ސަރުކާރުން ކުރިއަށް ގެންދަން ބޭނުންވާ މަޝްރޫއުތައް އަވަހަށް ކުރިއަށް ގެންދިއުމުގައި އޯޕަން ބިޑަކަށް ނުގޮސް ކުރިއަށް ގެންދެވޭނެ އުސޫލެއް އޮތުމަކީ މުހިއްމު ކަމެއް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

ގުޅީފަޅު ބިން ހިއްކުމުގެ މަސައްކަތް ބިޑަކާނުލާ ބޮސްކާލިސް ވެސްޓްމިންސްޓާ ކޮންޓްރެކްޓިން ލިމިޓެޑާ ހަވާލުކުރި މައްސަލައާ ގުޅިގެން މިއަދު ސަރުކާރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު އަމީރު ވިދާޅުވީ މީގެކުރީގެ ސަރުކާރުން އޯޕަން ބިޑަކަށް ނުގޮސް މަޝްރޫއުތައް ހަވާލުކުރާތީ އެކަމާއި ދެކޮޅަށް އޭރު އަޑު އުފުލަން ޖެހުނީ ފުރިހަމަ ކުރަންޖެހޭ އުސޫލުތައް އޭރުގެ ސަރުކާރުން ފުރިހަމަ ނުކޮށް އެކަން ކުރަމުންދާތީ ކަމަށެވެ.

ނަމަވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެ މަސައްކަތް ކުރަމުން ދަނީ މާލިއްޔަތު ގަވާއިދުގައި ބުނެފައިވާ ހުރިހާ މަރުހަލާއެއް ފުރިހަމަ ކުރުމަށްފަހު ކަމަށް ވިދާޅުވެ މިނިސްޓަރު ވިދާޅުވީ އޯޕަން ބިޑަކަށް ނުގޮސް އެ މަސައްކަތް ހަވާލު ކުރަނީ، އެކަމުގައި ބަލަންޖެހޭ ބެލުންތައް ވެސް ބެލުމަށްފަހު ކަމަށެވެ. އެގޮތުން އެފަދަ ފަރާތަކުން ހުށަހަޅާފައިވާ އަގަކީ މާކެޓްގެ އަގުތަކާ އެއްވަރުގެ އަދަދެއްތޯ އާއި އެކަމުން ދައުލަތަށް ކުރަނީ ފައިދާތޯ ވެސް ބަލައި އެކަން ކަށަވަރު ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެގޮތުން މިނިސްޓަރު ވަނީ ބޮސްކާލިސް އަށް ޕްރޮޖެކްޓު އެވޯޑުކުރުމުގއި ކޮރަޕްޝަން ނުހިމެނޭނެކަމުގެ ޔަގީންކަން ދެއްވައިފަ އެވެ. މިނިސްޓަރު ވިދާޅުވީ ބޮސްކާލިސްއާ އެ މަސައްކަތް ހަވާލުކުރީ ރަނގަޅަށް އިވެލުއޭޓު ކޮށްގެން ކަމަށެވެ.

ބޮސްކާލިސްއަށް ގުޅީފަޅު ހިއްކަން ހަވާލުކުރީ 53 މިލިއަން ޑޮލަރަށެވެ. އަދި މި މަޝްރޫއު ބިޑަކާއި ނުލާ ހަވާލު ކުރުމުން ގިނަބައެއްގެ ފާޑުކިއުން ސަރުކާރަށް އަންނަނީ އަމާޒުވަމުންނެވެ. މީގެއިތުރުން މި މައްސަލަ ރައްޔިތުންގެ މަޖިލީހުން ބެލުމަށް ވެސް މިހާރު ވަނީ ނިންމާފައެވެ.

މިކަމާއި ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީން)ވެސް ވަނީ އޯޕަން ބިޑަކަށް ނުގޮސް މަޝްރޫއުތައް ހަވާލު ކުރުމަކީ ކޮރަޕްޝަނަށް މަގުފަހިވާނެ ކަމެއް ކަމަށް ބުނެފައެވެ.