ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް ޑރ. އަހުމަދު އަބްދުﷲ ދީދީ ރަސްމީ ދަތުރެއްގައި މިސްރަށް ފުރާވަޑައިގެންފިއެވެ.
ސުޕްރީމް ކޯޓުން ބުނީ، އުއްތަމަ ފަނޑިޔާރު މިސްރަށް ކުރައްވާ މި ދަތުރުފުޅަކީ މިސްރުގެ ސުޕްރީމް ކޮންސިޓިއުޝަނަލް ކޯޓުގެ ރަންޔޫބިލް މުނާސަބަތުގައި ބައިވެރިވެވަޑައިގަތުމަށް ސުޕްރީމް ކޮންސިޓިއުޝަނަލް ކޯޓުގެ ދައުވަތަކަށް ކުރައްވާ ދަތުރެއް ކަމަށެވެ. މި ދަތުރުގައި އުއްތަމަ ފަނޑިޔާރު ފުރާވަޑައިގަތީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށް މައުލޫމާތު ލިބެއެވެ. މިދަތުރުގައި ޑރ. ދީދީ އާއެކު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ބައިވެރިވެ ވަޑައިގެންނަވާ ކަމަށް ސުޕްރީމް ކޯޓުން ބުނެއެވެ.
ރަސްމީ ދަތުރެއްގައި ފަނޑިޔާރު ޑރ. ދީދީ ފުރާވަޑައިގެންފައި މި ވަނީ، ހަގީގަތް އޮޅޭގޮތަށް ބަޔާނެއް ނެރުއްވާފައި ވާތީ، ޑރ. ދީދީގެ އިތުރު ސުލޫކީ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ނިންމާފައި ވަނިކޮށެވެ.
ޖޭއެސްސީން ބުނެފައި ވަނީ، ޑރ. ދީދީއާ ގުޅޭ ގޮތުން އެ ކޮމިޝަނުން ބެލި ސުލޫކީ މައްސަލައެއް ސާބިތުވެ ތައުދީބީ ފިޔަވަޅެއްގެ ގޮތުން ނަސޭހަތް ދިނުމަށް ނިންމުމުން، އެ ކޮމިޝަނުން ފޮނުވި ނަސޭހަތުގެ ލިޔުމާ ހަވާލުވެވަޑައިގަތުމަށް ފަނޑިޔާރު ދީދީ އިންކާރު ކުރައްވާފައިވާ ކަމަށެވެ. ޑރ. ދީދީގެ ސުލޫކީ މައްސަލައެއް ތަހުގީގު ކުރުމަށްޓަކައި އެ ކޮމިޝަނަށް ހާޒިރުވުމަށް އަމުރު ފޮނުވުމުން އެ މައްސަލަ ބެލުމުގެ އިހްތިސޯސް އެ ކޮމިޝަނަށް ލިބިގެން ނުވާކަމަށް ބަޔާން ކުރައްވައި ހާޒިރުވެވަޑައިގަތުމަށް އުޒުރުވެރިވެވަޑައިގަންނަވާ ކަމަށް ދީދީ ވިދާޅުވެ ސިޓީއެއް ވެސް ވަނީ ޖޭއެސްސީއަށް ފޮނުއްވާފައެވެ. އަދި އެއަށްފަހު ކޮމިޝަނުން ތަހުގީގު ކުރާ މައްސަލައާ މެދު ހަގީގަތާ ހިލާފު ވާހަކަތަކެއް އާންމު ކޮށް ބަޔާނެއް ނެރުއްވުމުން، އެ ކޮމިޝަނުގެ ދުސްތޫރީ މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސްއަޅައި، އެ ކޮމިޝަނުން ބަލަމުންދާ މައްސަލައަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކޮށްފައިވާ ކަމެއް ކަމަށް ފެންނަ ކަމަށް ބުނެ ވަނީ ސުލޫކީ މައްސަލައެއް ގޮތުގައި އެކަން ޖޭއެސްސީން ނަގާފައެެވެ.
ތިޔަބުނާޖޭއެސްސީއަކީ ސިޔާސީ ޖަގަހައެއް އެމީހުން ބޭނުން ލާދީނީ ހުކުމް ނުވާތީ ޖޭވަނީ !