މީގެ އަހަރުތަކެއް ކުރިން ނިޔާވެފައިވާ މއ. ވާދޫގެ އިބްރާހިމް ރަޝީދު އަދި ހައްވާ މުހައްމަދުގެ ނަންމަތީގައި ކެފޭއެއް ހިންގަން މިދިޔަ މަހު 11 ވަނަ ދުވަހު މާލެ ސިޓީ ކައުންސިލުން ހުއްދަ ދިން ކަމަށް ބުނެ މައްސަލަ ކޯޓަށް ހުށަހަޅަން ނިންމައިފިއެވެ.

މި މައްސަލަ ކޯޓަށް ހުށަހަޅަން ނިންމާފައި ވަނީ، ކެފޭ ހިންގުމަށް ހުއްދަ ދޫކޮށްފައިވާ ހައްވާ މުހައްމަދުގެ މާމަ ދަރި އަދި އިބްރާހިމް ރަޝީދުގެ ދަރި، މއ. ވާދޫގެ އަލީ ނިފާޒުގެ ފަރާތުންނެވެ. މީގެ އަހަރުތަކެއް ކުރިން ހައްވާ މުހައްމަދު ނިޔާވުމަށްފަހު އެމަރުހޫމުގެ ތަރިކަ ބެހުމުގެ މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަނާޅާ ވަނިކޮށް އޭނާ ނިޔާވި އިރު ދުނިޔޭގައި ހުރި ހަމައެކަނި ވާރިސް ކަމަށްވާ އޭނާގެ ފިރިހެން ދަރި އިބްރާހިމް ރަޝީދު ވަނީ ނިޔާވެފައެވެ. އިބްރާހިމް ރަޝީދު ނިޔާވި އިރު، ދުނިޔޭގައި ހުރި އޭނާގެ ހަމައެކަނި ވާރިސަކީ އޭނާގެ ފިރިހެން ދަރި، ނިފާޒެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ހައްވާ މުހައްމަދާއި، އިބްރާހިމް ރާޝީދު ނިޔާވިތާ އެތަށް އަހަރެއް ފަހުން އަމިއްލަ ފަރާތަކުން މއ. ވާދޫގޭގެ ގްރައުންޑް ފްލޯގައި ކެފޭއެއް ހިންގަން ފަށާފައި ވަނީ އެގޭގެ ތަރިކައިގެ މައްސަލަ ކޯޓުގައި ހިނގަމުން ދަނިކޮށް އެއްވެސް ވާރިސަކަށް އެނގުމަކާ ނުލައިކަން ވަނީ އެނގިފައެވެ.

މި އިމާރާތުގައި ހިންގަމުންދާ ކެފޭ ހިންގުމުގެ ހުއްދަ ހައްވާ މުހައްމަދާއި އިބްރާހިމް ރަޝީދަށް ސިޓީ ކައުންސިން ދޫކޮށްފައި ވަނީ މިދިޔަ މަހު 11 ވަނަ ދުވަހު ކަމަށް އެތަނުގައި ހަރުކޮށްފައި ހުރި 'ވަކި ކަމަކަށް އިމާރާތް ބޭނުންކުރުމުގެ ހުއްދަ' އިން އެނގެއެވެ.

ނިޔާވިތާ އެތަކެއް އަހަރުވެފައިވާ ދެ މައްޔިތެއްގެ ނަމުގައި މިފަދަ ހުއްދައެެއް މާލެ ސިޓީ ކައުންސިލުން ދޫކޮށްފައި ވަނީ އޮޅުމަކުން ކަން ގަބޫލު ކުރާ ކަމަށް ބުނެ ނިފާޒްގެ ފަރާތުން މި މައްސަލާގައި ވަކާލާތު ކުރާ ފަރާތުން ވަނީ ކަން ހިނގައި ދިޔަގޮތުގެ ތަފްސީލީ މައުލޫމާތު ސާފުކޮށްދިނުމަށާއި ދޫކޮށްފައިވާ ހުއްދަ ބާތިލުކޮށް ދިނުމަށް އެދި މާލެ ސިޓީ ކައުންސިލަށް ސިޓީއެއް ވެސް ހުށަހަޅާފައެވެ.

މާލެ ސިޓީ ކައުންސިލުގެ މޭޔާ ޝިފާ މުހައްމަދު / ފޮޓޯ: ދަ ޕްރެސް

މި މައްސަލައާ ގުޅިގެން މާލެ ސިޓީ ކައުންސިލުގެ މޭޔާ ޝިފާ މުހައްމަދު 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މި މައްސަލަ ފެންމަތިވެފައި ވަނީ މީޑިއާގެ ފަރާތުން ކަމަށާއި، މައްސަލާގައި ހިމެނޭ ގޭގެ ވާރިސުގެ ފަރާތުން ސިޓީއެއް ފޮނުވާފައިވާ ކަން އަދި އެނގިވަޑައިގެންފައި ނުވާ ކަމަށެވެ. ނަމަވެސް، މި މައްސަލައާ ގުޅިގެން ބޭނުންވާ ހުރިހާ ލިޔެކިއުމެއް މިހާރު ސިޓީ ކައުންސިލަށް ހުށަހެޅުމަށް އަންގާފައި ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝިފާ ވިދާޅުވީ، ކެފޭ ތަކަށް ހުއްދަ ދޫކުރަނީ ގޭގެ ރަޖިސްޓްރީ ހުށަހަޅައިގެން ކަމަށާއި، ގޭގެ ވެރިފަރާތުން ނަޔަސް، ވެރި ފަރާތުން ސޮއި ކޮށްފައިވާ ސިޓީއެއް ކައުންސިލަށް ހުށަހެޅުމުން މިދަފަ ހުއްދަތައް ދޫކުރާ ކަމަށެވެ. އަދި މި މައްސަލަ ދިމާވެފައިވަނީ ގޭގެ ވެރިފަރާތުގެ ސޮއި ނަކަލު ކޮށްގެން ކަމަށް ބެލެވޭ ކަމަށާއި، މައްސަލަ ދިމާވީ ކައުންސިލުގެ ސެކްޝަނުން ކަމަށް ވާތީ، މައްސަލަ މިހާރު ލީގަލް ޑިޕާޓްމަންޓާއި ހަވާލުކޮށްގެން މާދަމާ ބެލުމަށް ނިންމާފައިވާ ކަމަށް ޝިފާ ވިދާޅުވިއެވެ.

އަޅުގަނޑުމެންނަށް ރަނގަޅީ ވެސް މިފަދަ މައްސަލަތައް ކޯޓަށް ހުށަހެޅިއްޔާ
ޝިފާ

މި މައްސަލަ ކޯޓަށް ހުށަހެޅުމާއި ބެހޭގޮތުން ޝިފާ ވިދާޅުވީ، މިފަދަ މައްސަލަތަކުގައި ކޯޓަށް ހުށަހަޅައިގެން ބެލުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި ދެކިވަޑައިގަންނަވާ ކަމަށާއި، އެކަމުގައި އޭނާގެ އަދި ކައުންސިލުގެ ވެސް އެއްވެސް އިއުތިރާޒެއް ނެތް ކަމަށެވެ.