ޕްރޮސިކިއުޓާ ޖެނަރަލް އައިޝަތު ބިޝާމް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފެށުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީއިން އިއްޔެ ނިންމާފައި ވަނިކޮށް އެ ނިންމުން ހަމަ އެ ކޮމެޓީއިން މިއަދު ބާތިލްކޮށްފި އެވެ.

މިއަދު ބޭއްވި ކޮމެޓީގެ ބައްދަލުވުމުގައި އެ ނިންމުން ބާތިލް ކުރަން ހުށަހެޅުއްވީ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދެވެ. ޖިހާންގެ އެ ހުށަހެޅުމަށް ކޮމެޓީގެ ހަތަރު މެންބަރަކު ތާއިދު ކުރެއްވުމާއެކު ހުށަހެޅުން ފާސްވި އެވެ.

އިއްޔެގެ ނިންމުން ބާތިލް ކުރަން ޖިހާން ހުށަހެޅުއްވީ ޕީޖީ މަގާމުން ވަކި ކުރަން ހުށަހަޅާފައިވަނީ އެމްޑީޕީގެ އުސޫލުތަކާ ހިލާފަށް ކަމަށް ވިދާޅުވެއެވެ. ޕީޖީ ވަކިކުރަން ކޮމެޓީއަށް ހުށަހެޅުއްވީ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖެވެ. އޭނާ މިއަދުގެ ކޮމެޓީ ބައްދަލުވުމަށް ވަޑައިނުގަންނަވަ އެވެ.

ރައްޔިތުން މަޖިލީހުގެ މިހާރުގެ ގަވާއިދުގައި ކޮމެޓީން އެފަދަ ނިންމުމެއް ނިންމިކަން މަޖިލީހުގެ ރައީސަށް ހިއްސާ ކުރަން ޖެހޭނެއެވެ. އަދި މަޖިލީހުގެ ރައީސް ތަޅުމަށް އެކަން އިއުލާނު ކުރުމަށްފަހު، އަނެއްކާ އެ މައްސަލަ ކޮމެޓީއަށް ފޮނުވާނެއެވެ.

އެހެންކަމުން ޕީޖީ މަގާމުން ވަކި ކުރަން ސިރާޖު ހުށަހެޅުއްވި ހުށަހެޅުމަކީ އުސޫލުތަކުގެ ބޭރުން ހުށަހެޅި ހުށަހެޅުމެއް ނޫނެވެ. ސިރާޖު އެގޮތަށް ހުށަހަޅާފައި ވަނީ ވެސް ޕީޖީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ދިރާސާ ކުރުމުގެ ތެރޭގަ އެވެ.

އެ ބިލަކީ ޕީޖީގެ ނަޒާހަތްތެރިކަން އިތުރު ކުރުމަށް ބަދަލުތައް ގެންނަ ބިލެކެވެ. މޫސާ ސިރާޖު ހުށަހެޅުމުގައި ވިދާޅުވެފައިވަނީ ޕީޖީ ނަޒާހަތްތެރިކުރުމަށް އެންމެ މުހިންމު ކަމަކީ މިހާރުގެ ޕީޖީ ބިޝާމް މަގާމުން ވަކިކުރުން ކަމަށެވެ.