ފަލަސްތީނުގެ ރައްޔިތުން މިނިވަން ދައުލަތެއް ގާއިމްކުރުމަށް ކުރަމުންދާ މަސައްކަތަށް ދިވެހިރާއްޖެއިން ތާއީދުކުރާކަމަށް ދިވެހި ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުހައްމަދު ވިދާޅުވެއްޖެއެވެ.

ދިވެހި ފޮރިން ސެކްރެޓަރީ މިފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވާފައި މިވަނީ، އަޒަރުބައިޖާންގެ ވެރިރަށް ބާކޫގައި ކުރިއަށްދާ ނަން-އެލައިންޑް މޫވްމަންޓްގެ ޕްރިޕަރޭޓަރީ މިނިސްޓީރިއަލް ބައްދަލުވުމުގައި ވާހާކަފުޅުދައްކަވަމުންނެވެ.

ފަލަސްތީނުގެ މައްސަލާގައި، މިފަހަކަށް އައިސް ދިވެހިރާއްޖެއިން ދަނީ ބައިނަލްއަގުވާމީ ޕޯޑިއަމްތަކުގައި ފުޅާދާއިރާއެއްގައި ވަކާލާތުކުރަމުންނެވެ. އެގޮތުން މިދިޔަ މަހު، އެމެރިކާގެ ނިއު ޔޯކް ސިޓީގައި ކުރިއަށް ގެންދިޔަ އދގެ 74 ވަނަ އާންމު މަޖިލީހުގެ ޖަލްސާތަކުގައިވެސް ދިވެހިރާއްޖެއިންވަނީ، މެދުއިރުމަތީގެ ސުލްހައިގެ މަޝްވަރާތަކުގައި ފަލަސްތީނާ އެއްކޮޅަށް ވަކަލާތުކޮށްފައެވެ.

އދގެ އާންމު މަޖިލީހުގެ އިސްވެރިންގެ ބައްދަލުވުމުގައި ތަގުރީރުކުރައްވަމުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ވަނީ ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލުކުރުމަށް އދގެ ގެ މެންބަރު ގައުމުތައް ނުކުޅެދިފައިވާކަން ހިތާމައާއެކު ފާހަގަ ކުރައްވައި، ފަލަސްތީނުގެ ރައްޔިތުންނާއެކު ރާއްޖެއިން އަބަދުވެސް ދެމިތިބޭނެކަމުގައި ވިދާޅުވެފައެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންގެ ވަޒަނަށް ގަވާއިދާ ހިލާފަށް އަރައިގަނެ ފަލަސްތީނު ރައްޔިތުންގެ ހައްގުތަކަށް އިސްރާއީލުން އަރައިގެންފައިވާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ.

ކަންމިހެން އޮތްއިރު، ފަސޭހަފުޅު ވަގުތެއްގައި ގުދުސަށް ޒިޔާރަތެއް ކުރެއްވުމަށް ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސްގެ ހާއްސަ މަންދޫބު، ޕްރެޒިޑެންޓް އެޑްވައިޒާ ފޯ ރިލިޖަސް އެފެއާޒް އެންޑް އިސްލާމިކް ރިލޭޝަންސް، ސުޕްރީމް ޖަޖް އޮފް ޝަރީއާ ކޯޓްސް، ޑރ. މަހުމޫދު އަލް ހައްބާޝް ވަނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދައުވަތުވެސް އަރުވާފައެވެ.

ޑރ ހައްބާޝްއާއިއެކު ކުރިއަށް ގެންދެވި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހު ވަނީ، މެދުއިރުމަތީގައި ސުލްހަ ގާއިމުކުރެވޭނީ 1967 ގައި އދ އިން ކަނޑައަޅާފައިވާ ގޮތަށް ސަރަހައްދީ އިން ވަކިކޮށް އިރުމަތީ ގުދުސަކީ ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައި ހިމެނޭހެން ފަލަސްތީނުގެ ދައުލަތެއްވެސް ގާއިމު ކުރެވިގެންކަން ފާހަގަކުރައްވާފައެވެ.

ދިވެހިރާއްޖެއާއި ފަލަސްޔތީނާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރީ 1988 ވަނަ އަހަރުގެ ތެރޭގައެވެ.