިސްޕްލޭ އާއި ބޭންޑުގެ ހަރަކާތްތައް ބަލާލުމުގެ ފުރުސަތު އާންމުކޮށްވަނީ ހުޅުވާލެވިފައެވެ.

މި ހަރަކާތްތައް ކުރިއަށްދާއިރު، އާންމުންނަށް ޑްރިލް ސްކޮޑާއި ބޭންޑް އެންޑް މިއުޒިކް ވިންގްގެ ސިފައިންނާއެކު ފޮޓޯ ނެގުމުގެ ފުރުސަތު ހުޅުވާލާގޮތަށް ވަނީ ހަމަޖެހިފައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އަދި އަންނަ ހޮނިހިރު ދުވަހު، ޖުމުހޫރީ މައިދާނުގައި ބޭއްވުމަށް ހަމަޖެހިފައިވަނީ އެމްއެންޑީއެފް މިއުޒިކަލް ޑްރިލް ޑިސްޕްލޭ އާއި ބޭންޑުގެ ހަރަކާތްތައް ދައްކާލުން ކަމަށާއި، މި ހަރަކާތް އޮންނާނީ އެދުވަހުގެ 4:30 ގައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ރާއްޖޭގެ އަންހެން ސިފައިންގެ ޚިދުމަތަށް 30 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ޝަރަފުގެ ހިނގާލުމުގެ ތެރެއިން ބޭންޑް ހަރަކާތްތައް ކުރިއަށް ދަނީ / ފޮޓޯ: އެމްއެންޑީއެފް

މިއުޒިކަލް ޑްރިލް ޑިސްޕްލޭ އަކީ އަސްކަރީ ސިފަވަންތަކަމާއި ސަފުތަކުގެ ބަދަހިކަމާއި އެއްބައެއްގެ ގޮތުގައި މަސައްކަތްކުރުމުގެ މަތިވެރި ރޫހު ވަރަށް ފުރިހަމައަށް ދައްކުވައިދޭ ހެވިކަމެކެވެ. އަދި މެހެތަރުގެ އެއްވެސް ކޮމާންޑެއް ނެތި ވަކި ސީކުއެންސަކަށް ސިފައިން އެއްބައެއްގެ ގޮތުގައި ހެވިކަމުގެ އެކިއެކި ހަރަކާތްތައް ދައްކުވައިދޭ މަންޒަރުތައް ހިމެނޭ ކަމެކެވެ.