އާޓިފިޝަލް ބީޗުގައި އުޅެނިކޮށް ވެއްޓިގެން ހޮސްޕިޓަލަށް ގެންދިޔަ އިރު މަރުވެފައި އޮތް މީހާގެ އާއިލާއާ މިހާރު ގުޅިއްޖެ ކަމަށް، އޭޑީކޭ އިން ބުނެފިއެވެ.

އޭޑީކޭއަށް ގެންދިޔަ އުމުރުން ދުވަސްވީ މީހަކީ ކާކުކަން ނޭނގިގެން އޭޑީކޭއިން ވަނީ އެމީހާ ދެނެގަތުމަށްޓަކައި އިއުލާނުކޮށްފައެވެ. އަދި އެމީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއް ހުރިކަމަށްވާ ނަމަ ފުލުހުންވެސް ވަނީ ފުލުހުންނަށް އެ މައުލޫމާތު ހިއްސާ ކުރުމަށް އެދިފައެވެ.

އޭޑީކޭ ހޮސްޕިޓަލުން ބުނީ މަރުވި މީހާގެ އާއިލާއާ މިހާރު ގުޅިފައިވާ ކަމަށެވެ. އަދި އާންމުން ދިން އެހީތެރިކަމާއި އެއްބާރުލުމަށް އެ ހޮސްޕިޓަލުގެ ފަރާތުން ވަނީ ޝުކުރު އަދާކޮށްފައެވެ.

ފުލުހުންވެސް ބުނީ މަރުވި މީހާގެ އާއިލާ މީހުންނާ ގުޅިފައިވާ ކަމަށެވެ. އެމީހާއަކީ އުމުރު 67 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ. އަދި މަރުވިމީހާގެ އާއިލާއިން އެމީހާގެ ހަށިގަނޑާ މިހާރު ހަވާލުވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.