ދެހާސް ފަނަރަ ވަނަ އަހަރު އަނިޔާވެރި ގޮތަކަށް މަރާލި އުމުރުން 3 އަހަރުގެ މުހައްމަދު އިބްތިހާލު މަރާލި ދުވަހު ކުރި އަނިޔާތައް ވަރަށް ތަފްސީލުކޮށް އާފިޔާގެ އިއުތިރާފު ބަޔާނުން ހާމަވެއްޖެއެވެ. އެ ބަޔާނުގައި އޭނާ ބުނެފައި ވަނީ އިބްތިހާލަށް އަނިޔާ ކުރީ ބުދެއް ބޭނުން ކޮށްގެން ކަމަށެވެ. އަދި އެ ތަހުގީގު ބަޔާން ޝަރީއަތަށް އިއްވުމުން އެ ބަޔާނަށް އޭނާ އިއުތިރާޒެއް ވެސް ނުކުރެއެވެ.
އިބްތިހާލުގެ މަރާގުޅިގެން ކްރައިމް ސީން ރިޕޯޓު ތައްޔާރު ކުރި ފުލުހުން އޮފިސަރު، މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ބުނީ އިބްތިހާލުގެ ހަށިގަނޑުގައި ދުވަސްވީ ލަކުނާއި ގިނަ ވަގުތު ނުވާ ޒަހަމްތަކެއް ފެންނަން ހުރި ކަމަށެވެ. ކްރައިމް ސީން ރިޕޯޓު ތައްޔާރުކުރި ފުލުސް މީހާ ބުނީ ކަންފަތާއި ކުރިމަތި ފަރާތް އަދި ކަރުގައި ގިނަ އިރުތަކެއް ނުވާ ޒަހަމްތަކެއް ހުރި ކަމަށެވެ.
އިބްތިހާލްގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާ ކުރާ، ކުއްޖާގެ މަންމަ އާފިޔާ މުހައްމަދު މަނިކުގެ މައްޗަށް ދެ ދައުވާއެއް ކުރެއެވެ. އެއީ ގަސްތުގައި ކުއްޖަކު މެރުމުގެ ދައުވާ އާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ އެވެ. މި ދެ ދައުވާއަށް ވެސް އާފިޔާ ވަނީ އިއުތިރާފު ވެފައެވެ.
މިއަދު އޮތީ އެ ދެ މައްސަލާގައި ވެސް ހެކިންގެ ހެކިބަސް ނެގުމެވެ. ދައުލަތުން ވަނީ އާފިޔާއާ ދެކޮޅަށް ނުވަ ހެއްކެއް ޝަރީއަތަށް ހުށަހަޅާފައެވެ.
މި މައްސަލާގައި ދެން ހުށަހެޅި ހެކިންނަކީ ވ. ރަކީދޫގައި ދިރިއުޅޭ މީހުން ކަމުން އެމީހުންނަށް އެރަށުގައި ތިބެގެން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ހެކި ހުށަހެޅުމުގެ އިންތިޒާމް ހަމަޖައްސައި ދިނުމަށް ދައުލަތުން ވަނީ ޝަރީއަތުގައި އެދިފައެވެ. ނަމަވެސް ރަކީދޫގައި އެ އިންތިޒާމް ހަމަޖެހިފައި ނެތުމުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ހެކިބަސް ނެގޭނެ އިންތިޒާމް ހަމަޖެހިފައި ހުރީ އެ ސަރަހައްދުގެ ކޮން ކޯޓެއްގައިތޯ ބަލާނެ ކަމަށް ދައުލަތުން ބުންޏެވެ.
މައްސަލަ ބައްލަވާ ގާޒީ މުހައްމަދު ސަމީރު ވިދާޅުވީ އެ މައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނީ މި މަހު ފަހުކޮޅުގައި ކަމަށެވެ. އަދި އެ ދުވަހު ދެން ހުރި ހެކިބަސް ނަގާނެ ކަމަށް ގާޒީ ވިދާޅުވިއެވެ.
މީގެ ކުރިން ތަހުގީގުގައި އިބްތިހާލު މަރާލިކަމަށް އާފިޔާ އިއުތިރާފުވީ ނަމަވެސް އާފިޔާ ވަނީ މި މަސް ތެރޭގައި ބޭއްވި އަޑުއެހުމެއްގައި އެކަމަށް އިންކާރުކޮށްފައެވެ. އޭނާ ބުނީ ކުރިން އިއުތިރާފުވީ އޭނާއަށް ބަޔަކު ބިރުދައްކައިގެން ކަމަށެވެ. އެގޮތުން އާފިޔާ ބުނީ ޖަލު އޮފިސަރުން އޭނާއަށް ވަޅިން ބިރު ދެއްކި ކަމަށެވެ.
ކިތައް އަހަރު ފަހުންބާ މިމައްސަލަ ނިމޭނީ
ޤިޞާޞް ހިފާ
ދަރިފުޅު މަރާލުމުގެ ސަބަބުން މަންމަގެ ކިބައިން ޤިސާސް ނުހިފޭނެ. އެހެންނަމަވެސް ދިޔަ ދޭންޖެހޭނެ އަދި އަދަބު ލިބޭނެ