މާތްވެގެންވާ އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ބަދުބަސް ބުނެ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)އިން ނެރެފައިވާ ރިޕޯޓާއި ދެކޮޅަށް އަޑު އުފުލުމުގެ ގޮތުން އެ ޖަމިއްޔާ އުވާލަން ގޮވާލައި (BanMDN#) ޝިއާރަކީ ގައުމީ ޝިއާރެއް ކަމަށް ޕީޕީއެމްގެ ނާއިބު ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޑރ. މުއިއްޒު ކުރެއްވި ޓްވީޓެއްގައި މިއަދު ވިދާޅުވީ އެމްޑީއެން އުވާލަށް ގޮވާލުމަކީ ގައުމީ ޝިއާރެއް ކަމަށާއި އެ ޝިއާރާކީ ދިވެހިންގެ ޝިއާރެއް ކަމަށެވެ. އެ ޝިއާރަކީ 'އިސްލާމްދީނަށް ހަމަލާ ދިނުމުން' މުޅި ގައުމު ގުގުމާލާފައިވާ ޝިއާރެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެއީ މިއަދު ދިވެހި ގައުމުގެ ހާލުގެ ދުލުން ގޮވަމުންދާ ގޮވުން ކަމަށް ވެސް ޑރ. މުއިއްޒުގެ ޓްވީޓުގައި ވަނީ ފާހަގަކުރައްވާފައެވެ.

އޭނާ މިފަދައިން ވިދާޅުވެފައި މިވަނީ، ބޭންއެމްޑީއެން ޝިއާރަކީ ޕީޕީއެމްގެ ޝިއާރެއްކަމަށް ސިފަ ކުރައްވާ ރައީސް ނަޝީދު ވާހަކަ ދައްކަވާފައި ވާތީއެވެ.

އިދިކޮޅު ފަރާތްތަކާއި އާއްމު ރައްޔިތުން އަންނަނީ އެމްޑީއެން އުވާލުމަށް ގޮވާލައި އިހުތިޖާޖު ކުރަމުންނެވެ.