އިންސާނީ މުޖުތަމައެއްގައި އަދި އިންސާނުން ދިރިއުޅޭ ވަތަނެއްގައި އެ ނަސްލެއްގެ މައިބަދައަކަށް ވާނީ ޒުވާނުންކަމަށް ހޯމް މިނިސްޓަރު ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

އއ.މަތިވެރީގައި ނިމުނު މިއަހަރުގެ 4 ވަނަ ޒުވާން ލީޑަރުންގެ ފޯރަމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ މުޖުތަމައެއް ކޮޅަށް ތެދުވެ، އެގައުމެއް ކުރިއަށްދާނީ ޒުވާނުންގެ މައިބަދަ ނުވަތަ ބެކްބޯންގައި ވަރުހުރި ވަރަކުން ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އެ ސަބަބަށްޓަކައި ހަގީގަތުގައިވެސް އިންސާނީ މުޖުތަމައެއްގެ ކުރިމަގު ބައްޓަން ކުރާނީ ނުވަތަ ކުރިމަގު ދައްކުވައިދޭނީ އަބަދުވެސް އެވަގުތެއްގައި އެމުޖުތަމައުއެއްގައި ތިބޭ ޒުވާނުންގެ ހާލަތު ކަމަށެވެ. އެމުޖުތަމައުއެއްގެ ޒުވާނުން ތިބިގޮތް ފެނުމުން އެމުޖުތަމައުއެއްގެ ކުރިމަގު އިނގޭނެކަން މިނިސްޓަރު އިމްރާން ފާހަގަކުރެއްވިއެވެ.

"މިސަބަބަށްޓަކައި ހަގީގަތުގައިވެސް މުޖުތަމައުއެއްގެ ކުރިމަގު އުފާވެރި، އުޖާލާ، ފާގަތި، ހިތްހަމަޖެހޭ މުޖުތަމައުއަކަށްވާނީ އެމުޖުތަމައުގެ ޒުވާނުންގެ ދުޅަހެޔޮކަމާ އިލްމީ ގާބިލްކަމާ، އެމީހުންގެ ހުނަރާ ފަންނުގެ ނަތީޖާއެއްގެ މައްޗަށް. އެހެންކަމުން އަޅުގަނޑުމެންގެ މިމުޖުތަމައުގެ ޒުވާނުންގެ ދުޅަހެޔޮކަމާ ފަންނާ ހުނަރު އިތުރުކޮށްދިނުން އެއީ މާދަމާ މިގައުމުގެ މުސްތަގުބަލް އުޖާލާކުރަން ބޭނުންނަމަ އަޅުގަނޑުމެން އެންމެ ކުރަންޖެހޭކަމެއް. މާދަމާ އަޅުގަނޑުމެން އުފާވެރިވާން ބޭނުންނަމަ، ހިތްހަމަޖެހިގެން އުޅެން ބޭނުންވާނަމަ އަޅުގަނޑުމެން މުޖުތަމައުގައި ތަނަވަސްކަމާ ތިޔާގިކަން އޮންނަން ބޭނުންނަމަ އަޅުގަނޑުމެން އެކަން ފުރަތަމަ ފަށަން ޖެހެނީ އަޅުގަނޑުމެންގެ ޒުވާނުންގެ ކިބައިން" މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.

ފޯރަމްގެ ބައިވެރިންނާ މުހާތަބުކުރައްވާ މިނިސްޓަރު ވިދާޅުވީ އެ ޒުވާނުންނަކީ މާދަމާ ޒުވާނުންނާ ހަމައަށް އަންނަންތިބި ތުއްތު ކުދިން ބަލާބޮޑުކޮށް އެކުދިންނަށް މިސާލުދައްކައިގެން ގެންނަންތިބި ޒުވާނުން ކަމަށެވެ. ފޯރަމްގައި ހޭދަކުރި ވަގުތުތަކަކީ ގައުމުގެ މުސްތަގުބަލަށް ހޭދަކުރި އަގުހުރި ވަގުތުތަކެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މިއަދު އިސްކޮށްތިބި މީހުން ރާވާ ހިންގާ ކަންކަން ތަންފީޒުކުރަން ތިބީވެސް ޒުވާނުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އިސްރަށްވެހީންނަށް އަޅާލާ އޯގާވެރިވެ، ހީވާގިކަމާއެކު މަސައްކަތްކުރަން ތިބީވެސް ޒުވާނުންކަމަށް ހަނދާކޮށްދެއްވާ މިނިސްޓަރު ވިދާޅުވީ ގައުމުގެ އުފާވެރިކަމާ ހަމަޖެހުން ބިނާވާނީ ޒުވާނުންގެ ހަރުދަނާކަމުގެ މައްޗަށް ކަމަށެވެ. މިގައުމު މާދަމާ އެހެން މަރުހަލާއަކަށް ގެންދެވޭނީ ޒުވާނުންގެ ކިބައިގައި ހިތްވަރު ހުރެގެންކަމަށްވެސް ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ ވިދާޅުވިއެވެ. އެމަސައްކަތުގައި ޒުވާނުންނަށް އެހީތެރިވުމަށް ސަރުކާރުން ކޮށްދެވެން ހުރި ހުރިހާކަމެއް ކޮށްދެއްވާނެކަމުގެ ޔަގީންކަންވެސް މިނިސްޓަރު ދެއްވިއެވެ.

އިސްލާމީ ތާރީހުންނާއި، ރާއްޖޭގެ ތާރީހުން މިސާލު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ދަތި އުނދަގޫ ވަގުތުތަކުގައި ސަލާމަތްކޮށްދެނީވެސް ޒުވާނުންކަމަށެވެ. ރާއްޖޭގެ ތާރީހުން އެމަނިކުފާން ނެންގެވީ މުހައްމަދު ތަކުރުފާން ރާއްޖެ ސަލާމަތްކުރެއްވުމަށް ކުރެއްވި ޖިހާދާއި، ނޮވެމްބަރު ތިނެއްގައި ޝަހީދު ހުސެއިން އާދަމް ކުރެއްވި ޖިހާދެވެ. މިނިސްޓަރު އިމްރާން ވިދާޅުވީ ކޮންމެ ޒުވާނަކީވެސް ލީޑަރެއް ކަމަށާއި އަދި ގައުމަށް ބަދަލެއް ގެނެސްދެވިދާނެ ކުއްޖެކަމަށެވެ. ގައުމެއްގެ ރައްޔިތުންނަށް ބަލާއިރު އެގައުމެއްގެ، އެމުޖުތަމައުއެއްގެ ޒުވާނުންނަށް ދެވިފައިވާ މަގާމަކީ ވަރަށްވެސް މަތިވެރި މަގާމެއްކަން އެމަނިކުފާން ފާހަގަކުރެއްވިއެވެ.

އއ.މަތިވެރީގައި ބޭއްވި ފޯރަމްގައި 80 އަށްވުރެ ގިނަ ޒުވާނުން ބައިވެރިވިއެވެ.