މެންދުރު ނިދީގައި ސިއްރު ކޮޓަރީގައި އަނގަ ނުތެޅުއްވުމަށް ވިދާޅުވެ ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު، ޕްރޮސިކިއުޓަ ޖެނެރަލް އައިޝަތު ބިޝާމަށް އިންޒާރު ދެއްވައިފިއެވެ.
މަލީހު އިންޒާރު ދެއްވާފައި މިވަނީ، އެމްއެމްޕީއާރުސީގެ ހިޔާނާތުން މަންފާ ލިބުނު ކަމަށް ތުހުމަތު ކުރެވޭ މީހުން ހިމެނޭ ލިސްޓުގައި މިނިސްޓަރު މަލީހުގެ ނަން އޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ބިޝާމް ފާހަގަ ކުރެއްވި ކަމަށް ނޫސްވެރިއަކު ބުނެގެންނެވެ. މަލީހް ވިދާޅުވީ، ޕީޖީގެ މަގާމަކީ އަސާސެއް ނެތި މެންދުރު ނިދީގައި ސިއްރު ކޮޓަރީގައި އަނގަ ތެޅުއްވުމަށް ވުރެ ޒިންމާދާރު މަގާމެއް ކަމަށެވެ. އަދި ޕީޖީ ތައްޔާރަށް ހުންނެވުމަށް ނަސޭހަތްތެރިވެވަޑައިގަންވާ ވާކަމަށް ވިދާޅުވެ މަލީހުގެ އިންޒާރު ވަރުގަދަ ކުރެއްވިއެވެ.
އެމްއެމްޕީއާރުސީގެ ހިޔާތާނުގެ ލިސްޓުގައި މަލީހުގެ ނަން ހިމެނޭ ކަމަށް ހާމަވެގެން ދިޔަ މިއީ ފުރަތަމަ ފަހަރެވެ. މަލީހު އެކަމަށް އިންކާރު ކުރައްވާ އިރު، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ މިސަރުކާރުގެ ބައެއް ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނަށް ލިބިފައިވާ ކަމުގެ ތުހުމަތު ޕީޖީ ވަނީ ކުރައްވާފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީގައި އެކަމާ ގުޅޭ ވާހަކަތައް ޕީޖީ ވަނީ ދައްކަވާފައެވެ.
މި ކަމާ ގުޅީގެން މަލީހު ވަނީ ޕީޖީގެ މައްޗަށް އަބުރުގެ ދައުވާ ކުރައްވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ތިން މިނިސްޓަރެއްގެ ނަން އެމްއެމްޕީއާރުސީގެ ހިޔާނާތުން މަންފާ ލިބުނު ލިސްޓުގައި ވަނީ ހިމަނާފައެވެ. އެއީ ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލާއި ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދުގެ އިތުރުން ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފެވެ.
މީގެ އިތުރުން ފުލުހުންގެ އޮފިސަރުންތަކެއް މި ހިޔާނާތުގައި ބައިވެރިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މިވަގުތު ތަހުގީގު ކުރިއަށްދާތީ ބަލަމުންދަނީ ކިތައް ފުލުހުންގެ މައްސަލަ ކަމެއް ހާމައެއް ނުކުރެއެވެ. ނަމަވެސް ތަހުގީގު ކުރެވެމުންދާ ފުލުހުންގެ ތެރޭގައި އެގްޒެކެޓިވް ލެވެލްގެ ފުލުހުންނާއި ނޮން-ކޮމިޝަންޑް އަދި ކޮމިޝަންޑް އޮފިސަރުން ވެސް ހިމެނޭ ކަމަށް މައުލޫމާތު ދީފައިވެއެވެ.