އެމްޑީއެންގެ ރިޕޯޓް ކުއްވެރިކޮށް، ބަޔާނެއް ނެރެން މާލެސިޓީ ކައުންސިލަށް ނުކެރިގެން އުޅެނީ ކީއްވެތޯ ކުރީގެ ހައުސިންގް މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުހައްމަދު މުއިއްޒު ސުވާލު އުފައްދައިފި އެވެ.

މުއިއްޒު މިހެން ސުވާލު އުފައްދަވާފައި ވާއިރު، އެމްޑީއެންގެ ރިޕޯޓް ކުއްވެރިކޮށް މިހާތަނަށް 78 ކައުންސިލަކުން ވަނީ އެމްޑީއެންގެ އެ ރިޕޯޓު ކުށްވެރިކޮށް ބަޔާންތައް ނެރެފައެވެ. މީގެއިތުރުން ގިނަ ރަށްތަކުގައި ވަނީ އެމްޑީއެންގެ ރިޕޯޓާއި އެ ޖަމިއްޔާގެ އިސްވެރިންނާއި ދެކޮޅަށް އަޑުއުފުލާ ހިނގާލުންތައް ވެސް ބާއްވާފައެވެ. އެމްޑީއެންއާ ދެކޮޅަށް އަޑުއުފުލި ކައުންސިލް ތަކުގެ ތެރޭގައި ރަށު ކައުންސިލްތަކާއި ބައެއް އަތޮޅު ކައުންސިލްތައް ވެސް ހިމެނެ އެވެ. ނަމަވެސް މިހާތަނަށް މާލެސިޓީ ކައުންސިލުން އެމްޑީއެންގެ ރިޕޯޓާ މެދު ކަންބޮޑުވުން ފާޅުކޮށް އަދި އެކަން ކުއްވެރިކޮށް އެއްވެސް ބަޔާނެއް ނެރެފައެއް ނުވެއެވެ.

ކައުންސިލްތަކުން ނެރުނު ބަޔާންތަކުގައި ވަނީ އެމްޑީއެންގެ ރިޕޯޓުގެ މައްސަލައާ ގުޅިގެން އެ ޖަމިއްޔާއަށް ހަރުކަށި ފިޔަވަޅު އެޅުމަށާއި ޖަމިއްޔާ އުވާލުމަށް ވެސް ކައުންސިލްތަކުން ވަނީ ގޮވާލާފަ އެވެ. އެމްޑީއެންގެ ރިޕޯޓާ ގުޅިގެން އެޖަމިއްޔާއާ ދެކޮޅަށް ރައްޔިތުންދަނީ އަޑުއުފުލަމުން ނެވެ. އެގޮތުން މިއަދު ހަވީރު މާލޭގައިވެސް އިހުތިޖާޖު ކުރިއެވެ. މި އިހުތިޖާޖުގައި ގިނަ އަދަދެއްގެ މީހުން ވަނީ ބައިވެރިވެފަ އެވެ.

އެމްޑީޕީން މިއަދު ނެރުނު ކުރު ބަޔާނެއްގައި ބުނީ އެޕާޓީއާ ވާދަވެރި ސިޔާސީ ފަރާތްތަކުގެ ސިޔާސީ ހަރަކާތްތަކަށް ހިތްވަރު ލިބޭ ޝިއާރުތައް އެމްޑީޕީގެ މަޖިލީހުގެ އެއްވެސް މެމްބަރެއްވެސް، ކައުންސިލަރެއްވެސް، އެމްޑީޕީގެ އެއްވެސް ގައުމީ މަޖިލިސް މެމްބަރަކުވެސް އަދި އާއްމު މެމްބަރަކުވެސް ބޭނުން ނުކުރުމަށް އެދޭ ކަމަށެވެ. އަދި އިދިކޮޅު ހަރަކާތްތަކަށް ބާރުލިބޭ، ވާގިވެރިވުމުގެ ބަޔާން ނެރުމާއި، އިދިކޮޅު މުޒާހަރާގައި ބައިވެރިވުމަކީ އެމްޑީޕީގެ އަސާސީ ގަވާއިދާއި، ދުރޫސުލް އަހްލާގުގެ ހަމަތަކުން ބޭރު ކަމެއް ކަމުގައި މެނުވީ ނުވާނެ ކަމަށްވެސް އެޕާޓީގެ ބަޔާނުގައި ބުނެފައިވެއެވެ.

އެމްޑީޕީން މިފަދައިން އިލްތިމާސް ކޮށްފައި ވާއިރު އާންމު ރައްޔިތުންނާއި އިދިކޮޅު ފަރާތްތަކުން އަންނަނީ އެމްޑީއެން އިން އިސްލާމްދީނަށާއި ރަސޫލާއަށް ފުރައްސާރަކޮށް ލިޔެފައިވާ ރިޕޯޓަކާ ދެކޮޅަށް އަޑު އުފުލާ ތަފާތު އެކި ޝިއާރުތައް ބޭނުން ކުރަމުންނެވެ.